މިއީ ހަމައެކަނި ޓެބްލެޓެއް ނޫން
މިއީ ހަމައެކަނި ޓެބްލެޓެއް ނޫން

ސްކްރީންދޮށުގައި ކުޑަކުދިން ގިނަ ވަގުތު ހޭދަކުރާ މައްސަލައަކީ މިހާރު ބައިނަލްއަގުވާމީ ވަބާއަކަށް ވަނީ ވެފައެވެ. މިކަމުން ޅަދަރިން ސަލާމަތްކުރެވޭނެ ގޮތްގޮތް އެކި މީސްމީހުން އަންނަނީ ހޯދަމުންނެވެ. އެއްބައެއްގެ ވިސްނުން ހުރީ ހަރަކާތްތެރި ކުޅިވަރުތައް ކުޅެން ކުދިންނަށް ހިތްވަރުދީގެން ސްކްރީނަށް ހިފާފައިވާ ދެވި ހިފުމުން ކުދިން ސަލާމަތްކުރުމެވެ. އަނެއް ބައެއްގެ ވިސްނުމަކީ މުޅިން ސްކްރީނާ ދުރުނުކޮށް، ނުސީދާކޮށް ތައުލީމީ ގޮތުން ސިކުނޑި ފައްކާކުރުމުގެ ފުރުސަތުތައް ކުދިންނަށް ހޯދައިދިނުމެވެ. ފަހުން މި ދެންނެވި އުކުޅަށް ކުދިންގެ ހިތް ލަންބުވާލަން މަސައްކަތްކުރާ އެއް އުފެއްދުމަކީ ޕްލޫގޯއެވެ.

މިއީ ހަމައެކަނި ޓެބްލެޓެއް ނޫން
މިއީ ހަމައެކަނި ޓެބްލެޓެއް ނޫން

ޕްލޫގޯއަކީ ޓެބްލެޓަކާ އަދި އަތުން ކުޅެން ގެންގުޅޭ ބައެއް ސާމާނު ހިމެނޭހެން ޕްލޭޝިފޫ ކިޔާ ކުންފުންޏަކުން ފަރުމާކޮށްފައިވާ ތަފާތު ބާވަތެއްގެ ކުޅިވަރު ކުޅޭ އާލާތެކެވެ. ޕްލޫގޯ ފަރުމާކޮށްފައިވަނީ ޓެބްލެޓް ހިފަހައްޓާ ބުޑުގަނޑެއް ގޮތަށެވެ. މިއަށް ދީފައިވާ ނަމަކީ ގޭމްޕެޑްއެވެ. މި ބުޑުގަނޑުގެ އިތުރުން ޕްލޫގޯގައި ދެން ހިމެނެނީ 4 ކިޓެކެވެ. މިއިން ކޮންމެ ކިޓަކީ ޓެބްލެޓްގައި ނުވަތަ ފޯނުގައި ކުޅޭ ކުޅިވަރު ކުޅެން ކޮންމެހެން ބޭނުންވާ އިތުރު "ކޮންޓްރޯލަރެކެވެ". މި ކޮންޓްރޯލަރުތައް ބޭނުންކޮށްގެން ގޭމްޕެޑްގައި ކުޅޭ ކުޅިވަރުތަކަކީ ކުދިންގެ ތައުލީމީ ހަޔާތަށް ހެޔޮ އަސަރުތަކެއް ކުރުވާނެ ގޭމްތަކެއް ކަމަށް ޕްލޭޝިފޫ ކުންފުނިން ދެކެއެވެ.

އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް އުފައްދާފައިވާ މި ކިޓްތަކުގެ ތެރޭގައި ހިމެނޭ ޕްލޫގޯ ސްޓިޔާ އަކީ ވަޔާއި އެއްގަމާއި ކަނޑު އުޅަނދުފަހަރު ދުއްވާ ފަދަ ގޭމްތައް ކުޅުމަށް ބޭނުންވާ ކޮންޓްރޯލަރެވެ. މީގެ ސަބަބުން ކުދިންނަށް މިސްރާބަށް ދަތުރުކުރުމުގެ ވިސްނުން ތަރައްގީކުރުމަށް އެހީތެރިވާނެއެވެ.

ޕްލޫގޯ ކައުންޓަކީ ހިސާބު އިލްމަށް ފައްކާކުރާ ގޭމްތަކުގެ ކޮންޓްރޯލަރެވެ. މަތިމައްޗަށް އަތުރާ ބްލޮކްތަކުން ހިސާބުޖަހަން އެހީވެދެއެވެ.

ޕްލޫގޯ ލިންކްއަކީ އެކި އެކި ބައްޓަމަށް ތަކެތި އަތުރާ ގޭމްތަކުގެ ކޮންޓްރޯލަރެވެ. ޕަޒްލް ހެދުން ފަދަ ގޭމްތައް ވެސް މީގައި ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން މި ދާއިރާއިން ކުދިންގެ ވިސްނުން ތަރައްގީކޮށްދެއެވެ.

އިގިރޭސި ބަހަވީ ތަރައްގީ ކުދިންނަށް ލިއްބައިދޭ ކުޅިވަރުތަކަށް ބޭނުންކުރާ ކޮންޓްރޯލަރަށް ކިޔަނީ ޕްލޫގޯ ކުއެސްޓެވެ. އިގިރޭސި ބަހުން ހުންނަ ލިޔުންތައް ކިޔުމާއި ދޭހައާއި ބަސްކޮށާރު މުއްސަނދިކުރުމަށް މި ކުޅިވަރުތަކުން އެހީވާނެކަމަށްވެއެވެ.

މިއިން ކޮންމެ ކިޓަކުން 4 ގޭމް ކުޅެވެން ހުރެއެވެ. މި ކިޓްތައް ވަކިން ވިއްކާނީ 35 ޑޮލަރަށް ކިޓެއްކަމަށާއި ހުރިހާ ކިޓެއް އެކުގައި ގަންނަން ބޭނުންނަމަ 99 ޑޮލަރަށް ލިބޭނެކަމަށް ޕްލޭޝިފޫއިން ބުނެއެވެ. އެޕަލް އާއި ސެމްސަންގްގެ ފޯނުތަކާއި ޓެބްލެޓްތައް މި ޕްލޫގޯ ގޭމްޕެޑްގައި ބޭނުންކުރެވޭނެއެވެ. އެކަމަކު ޕްލޭޝިފޫއިން ލަފާދެނީ ޓެބްލެޓް ބޭނުންކުރުމަށެވެ.