13 ސެޕްޓެމްބަރ 2018 - 16:00

އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯންގެ ދަށުން ކަނޑައަޅާފައިވާ ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރުމުގެ ފުރުސަތު މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ން މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނުގައިވާ ގޮތުން ބިޑް ހުށަހަޅަން ޖެހެނީ އެ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރައިން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންވާ ފަރާތްތަކުންނެވެ.
އެމްއައިޓީޑީސީން އެ މަޝްރޫއުގެ ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައިގަތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 27ގެ ނިޔަލަށެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ބިޑް އިވެލުއޭޓްކުރުން ކުރަން ނިންމާފައި ވަނީ އޮކްޓޯބަރު 1 ން 4 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އެ މަޝްރޫއަށް ޝައުގުވެރިވާ ފާރާތްތަކަށް އެ ކޯޕަރޭޝަނުންނާއި އައްޑޫގެ ހިތަދޫ، ފޭދޫ އަދި ހުޅުމީދޫ ގައި ހުންނަ "ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ޑިޕާޓްމަންޓް" އިން ބިޑްފޮތް އަންނަ ހޯމަ ދުވަހުން ފެށިގެން 27 ގެ ނިޔަލަށް ވިއްކާނެ ކަމަށެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވުން އޮންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުގެ މެންދުރު 2:00 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއައިޓީޑީސީން ބުނީ ބިޑްތައް ހުޅުވާނެ ތަން، ބިޑް ބަލައިގަންނަ ފަރާތްތަކަށް އެ ކޯޕަރޭޝަނުން އަންގާނެ ކަމަށެވެ.