13 ސެޕްޓެމްބަރ 2018 - 19:49

ޕީޕީއެމް އެ ޕާޓީގެ އަސްލު ވެރިންނާ ހަވާލުކުރައްވާނެ ކަމަށް ވިދާޅުވެ، އެކަމަކީ ރިޔާސީ ވައުދަކަށް ހައްދަވައިގެން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.
ރައީސް ޔާމީނާ އެކު އައްޑު އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ހުޅުމީދޫގައި ހަވީރު ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވި އިބޫ އަށް އެނގިވަޑައި ނުގަތަސް ޕީޕީއެމް މިހާރު ވެސް ހިންގަވަނީ އެ ޕާޓީގެ އަސްލު ވެރިން ކަމަށެވެ.
އިބޫ ވަނީ ވެރިކަމަށް ވަޑައިގެންފި ނަމަ ޕީޕީއެމް އޭގެ އަސްލު ވެރިންނަށް ހަވާލު ކުރައްވާނެ ކަމަށް އއ. ތޮއްޑޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފަ އެވެ.
"އެ މަނިކުފާނު [އިބޫ] ގެ އެންމެ ބޮޑު ވައުދަކަށް މިއޮތީ އެ މަނިކުފާނުގެ ސަރުކާރެއްގައި ޕީޕީއެމް އެ ޕާޓީގެ އަސްލުވެރިންނާ ހަވާލު ކުރައްވާނެ ކަމަށް ވެވަޑައިގަތް ވައުދު. އަޅުގަނޑު އިބޫ އަށް ދަންނަވާލަން ބޭނުން ވަނީ ޕީޕީއެމްގެ އަސްލު ވެރިންނަކީ ކޮބައިކަން އިބޫ އަށް ކިހާ ވަރަކަށް އެނގިވަޑައިގަންނަވާތޯއޭ؟" އަބްދުއްރަހީމް ވިދާޅުވި އެވެ. "އެއީ މަނިކުފާނުގެ ރިޔާސީ ވައުދަކަށްވީމަ ދެން އަޅުގަނޑުމެން މަނިކުފާނުގެ ވެރިކަމެއްގައި ކަންތައްތައް ހިނގާނެ ގޮތާ ދޭތެރޭގައި އެކައްޗެއް ވެސް ދަންނަވާކަށް ނެތް."
އޭނާ ވިދާޅުވި ގޮތުގައި އިބޫގެ އެ ވާހަކަތަކަކީ ޕީޕީއެމްގެ އަސާސީ ގަވައިދަށް ބެލުމެއް ނެތި، ވޯޓު ހޯދުމުގެ މަގުސަދުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް ހަތިޔާރަކަށް ހައްދަވައިގެން ދައްކަވާ ވާހަކަ އެވެ.
"އެއީ އެ މަނިކުފާނާ އާއިލާގެ ހިތްހަމަޖެހުމަށްޓަކައި ވެވަޑައިގެންނެވި ވައުދެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި އިދިކޮޅުގައި ތިބި އެއްވެސް ބަޔަކީ ދުވަހަކު ވެސް ރައީސް މައުމޫނަށް ހެޔޮ އެދޭނެ ބައެއް ނޫނެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ޕީޕީއެމް މިއަދު ހިންގަމުން ގެންދަނީ މި ޕާޓީގެ އަސްލު ވެރިންނޭ. މި ޕާޓީގައި ރައީސް ޔާމީނަށް ވުރެ ވަކިން މަސައްކަތް ކުރެއްވި ޕާޓީގެ ލީޑަޝިޕް ހައްގު އެއްވެސް ބޭފުޅަކު ނުހުންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެން ވަރަށް ރަނގަޅަަށް ދަންނަ ކަމެއް. ދިވެހި ރައްޔިތުން ވެސް ދެނެވަޑައިގަންނަވާނެ މިކަން. އިބޫ އަށް މިކަން އެނގިވަޑައި ނުގަތުމަކީ އިބޫ އަށް ރާއްޖޭގެ ސިޔާސީ ކަނޑުގައި ފައިހަމަކޮށްލުމަށް ކުފޫ ހަމަ ނުވާ ކަމުގެ ސާބިތު ހެއްކެއް."
އިބޫގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން މިއަދު ވިދާޅުވީ ޕީޕީއެމް މައުމޫނާ ހަވާލުކުރި ނަމަވެސް އެމްޑީޕީއާ ގުޅުމެއް އޮވެއްޖެ ނަމަ ޕީޕީއެމްގެ އާންމު މެންބަރުން އެގޮތާ ނުރުހޭނެ ކަމަށެވެ. އަދި އިބޫ ޕީޕީއެމާ ބެހޭ ގޮތުން ދައްކަވާ ވާހަކަތަކީ އޮޅިވަޑައިގެން ދައްކަވާ ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.
"ރައީސް މައުމޫން އެމްޑީޕީއާ އެއް ކޯލިޝަނެއްގައި ހުންނަވަނިކޮށް މިއަދު ޕީޕީއެމްގެ ވެރިޔަކަށް މައުމޫން ވަޑައިގަތަސް އެއްވެސް ޒުވާނަކު އެއްވެސް ދިވެއްސަކު ޕާޓީގައި ނޫޅޭނެ. ޕީޕީއެމްގެ ފިކުރަކީ އަދި އޭރު އޮތް ޑީއާރްޕީގެ ފިކުރަކީ ހަގީގަތުގައި އެމްޑީޕީއާ އެންޓި ޑޯސްއެއް. އެމްޑީޕީއާ އެއްކޮޅަކަށް ޕީޕީއެމް މެންބަރުން އަރާނެ ގޮތެއް ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް މައުމޫނާ ހަވާލު ކުރާ ވާހަކަ ކޯލިޝަނުން މާ ވަރަކަށް ދައްކަނީ ރައީސް މައުމޫނަށް ސަރުކާރުން ބައެއް އެޅުމުގެ ބަދަލުގައި ކޯލިޝަނުން ފައްސާލުމަށެވެ. އަދި ސަރުކާރުން ހިއްސާއެއް ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ނުކުރައް ވާނެ ކަމަށް ވިދާޅުވި އެވެ.
"އިބޫ އަށް އެނގޭނެ ޕީޕީއެމްގެ އާންމު މެންބަރުން އެމްޑީޕީއާއެކު ނުދާނެކަން، އެހެންވެ ބައި އެޅުން ދޫކޮށްލާފައި ޕާޓީ ދޭނަމޭ އެ ބުނީ،" ރައީސް ޔާމީން ވިދާޅުވި އެވެ. "ކޭކަކީ ހާދަ މީރު ކޭކެކޭ. އެކަމަކު ލިބޭ މީހާ މުޅި ކޭކް ކާލަން ބޭނުން ވާނީ. އެއެއް ނުލިބޭނެ. ފެޅުމުގެ ކުރިން ބައި އަޅާނެ ވާހަކަ ބުނާނެ. އެކަމަކު އޭގެ ހަގީގަތް އެ ވިދާޅުވަނީ. އެ ވިދާޅުވަނީ ތިމަންނަމެން ރައީސް މައުމޫނަކާ އެކީ ނުދާނަދޭ. ރައީސް މައުމޫނާ ޕީޕީއެމް ހަވާލުކޮށްފައި ފައްސައިލާނަމޭ އެއީ އެ ވިދާޅުވާ ވާހަކައަކީ."
ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީނާ ޕާޓީ ހަވާލުކުރީ، އެމަނިކުފާނާ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކަށް ފަހުގަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.