13 ސެޕްޓެމްބަރ 2018 - 13:45

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓްކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިޔަން ރުފިޔާ، ހުޅުމާލޭން ފޭރިގެން މައްސަލައިގައި ކުންފުނީގެ އެއްވެސް މުވައްޒަފެއްގެ ބައިވެރިވުން ނުހިމެނޭ ކަމަށް އެންސިސް އިން ބުނެފި އެވެ.
އެންސިސް ފިޝަރީޒްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަސީމް މިއަދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ކުންފުނީގެ އެއްވެސް މުވައްޒަފަކު ނުހިމެނޭ ކަމަށެވެ. އެހެންވެ، ފައިސާތައް ފޭރިގަތުމުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް، މިހާތަނަށް އެނގިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު"އަށް ކުރިން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި ފޭރުމާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި އެންސިސްގެ ދެ މީހަކު ހިމެނެ އެވެ. އެއީ ކުންފުނީގައި މަސައްކަތް ކުރާ ދިވެއްސަކާއި ސެކިއުރިޓީއެއްގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީއެކެވެ.
އެކަމަކު އެކަން އެންސިސް އިން މިއަދު ވަނީ ދޮގުކޮށްފަ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އެންސިސްގެ ފައިސާތައް މަގުމަތިން ފޭރިގަތީ، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ވަނީ ޒުވާން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ވެސް މީހަކު ހައްޔަރުކޮށްފައި ވެ އެވެ. އޭނާގެ އަތުން ފުލުހުން ވަނީ ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ވެސް ހޯދާފަ އެވެ.
އެ މީހުންގެ އިތުރުން، މި މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަތަރު މީހެކެވެ.
މިއީ ހުޅުމާލޭގައި މިހާ ގިނަ އަދަދެއްގެ ފައިސާ ފޭރިގެން ފުރަތަމަ ފަހަރެވެ. އަދި ފިހާރަތަކާއި ސައިހޮޓާތައް ވެސް ހުންނަ، އާއްމުން ގިނަ ސަރަހައްދަކުން، ދުވާލު ގަޑީގައި އެފަދަ އަމަލެއް ހިންގުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.