07 އޯގަސްޓް 2016 - 22:51

ލަންޑަން (އޮގަސްޓް 7) - މެންޗެސްޓާ ޔުނައިޓެޑާ އަލަށް ގުޅުނު ސްވިޑަން ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ފަހު ވަގުތު ވައްދާލި ލަނޑާ އެކު ލެސްޓާ ސިޓީ އަތުން 2-1 އިން މޮޅުވެ އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.

ޔުނައިޓެޑުން ޝީލްޑް މެޗުގައި އެންމެ ފަހުން ވާދަކުރި ހަތް ފަހަރުގެ ތެރެއިން ހަ ފަހަރު ކާމިޔާބު ހޯދާފައިވާއިރު މިއީ އެ ޓީމުން ޝީލްޑް ކާމިޔާބުކުރި ޖުމްލަ 21 ވަނަ ފަހަރެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ލީޑު ނެގީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޔުނައިޓެޑުންނެވެ. އެ ޓީމަށް 32 ވަނަ މިނެޓުގައި ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި ވެސް ލަނޑު ޖެހި ޖެސޭ ލިންގާޑެވެ. އޭގެ ކުރިން ކެޕްޓަން ވޭން ރޫނީ އަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ލުކް ޝޯ ނެގި ހުރަސް ރޫނީ ބޮލުން ޖެހުމުން ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝުމެއިކަލް ދިފާއުކުރި އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅު ލެސްޓާގެ ޖަޕާން ފޯވާޑް ޝިންޖީ އޮކަޒާކީ އަށް ގޯލް ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއިރު، ޔުނައިޓެޑުގެ އާ ޑިފެންޑަރު އެރިކް ބެއިލީ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ލެސްޓާ އިން އެއްވަރުކުރީ 52 ވަނަ މިނެޓުގަ އެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ އިނގިރޭސި ފޯވާޑް ޖެމީ ވާޑީ އެވެ. ލެސްޓާއާ އަލަށް ގުޅުނު އަހުމަދު މޫސާ އުފައްދަން މަސައްކަތްކުރި ހަމަލާއެއް ބޭކާރުވެ، ޔުނައިޓެޑުގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީ ލިބުނު ބޯޅަ އޭނާ ފަހަތަށް ޖައްސާލުމުން އެ ބޯޅަ ވާޑީ ހޯދުމަށް ފަހު ގޯލަށް ވައްދާލީ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ކައިރިން ނައްޓާލުމަށް ފަހު އެވެ.
މެޗު އެއްވަރުވާނެ ކަމަށް ބެލެވުނު ނަމަވެސް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އިބްރަހިމޮވިޗް ވަނީ އޭނާގެ ފެންވަރު އިނގިރޭސި ފުޓްބޯޅައިގައި ސާބިތުކޮށްދީ، މުހިއްމު ލަނޑެއް ޖަހައިފަ އެވެ. އެންޓޯނިއޯ ވެލެންސިއާ ނެގި ހުރަސް އިބްރަހިމޮވިޗް ގޯލަށް ވައްދާލީ، ލެސްޓާގެ ކެޕްޓަން ވެސް މޯގަން ފަހަތުން ވިއްދާފައި ހުއްޓާ ބޮލުން ޖަހަ އެވެ. ޖުމްލަކޮށް މެޗުގައި، އިބްރަހިމޮވިޗުގެ ފަރާތުން މާބޮޑު ކަމެއް ނުފެނުނު ނަމަވެސް އޭނާގެ މި ގޯލާ އެކު، ފެށުން މިވަނީ ރަނގަޅުވެފަ އެވެ.