13 ސެޕްޓެމްބަރ 2018 - 07:08

އަންނަ މަހުގެ 5 ގައި ރިލީޒް ކުރާ، މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާގެ އަލަތު ޑައިރެކްޝަން "އަ ސްޓާ އިޒް ބޯން" ގެ ޕްރޮޑިއުސަރު ޖޮން ޕިޓާޒްއަކީ ޕްރޮޑިއުސަރެއްގެ ގޮތުގައި ސެޓިފައިޑްވެފައިވާ މީހެއް ނޫން ކަމަށާއި އޭނާއަކީ ޕްރޮޑިއުސާސް ގިލްޑް އޮފް އެމެރިކާ (ޕީޖީއޭ) ގެ މެމްބަރަކަށް ވެސް ނުވާތީ އޭނާ އަށް ފިލްމުގެ ރަސްމީ ކްރެޑިޓް ދެވޭނެ ހައިސިއްޔަޔެއް ނޯންނާނެ ކަމަށް ޕީޖީއޭ އިން އަންގައިފި އެވެ.
ވާނާ ބްރަދާޒް އިން ހަދާފައިވާ ފިލްމަށް މިކަން އަންގާރަ ދުވަހު އެންގި ނަމަވެސް އެ ސްޓޫޑިއޯ އިން ބުނީ "އަ ސްޓާ އިޒް ބޯން" ގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ބަލާނީ ޖޮން ކަމަށެވެ.
މިކަމާ ގުޅިގެން ކުރިއަށް އޮސްކާ އެވޯޑްގައި "އަ ސްޓާ އިޒް ބޯން" ވާދަ ކުރާ ނަމަ، އޮސްކާ އިންތިޒާމުކުރާ މޯޝަން ޕިކްޗާ އެކެޑެމީން ޕީޖީއޭގެ ރެކަމޮންޑޭޝަނަށް ރިއާޔަތް ކުރާނެ އެވެ.
ޖޮންއާ ދެކޮޅަށް މިފަދަ ނިންމުމެއް ޕީޖީއޭ އިން ނިންމާފައި ވަނީ ޖޮންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލަތަކެއް ވެސް އަލުން ފެންމަތިވެފައި ވަނިކޮށެވެ. އެގޮތުން 1996-2008 އަށް ޖޮންގެ ފަރާތުން އެކި މީހުންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވާނާ ބްރަދާޒް އިން ބުނީ "އަ ސްޓާ އިޒް ބޯން" ގެ ޕްރޮޑިއުސަރަކީ ޖޮން ކަމަށް އެ މީހުން ދެކޭ މައިގަނޑު ސަބަބަކީ ފިލްމްގެ އެގްރިމަންޓް ހަދާފައި އޮތީ އޭނާއާ އެކުގައި ކަމަށްވާތީ އެވެ. ޖޮންއަކީ 1976 ގައި ރިލީޒް ކުރި "އަ ސްޓާ އިޒް ބޯން" ގެ ޕްރޮޑިއުސަރު ވެސް މެ އެވެ.
ކޫޕާ އާއި މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ލީޑް ރޯލް ކުޅެފައިވާ "އަ ސްޓާ އިޒް ބޯން" އަކީ ކުރީގެ ފިލްމްގެ ރިމެކިންއެކެވެ. މި ފިލްމް ވަނީ މިދިޔަ މަހުގެ 31 ގައި ވެނިސް ފިލްމް ފެސްޓިވަލާއި މި މަހުގެ 9 ގައި ޓޮރޮންޓީ އިންޓަނެޝަނަލް ފިލްމް ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ޕްރިމިއާކޮށް، ގިނަ ބައެއްގެ ތައުރީފު ވެސް ހޯދައިފަ އެވެ.
ޖޮން ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ކެޑީޝެކް (1980)، ދަ ކަލާ ޕާޕަލް (1982)، ބެޓްމޭން (1989) އަދި ސްޕަމޭން ރިޓާންސް (2006) ހިމެނެ އެވެ. އޭނާއަކީ 2013 ގައި ރިލީޒް ކުރި "މޭން އޮފް ސްޓީލް" ގެ އެކްޒެކެޓިވް ޕްރޮޑިއުސަރު ވެސް މެ އެވެ.