12 ސެޕްޓެމްބަރ 2018 - 15:52

ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 12) - އަންވަރު އިބްރާހިމަށް ފުރުސަތު ދިނުމުގެ ގޮތުން މެލޭޝިއާ ޕާލަމެންޓުން މެންބަރަކު އިސްތިއުފާ ދީފި އެވެ.
ބައި-އިލެކްޝަން އަންވަރަށް ކާމިޔާބުވެއްޖެ ނަމަ ގައުމުގެ އެންމެ މަތީ މަގާމަށް ވަޑައިގަތުމަށް އޭނާ އަށް ވަރަށް ބޮޑަށް މަގު ފަހިވެގެންދާނެ އެވެ. ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެފައި ވަނީ ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވުމަށް ފަހު އަންވަރަށް މަގާމު ހަވާލު ކުރައްވާނެ ކަމަށެވެ.
ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކާމިޔާބު ހޯދި ކޯލިޝަނުގައި އަންވަރަކީ މުހިންމު ބައިވެރިއެކެވެ.
މަހާތިރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވަނީ އަންވަރު، 71، އަށް ޝާހީ މައާފެއް ހޯއްދަވައިދެއްވައިފަ އެވެ. އެހެންވެ ސިޔާސީ ދާއިރާގައި އުޅުއްވުމަށް އޭނާ އަށް ހުރަހެއް ނެތެވެ. އެކަމަކު 93 އަހަރުގެ މަހާތިރުގެ ބަދަލުގައި ވެރިކަމަށް ވަޑައިގަންނަވަން ބޭނުން ނަމަ އަންވަރަށް ފުރަތަމަ ޖެހޭނީ ޕާލަމެންޓުން ގޮނޑިއެއް ކާމިޔާބު ކުރައްވާށެވެ.
ބައި-އިލެކްޝަން ބާއްވާނެ ދުވަހެއް އަދި ނޭނގެ އެވެ. ނަމަވެސް މަހެއްހާ ދުވަހު ތެރޭ އިންތިޚާބު ބާއްވާނެ ކަމަށް ލަފާކުރެވެ އެވެ.
ޕާލަމެންޓުން އިސްތިއުފާ ދެއްވަމުން ދަންޔާލް ބަލަގޮޕާލް އަބްދުﷲ ވިދާޅުވީ އޭނާ ގޮނޑި ދޫކޮށްލީ އަންވަރު ޕާލަމެންޓަށް ގެންނަން ކަމަށެވެ.
"މާތްﷲ ގެ އިރާދަފުޅާ އެކު އަންވަރަށް މި ގޮނޑި ކާމިޔާބު ކުރެވޭނެ. އަދި ގައުމުގެ 8 ވަނަ ބޮޑު ވަޒީރަކަށް ވެސް ވެވަޑައިގަންނަވާނެ،" ދަންޔާލް ވިދާޅުވި އެވެ.