ފިހާރައެއްގައި ރޯވެ އެކިވަރުގެ ގެއްލުން ލިބިއްޖެ
ފިހާރައެއްގައި ރޯވެ އެކިވަރުގެ ގެއްލުން ލިބިއްޖެ

ޗާނދަނީ މަގުގައި ހުންނަ "ކޮމްޝޮޕް" ނަމަކަށް ކިޔާ ފިހާރައެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގައި އެ ފިހާރައިގައި ހުރި ބައެއް ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ބުނީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 03:22 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ސިފައިން އެ ސަރަޙައްދަށް ގޮސް، އެ ފިހާރައިގައި ރޯވެފައި ހުރި އަލިފާން ގަނޑަށް ފެންޖަހައިގެން 03:48 ހާއިރު ނިއްވާލެވުނު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވެފައި ހުރީ އެ ފިހާރައިގައި ހުރި ކަރުދާސް ފައިލުތަކެއްގަ އެވެ. އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފު ނުވާ އިރު ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.