13 ސެޕްޓެމްބަރ 2018 - 12:22

ކޮލަމްބޯ (ސެޕްޓެމްބަރު 13) - އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސާ ވާދަކުރައްވާނެ ކަމަށާއި އެކަމަކު ދަރިކަލުން ނަމާލް ރާޖަޕަކްސާގެ އުމުރު ހަގުވުމުން އޭނާ އަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ގާނޫނު އަސާސީ އަށް ގެނެސްފައިވާ 19 ވަނަ އިސްލާހުގެ ދަށުން ޓާމް ލިމިޓުގެ ސަބަބުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެއްވޭ މައްސަލަ ކޯޓަށް ގެންދާނެ ކަމަށް ރާޖަޕަކްސާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ދަރިފުޅު ނަމާލް އަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ. ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ވަނީ 30 ގެ ބަދަލުގައި 35 އަހަރަށް ބަދަލުކޮށްފައި. އެހެންވެ އަންނަ އަހަރުގެ އިންްތިޚާބުގެ ކެންޑިޑޭޓަކަށް ނަމާލް ނުވާނެ. އަޅުގަނޑުގެ ކޮއްކޮ ޔަގީނުން ވެސް ވާދަކުރާނެ،" ނިއު ދިއްލީ އަށް މިހާރު ކުރައްވާ ދަތުރުގައި ދި ހިންދޫ އަށް ދެއްވި އިންޓަވިއުއެއްގައި ރާޖަޕަކްސާ ވިދާޅުވި އެވެ.
ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބާގެ ކޮރަޕްޝަނުގެ މައްސަލަތަކެއް މިހާރު ދަނީ ބަލަމުންނެވެ.
ރާޖަޕަކްސާ ވިދާޅުވީ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ލީޑް ކުރައްވާނީ އެމަނިކުފާން ކަމަށެވެ. ނަމަވެސް ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީ އާއި ކޯލިޝަނުން ކަމަށް ވިދާޅުވި އެވެ.
ކުރިން ދެ ފަހަރު ރައީސްކަން ކުރެއްވި ރާޖަޕަކްސާ ވިދާޅުވީ ޓާމް ލިމިޓާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ވަޑައިގަންނަވާނެ ކަމަށާ އަދި ކޯޓުގެ ނިންމުމަށް ފަހު އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.