12 ސެޕްޓެމްބަރ 2018 - 15:36

ބެއިޖިން (ސެޕްޓެމްބަރު 12) - ޗައިނާގެ އަމިއްލަ މިނިވަން ކަމަށް އިހްތިރާމް ކުރުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރަށް ބެއިޖިން އިން ގޮވާލައިފި އެވެ.
އދ.ގެ އާ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް މިޝޭލް ބަޗެލެ ހޯމަ ދުވަހު ވަނީ ޗައިނާ އިން އުއިގާރު މުސްލިމުންނާ މެދު ކަންތައް ކުރާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގެން ފާޑު ވިދާޅުވެފަ އެވެ. މިއީ މަގާމުގެ ހައިސިއްޔަތުން އެކަމަނާ ދެއްވި ފުރަތަމަ ބަޔާނެވެ.
ޗިލީގެ ރައީސްކަން ދެ ފަހަރެއްގެ މަތިން ކުރެއްވި ބަޗެލް ވަނީ ޗައިނާގައި މުސްލިމުންނާ މެދު ޗައިނާ އިން ކަންތައް ކުރާ ގޮތް ތަހުގީގު ކުރަން ބައިނަލްއަގުވާމީ ތަހުގީގު ޓީމެއް ފޮނުވަން ގޮވާލައިފަ އެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ގެންގް ޝުއާން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނާ އަށް ވެސް ވާހަކަ ދެއްކެވޭނީ އދ.ގެ ޗާޓަރުގެ ތެރޭގައި ކަމަށެވެ. އަދި ޗައިނާގެ މިނިވަން ކަމަށް އިހްތިރާމް ކުޑަވާ ގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނާ ޗައިނާ އަށް ފާޑުވިދާޅުވި އިރު ހިއުމަން ރައިޓްސް ވޮޗުން ވަނީ ޗައިނާގެ ޑިޓެންޝަން ސެންޓަރުތަކުގައި މިލިއަނެއްހާ މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނެފަ އެވެ.
ޗައިނާ އިން ބުނެފައި ވަނީ ޒިއާންޖިންގައި މުސްލިމުންގެ ބަޔަކު ބަންދުކުރީ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ޒިއާންޖިންގައި އުއިގާރު ދަރިކޮޅުގެ އަށް މިލިއަން މުސްލިމުން ދިރިއުޅެ އެވެ. ޕާކިސްތާން، އަފްޣާނިސްތާން، ކަޒަކްސްތާން، ކިރްގިސްތާން އަދި ތަޖިކިސްތާންއާ ގުޅޭ ސަރަހައްދުގައި އޮންނަ ޒިންޖިއާންގައި މުސްލިމުން ތުނބުޅި ބެހެއްޓުމާއި އަންހެނުން ބުރުގާ އެޅުން އަދި ކީރިތި ގުރުއާންގެ ކޮޕީތައް ބެހުން އޮންނަނީ މަނާކޮށްފަ އެވެ.