ދެ ގަޑިއިރު އުދުހެވޭ ޑްރޯންއެއް އުފައްދަނީ
ދެ ގަޑިއިރު އުދުހެވޭ ޑްރޯންއެއް އުފައްދަނީ

ޝައުގުވެރިކަމާއެކީ ޑްރޯން ގެންގުޅޭ މީހުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮވެއެވެ. އެއީ ގިނައިރު ދުއްވާލަން ނުލިބުމެވެ. ބާޒާރުގައި މިހާރު ލިބެން ހުރި ގިނަ ޑްރޯންތަކަކީ ޗާޖުކުރުމަށްފަހު ތިރީހަކަށް މިނިޓް ދުއްވާލާއިރަށް ބާރު ދެރަވެގެން އެލާމް އަޅާ އެއްޗިއްސެވެ.

މި ކަންބޮޑުވުމަށް ހައްލެއް ގެނެސްދޭން މަސައްކަތްކުރާ އެއް ބަޔަކީ އެމެރިކާގެ ކުންފުންޏެއްކަމަށްވާ އިމްޕޮސިބަލް އޭރޯސްޕޭސްއެވެ. އެ ކުންފުނިން ބާޒާރަށް ނެރެން މިހާރު ފައްކާކުރަމުން އަންނަ ޑްރޯންއަކީ އުދުހޭ ބެޓެރީއެކޭ ބުނުމުން ގޯހަކަށް ނުވާނެއެވެ. މީގައި ދެ ގަޑިއިރު އުދުހުމުގެ ބާރު ހުންނާނެއެވެ.

ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުން ތަޖުރިބާ ހޯދާފައިވާ ފަންނީ މީހުންގެ މި އުފެއްދުމަށް ކިޔާ ނަމަކީ ޔޫއެސް1 އެވެ. މިއީ ސައްތައިން ސައްތަ އެމެރިކާގެ އުފެއްދުމެކެވެ. މި ޑްރޯން އުފެއްދުމުގައި މައިގަނޑު ވިސްނުން ހުރީ ބެޓެރީގެ ބާރު ގަދަކުރުމަށެވެ. ވީމާ ބުރަފަތިލީ ބެޓެރީއެއެއްގެ ގޮތަށް ވެސް މި ޑްރޯން ސިފަކުރެވެއެވެ. މި އުފެއްދި ކުންފުނިން ބުނާ ގޮތުގައި މިއީ ވައިގެ ދަތުރުފަތުރުގެ ކުރިމަގު ބައްޓަންކޮށްދޭނެ އުފެއްދުމެކެވެ. މިގޮތުން ޕެޓްރޯލާ ނުލައި އުދުހޭނެ މަތިންދާބޯޓު އުފެއްދުމުގެ އިންޑަސްޓްރީއަށް މި ޑްރޯންއަކީ ނަމޫނާއެއް ކަމަށް އެވެރިން ދެކެއެވެ.

މީގެ ދެ އަހަރު ކުރިން ވުޖޫދަށް އައި އިމްޕޮސިބަލް އޭރޯސްޕޭސް ކުންފުނިން ބުނާ ގޮތުގައި ބެޓެރީ ބާރުގަދަ މި ޑްރޯން ބާޒާރަށް ނެރެންވާއިރަށް މިހާރުވެސް އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރެ އެވެ. އޭގެތެރޭގައި އަލިފާންނިވާ މީހުންނާއި ފުލުހުންނާއި ހާދިސާތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުން ހިމެނެއެވެ.

މިއީ 26 އިންޗީގެ ފްރޭމަކަށް ފައްތާފައިވާ ޑްރޯންއެކެވެ. މިއަށް ގަޑިއަކު 42 މޭލުގެ ބާރުމިނުގައި އުދުހުމުގެ ގާބިލްކަން ލިބިފައިވެއެވެ. މައްސަލައަކީ މީގެ 7ކިލޯގެ ބަރުދަނެވެ. ނަމަވެސް އެއީ މުޅި ޑްރޯން ބިނާވެފައިވަނީ ބެޓެރީގެ މައްޗަށް ކަމަށްވާތީއެވެ. އެންމެ ފަހަރަކު ޗާޖުކޮށްގެން މި ޑްރޯން، 78 މިނިޓްވަންދެން ވައިގެ ތެރޭގައި އުދުހި އުދުހި ހުންނާނެއެވެ. މީގެ އަގަކީ 7،500 އެމެރިކާ ޑޮލަރެވެ.