މައިކްރޮސޮފްޓް ވިންޑޯޒް 10: ސްޓޯރޭޖް ސެންސް
މައިކްރޮސޮފްޓް ވިންޑޯޒް 10: ސްޓޯރޭޖް ސެންސް

މައިކްރޮސޮފްޓް ވިންޑޯޒް 10 ދޭތެރެ ދޭތެރެއިން "އަޕްޑޭޓް"ކޮށް ތަރައްގީކުރެ އެވެ. ވިންޑޯޒް 10 ގައި މިހާރު ހިމަނާފައިވާ "ސްޓޯރޭޖް ސެންސް" އަކީ ވިންޑޯޒް ކޮމްޕިއުޓަރެއް ބޭނުންކުރާ ނަމަ ބޭނުންހިފުން ބުއްދިވެރި ފަސޭހައެކެވެ. ކޮށްދޭ ކަމަކީ، ހާޑް ޑިސްކް ފުރެން ކައިރިވާހެން ވިންޑޯޒް އަށް ހީވާން ފެށުމުން، ބައެއް ފައިލްތައް މައިކްރޮސޮފްޓް "ވަންޑްރައިވް" އަށް ފޮނުވައި، ރައްކާކޮށްދިނުމެވެ.

"ސްޓޯރޭޖް ސެންސް" ސީދާކޮށް މާނަކުރުމުން ދޭހަވާ ފަދައިން މި ފީޗާ މަސައްކަތްކުރެ އެވެ. ބޭނުންކުރާ މީހުން ވަކި ގޮތެއް އިޚުތިޔާރުނުކުރާ ނަމަ، ހާޑް ޑިސްކް ބޭނުންކުރާނެ ގޮތް ވިންޑޯޒް ކަނޑައަޅަ އެވެ. އެ ގޮތުގައި ސްޓޯރޭޖް ޖާގަ ހުސްވެދާނެ ކަމަށް ލަފާކުރެވޭ ނަމަ، ބޭނުންނުކޮށް ގިނަ ދުވަސްވެފައި ހުންނަ ފައިލްތައް "ވަންޑްރައިވް" އަށް ފޮނުވަން ފަށަ އެވެ.

ވިންޑޯޒް 10 އާންމުކޮށް އަޕްޑޭޓްކުރާ ނަމަ، މިހާރު މި ފީޗާ ލިބެންވާނެ އެވެ. އެ ނޫން ގޮތެއްގައި އަދި މިއީ އަޖުމަބަލާލަން ކަމުދާ ފީޗާއެއް ކަމަށް ފެންނަ ނަމަ، ވިންޑޯޒް 10 އަޕްޑޭޓްކޮށްލައި، ސެޓިން ހަދާލުމުން ހަމައަކަށް އެޅޭނެ އެވެ.

ސްޓޯރޭޖް ސެންސް ބޭނުންކުރަން ފެށުމަށްޓަކައި، "ސެޓިން"ގެ ތެރެއިން "ސިސްޓަމް" އަށް ވަދެ "ސްޓޯރޭޖް" އަށް ފިތާލުމުން ކަންކުރަންވާ ގޮތް ހާމަވާނެ އެވެ. ވިންޑޯޒް 10 ކޮމްޕިއުޓަރެއް ކިރިޔާ ވެސް ބޭނުންކުރާ ނަމަ ސެޓިން ހެދުން ދަތި ކަމަކަށް ނުވާނެ އެވެ.

ވަންޑްރައިވް އަށް "އަޕްލޯޑް"ކޮށް "ބެކްއަޕް"ހެދޭ ފައިލްތަކާ މެދު ސަމާލުވާނެ ކަމަށް މައިކްރޮސޮފްޓުން ބުނެ އެވެ. މާނަ އަކީ އޭގެ ސިއްރު ހިފަހައްޓައި، ގެއްލިގެން ނުދާނެ ގޮތަށް ދަމަހައްޓައިދިނުމެވެ.

ވިންޑޯޒް 10 ސްޓޯރޭޖް ސެންސް މެދުވެރިކޮށް ފައިލްތައް ވަންޑްރައިވް އަށް ފޮނުވާލި ނަމަވެސް، އަސްލު ފައިލްތަކަށް ކަނޑައެޅިފައިވާ ޖާގައިގައި ރަމްޒީ ފާހަގައެއް ޖަހައި، ބޭނުންކުރާ މީހާ އަށް އެ ފައިލް ފެންނާނެ ގޮތަށް ދަމަހައްޓަ އެވެ. ބޭނުމަކީ ޒަމާނަކުން ނަމަވެސް އެއިން ފައިލެއް ބޭނުންކުރަން ޖެހިއްޖެ ނަމަ، ބޭނުންހިފޭ ގޮތަށް ފައިލްތައް ބެހެއްޓުމެވެ. އެ ގޮތުގައި އެއިން ފައިލްއެއް ބޭނުންކުރަން އެދޭކަން ވިންޑޯޒް އަށް އެންގުމަށްޓަކައި، ފައިލްގެ ނަމަށް ފިތާލުމުން، ވަންޑްރައިވް އިން ޑައުންލޯޑްކޮށްދެ އެވެ.