އަބަދު ރުޅިވެ، ރައްޓެހިވުމަކީ ރަނގަޅުކަމެއްތަ؟
އަބަދު ރުޅިވެ، ރައްޓެހިވުމަކީ ރަނގަޅުކަމެއްތަ؟

ބައެއް ޖޯޑުތައް އުޅޭތީ ފެންނަނީ އަބަދުވެސް "ކޮމްޕްލިކޭޓެޑް" ވެގެންނެވެ. ދުވަސްކޮޅަކު ލޯބިން އުޅެފައި އަނެއްކާ އެތައް ދުވަހެއް ވަންދެން ރުޅި ހަދާލައިގެން އުޅެ އެވެ. މިހެން އުޅެފައި އަނެއްކާ ރައްޓެހިވެދާނެ އެވެ. އެކަމަކު އަނެއްކާވެސް މި ބުރު ތަކުރާރުވެ އެވެ.

މިކަމާ ބެހޭ ގޮތުން ދިރާސާކުރެއްވި، ޔުނިވަސިޓީ އޮފް މިސޫރީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ، ކޭލް މޮންކް ވިދާޅުވަނީ މިހެންނެވެ.

"މީޑިއާގަ އާއި ލަވަތަކާއި ޓީވީ ޝޯތަކުގައި މިކަމާ ބެހޭ ގޮތުން ވަރަށް އޮޅުން އަރާ ގޮތަށް މެސެޖު ދޭ. ބުނަނީ ލޯބިވުމަކީ ވަކިވެގެން ދާން ބޭނުންވާ މީހާ ދޫކޮށްލުމޭ. އަދި އެ މީހަކު އެނބުރި އަތުވެއްޖެ ނަމަ އަލުން ބަލައިގަންނަން ޖެހޭނޭ،" މޮންކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހަކާ ރައްޓެހިވެ ރުޅިވުމަށް ފަހު އަލުން ގުޅުމަކީ ކޮންމެ ފަހަރަކު ގޯސް ކަމަކަށް ނުވެދާނެ ކަމަށާއި އެކަމަކު މިގޮތަށް ތަކުރާރުވާ ނަމަ ޑިޕްރެޝަނާއި އެންޒައިޓީ އަށް މީހާ ހުށަހެޅިދާނެ ކަމަށެވެ.

މޮންކް ވިދާޅުވީ މި ދިރާސާކުރުމަށް އޭނާގެ ޓީމުން 545 ޖޯޑެއްގެ މައުލޫމާތު އެއްކުރި ކަމަށެވެ. އަދި އެ މީހުންގެ ގުޅުންތަކުގައި ޖެހޭ މައްސަލަތަކާއި "އިމޯޝަނަލް ޑިސްޓްރެސް" އަށް ހުރި ގުޅުން ދެނެގަތެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ އެކަކާ ރަށްޓެހިވެ، ރުޅިވުމުން އަށް ފަހަރު ތަކުރާރުވެފައިވާ މީހުންނެވެ.

ބައިވެރިޔާއާ ރުޅިވުމުން ޑިޕްރެޝަން ފަދަ ނަފްސާނީ އެކި މައްސަލަތަކުގެ އުނދަގޫ ކުރިމަތިވާ ކަމަށް، ދިރާސާގައި ބައިވެރިން ބުނެފައިވެ އެވެ. އަދި ތަކުރާރުކޮށް ރުޅިވެ ރައްޓެހިވި މީހުންގެ ކިބައިން ނަފްސާނީ މައްސަލަތައް ބޮޑަށް ފާހަގަވި އެވެ.

މޮންކް ވިދާޅުވި ގޮތުގައި، ރުޅިވުމުން ލިބޭ ނަފްސާނީ ވޭނަކީ ވަގުތީ ކަމަކަށް ވިޔަސް އަބަދު އެކަން ތަޖުރިބާކުރަން ޖެހުމަކީ ދާއިމީ ބައްޔަކަށް ވެދާނެ އެވެ.

ރުޅިވުމަށް ފަހު އަލުން ރައްޓެހިވާން ވިސްނާ ނަމަ މި ކަންކަން ދެނެގަތުމަށް މޮންކް ލަފާދެއްވަ އެވެ؛

- ވަކިވާން ޖެހުނު ސަބަބުތައް ހައްލުކޮށްގެން، އެ ޖެހުނު މައްސަލަތައް ނުވަތަ އަބަދު ތަކުރާރުވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެވިދާނެކަމުގެ ޔަގީންކަން އޮތްތޯ

- ވަކިވާން ޖެހުނު ސަބަބާ ބެހޭ ގޮތުން ފުރިހަމަޔަށް ވާހަކަ ދައްކަންޖެހޭނެ

- ވަކިވާންޖެހުނީ އަނިޔާވެރިވާތީ ކަމަށްވާ ނަމަ، އެކަމުން ސަލާމަތްވާންޖެހޭނެ ކަމާއި އެކަން އަންގަންޖެހޭ ފަރާތްތަކަށް އަންގަންޖެހޭނެކަން

- އަބަދު މައްސަލަޖެހޭ، ދިރުމެއް ނެތް ގުޅުމެއް ނިމުމަކަށް ގެނައުމަކީ މައްސަލައެއް ނޫންކަން ގަބޫލުކުރުން

މިކަމާ ބެހޭ ގޮތުން މޮންކް ކުރެއްވި ދިރާސާ، ފެމިލީ ރިލޭޝަންސް ޖާނަލްގައި ވަނީ ޝާއިއުކޮށްފަ އެވެ.