ވިކްޓަރީ ބަލިކޮށް އީގަލްސް އެއް ވަނަ އަށް އަރައިފި
ވިކްޓަރީ ބަލިކޮށް އީގަލްސް އެއް ވަނަ އަށް އަރައިފި

ވިކްޓަރީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމަށް ކްލަބް އީގަލްސް މިއަދު އަރައިފި އެވެ.

އީގަލްސް 23 ޕޮއިންޓާ އެކު އެއް ވަނަ އަށް އެރީ އިތުރަށް އެއް މެޗު ކުޅެގެންނެވެ. މިހާތަނަށް އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތް މާޒިޔާ ދެ ވަނަ އަށް ވެއްޓިފައިވާއިރު މިރޭ ނިއު ރޭޑިއަންޓް އަތުން މޮޅުވެގެން މާޒިޔާ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ނިއު އާއި މާޒިޔާ އެއްވަރުވެއްޖެ ނަމަ އީގަލްސް އެއް ވަނައިގައި ދެމި އޮންނާނެ އެވެ.

އީގަލްސް އިން މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު 26 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މެސަޑޯނިއާގެ ފޯވާޑް ރިސްޓޭ ނައުމޯފް އެވެ. އަރިމަތިން ނެގި ހުރަހަށް ވިކްޓަރީ ގޯލްކީޕަރު ތޮލާލް ހަސަން އެރި ވަގުތު ރިސްޓޭ ވަނީ އެ ބޯޅަ ބޮލުން ގޯލަށް ވައްދާލައިފަ އެވެ.

އީގަލްސްގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިސްރުގެ ކުޅުންތެރިޔާ މުހައްމަދު ސެޑިކެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އޭނާ އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ އެކަނިމާއެކަނި އޭރިއާ ތެރެއަށް ވަދެ ވިކްޓަރީގެ ދެ ޑިފެންޑަރުން ތިއްބާ ކީޕަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.

އޭނާ އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފު ފަށައިގެން 8 ވަނަ ސިކުންތުގަ އެވެ. އީގަލްސްގެ އަހުމަދު ޒާދު މެދުތެރެއިން ޖައްސާލި ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވިކްޓަރީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ސެޑިކް ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖެހީ މާޒިޔާގެ ކުރީގެ ފޯވާޑް ރިސްޓޭ އެވެ. ހަމްދާން އިބްރާހިމް ނެގި ހުރަސް 71 ވަނަ މިނެޓުގައި ރިސްޓޭ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

ވެލެންސިއާ އާއި ވީބީ ސްޕޯޓްސްގެ ކުރީގެ ކޯޗު ހަންގޭރީގެ ލާސްލޯ ކިސްގެ އިރުޝާދުގެ ދަށުން ކުޅޭ ވިކްޓަރީން މިދިޔަ ހަފުތާގައި މާޒިޔާއާ 3-3 އިން އެއްވަރުކުރި މެޗުގައި ދެއްކި ކުޅުން މިއަދު ތަކުރާރެއް ނުކުރެވުނެވެ. އެ ޓީމަށް މުޅި މެޗުގައި ވެސް ގޯލް ޖަހާނެ އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. އެންމެ ރަނގަޅު ފުުރުސަތެއް ލިބުނީ އިތުރު ވަގުތުގެ ތެރޭގައި އޮމަޑޫ ގޮޑްފްރޭ ވެސްޓަށެވެ. އެކަމަކު އޭރިއާ ތެރެއިން ހުހަށް ހުރެ ލިބުނު ފުރުސަތު އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.