15 ސެޕްޓެމްބަރ 2018 - 07:20

ޒަމާނީ ގޮތަކަށް ގޭތެރެ ސާފުކުރުމަށް ފިހިގަނޑު ބޭނުމެއް ނޫނެވެ. އެކަމަށް އެންމެ ކަމުދަނީ ވެކިޔުމް ކްލީނަރެކެވެ. އެކަމަކު އިސާހިތަކު މިއީ ވެސް ތަކުލީފަކަށްވެދާނެއެވެ. މިހާރުވެސް ބޮޑު މެޝިނެއް ހިފައިގެން މުޅި ގޭގައި ހިނގަންޖެހުމަކީ ބައެއް މީހުންގެ ޝަކުވާއެކެވެ. އެހެންވެ، ކުދި ސައިޒުގެ ވެކިޔުމް ކްލީނަރު ވެސް މިހާރު އުފައްދަ އެވެ.
އެކަމަކު މިހާރުގެ ކަންބޮޑުވުމަކީ އަމިއްލައަށް ވެކިޔުމް ކްލީނަރު ސާފުކުރަންޖެހުމެވެ. އޭގައި ޖަމާވާ ކުނި، އަމިއްލައަށް އުކާލަންޖެހުމުގެ "ހަޑި" މަސައްކަތްކުރަން ޖެހުމުގެ ނުތަނަވަސްކަމެވެ. މިކަމަށްވެސް މިހާރު ހައްލެއް ހޯދައިފިއެވެ. އެއީ ރޫމްބާ އައި7 ޕްލަސްއެވެ.
ރޫމްބާގެ ކުދި ވެކިޔުމް ކްލީނަރުތައް 2002 ވަނަ އަހަރުން ފެށިގެން ބާޒާރުގައި ވިއްކަން ހުރެއެވެ. މިފަހަރު ނުކުތް މީގެ އާ ކްލީނަރު އުފައްދާފައިވަނީ ކްލީން ބޭސް އޮޓޮމެޓިކް ޑާޓް ޑިސްޕޯޒަލް ޔުނިޓަކާ އެކުއެވެ. މިއީ ހަގީގަތުގައި މި ވެކިޔުމް ކްލީނަރުގެ ބުޑުގަނޑެވެ. މި ބުޑުގަނޑުން ކޮށްދޭ ކަމަކީ ހަމައެކަނި ކްލީނަރަށް ކަރަންޓު ދިނުމެއް ނޫނެވެ. ނަމަވެސް ކްލީނަރުގެ ކުނި ޖަމާކުރާ ބައި ފުރުނީމާ ހުސްކޮށްދިނުންވެސްމެއެވެ. ބުޑުގަނޑުގައިވާ ކޮތަޅަކަށް ހުރިހާ ކުންޏެއް ޖަމާކޮށްދެއެވެ. މި ކޮތަޅު ފަރުމާކޮށްފައިވަނީ އަމިއްލައަށް ބަންދު ވެސް ކުރެވޭ ގޮތަށެވެ.
ރޫމްބާ އައި7 ޕްލަސް އުފެއްދި ކުންފުނިން ބުނާ ގޮތުގައި ގޭތެރެ ސާފުކުރަންވުމުން މި ރޮބޮޓް ސެޓުކޮށްފައި މަސައްކަތަށް ދޫކޮށްލަންވީއެވެ. ތިރީހަކަށް ފަހަރު ކުނި ކެހުމަށްފަހު ކްލީނަރުގައިވާ ހިރަފުހާއި ކުނި ހުސްކުރަންވުމުން ސްމާޓްފޯނު އެޕް މެދުވެރިކޮށް ވެރިމީހާއަށް އެކަން އަންގާނެއެވެ. އަދި އެއަށްފަހު ކްލީނަރުގެ ބުޑުގަނޑުގައިވާ ކޮތަޅަކަށް ކުނިއަޅާ ފުރާލައި، ބަންދުކޮށް ނިންމާނެއެވެ. މި ހުރިހާ ކަމެއް ކުރާނީ ރޫމްބާ އައި7 ޕްލަސް އަމިއްލައަށެވެ.
ރޫމްބާގެ މިފަހަރުގެ އުފެއްދުން ފަރުމާކޮށްފައިވަނީ 10 ގޭގެ ފްލޯ ޕްލޭން މި ވެކިޔުމް ކްލީނަރަށް ދަސްކޮށްދޭގޮތަށެވެ. އަދި ސާފުކުރަން ބެހެއްޓީ ކޮން ކޮޓަރިއެއްގައިކަން ފަހުމުވާ ގޮތަށެވެ. މީގެ އިތުރުން އެލެކްސާ އާއި ގޫގްލް އެސިސްޓަންޓް އަޅާފައިވާތީ ދޭ އިރުޝާދަށް އަމަލުކުރުމުގެ ބާރުވެސް އައި7 ޕްލަސްއަށް ލިބިފައިވެއެވެ. މިސާލަކަށް ބަދިގެ ސާފުކުރަން ބުނުމުން އައި7 ޕްލަސްއަށް އެ އިރުޝާދު ދޭހަވާނެއެވެ. އަދި މަސައްކަތް ނިމުމުން އެނބުރި ބުޑުގަނޑަށް އަންނާނެއެވެ. ރޫމްބާ އައި7 ޕްލަސް އާންމުކޮށް ދުނިޔޭގެ ބާޒާރަށް ނުކުންނާނީ އަންނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައެވެ.