13 ސެޕްޓެމްބަރ 2018 - 07:10

މި ފަހުން ކަންގަނާ ރަނާވަތާ ބެހޭ ގޮތުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ އޭނާ ކުޅެން އެއްބަސްވާ ފިލްމުތަކުގައި އެކްޓް ކުރުމުގެ އިތުރަށް، ފިލްމްގެ އެހެން ޑިޕާޓްމަންޓްތަކުގެ މަސައްކަތާ ބެހޭ ވާހަކަ އެވެ.
އެގޮތުން މިދިޔަ އަހަރު ރިލީޒް ކުރި "ސިމްރަން" ގެ ސްކްރިޕްޓާއި އޭނާގެ ޑައިރެކްޝަނުގެ ތެރެއަށް އުނދުޅި ބާނައި، ކްރެޑިޓް ހޯދަން މަސައްކަތްކުރި ކަމަށް ބުނެ، އެ ފިލްމުގެ ސްކްރީން ރައިޓަރު އަޕޫރްވާ އާސްރާނީ ޓްވިޓާގައި ކަންގަނާ އަށް ވަރަށް ބޮޑަށް ބަހުގެ ހަމަލާތައް ފޮނުވާފައިވެ އެވެ.
އެކަން މާޒީ ވިޔަސް ކަންގަނާ އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ހުއްޓުމެއް ނެތެވެ.
އޭނާގެ ކުރިއަށް އޮތް އެއް ފިލްމްގެ ތެރެއިން އެންމެ ވަރުގަދަ އެއް ފިލްމް ކަމަށްވާ "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ނިންމައި، ޑައިރެކްޓަރުގެ ތޮފި ކަންގަނާ އަަޅަން ނިންމުމާ އެކު، އެކަމާ ހިތްހަމަނުޖެހިގެން ބައެއް ތަރިން މިހާރު ވަނީ ފިލްމު ދޫ ވެސްކޮށްލައިފަ އެވެ.
ކްރިޝް ޑައިރެކްޝަނާ ހަވާލުވި ފިލްމުގެ މަންޒަރުތަކެއް އަލުން ޝޫޓް ކުރަން ކަންގަނާ ނިންމީ، އެހެން ފިލްމެއްގެ މަސައްކަތުގައި ޑައިރެކްޓަރު ބިޒީ ވެސް ވުމުންނެވެ. އެކަމަކު މި މައްސަލާގައި ފިލްމުގެ ބައެއް ތަރިން ފިލްމް ދޫކޮށްލައި، ކަންގަނާ "ފެންވަރު އޮޅިގެން އުޅޭ" ކަމަށް ބުނެ އޭނާ ފާޑު ކިޔާފައިވެ އެވެ.
މި މައްސަލަގަނޑުގެ ތެރެއަށް އަޕޫރް ވެސް ވަދެ، އަލުން ޓްވީޓެއްކޮށް، ކަންގަނާ އަށް އިޝާރާތްކޮށް ޓްވިޓާގައި ހަމަލާދީފައިވެ އެވެ.
މީޑިއާތަކުން ދާދި ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަންގަނާ ސޮއިކުރާ ފިލްމުތަކުގައި އޭނާ ބެހެން ނުޖެހޭ ކަންކަމާ ބެހޭތީ، ދާދި ފަހުން އިއުލާން ކުރި ފިލްމު "ޕަންގާ" ގެ އަންހެން ޑައިރެކްޓަރު އަޝްވިނީ އައްޔަރު ތިވާރީ ވަނީ ކަންގަނާގެ އެގްރިމަންޓްގައި "ނޯ އިންޓަފެރެންސް" މާއްދާއެއް ހިމަނައިފަ އެވެ.
ބޭނުމަކީ ފިލްމްގައި އެކްޓް ކުރުން ފިޔަވައި، ފިލްމްގެ އެހެން ކަމަކާ ކަންގަނާ އަށް ބެހުމުގެ ފުރުސަތު ނުދިނުމެވެ.
މި ވާހަކަތައް މީޑިއާގައި ދައުރުވާން ފެށުމުން "ޑަންގަލް" ގެނެސް ދިން ނިތޭޝް ތިވާރީގެ އަންހެނުން އަޝްވިނީ ވަނީ ކަންގަނާގެ އެގްރިމަންޓްގައި އެފަދަ އެއްވެސް މާއްދާއެއް ހިމަނާފައި ނުވާނެ ކަމަށް ބުނެފަ އެވެ. އަދި އެފަދަ ވާހަކަތައް ބައެއް މީހުން ފަތުރަނީ ދޭދޭ މީހުންގެ މެދުގައި އޮންނަ ގުޅުންތައް ހަރާބުކޮށްލުމުގެ ބޭނުމުގައި ކަމަށް ބުންޏެވެ.
އަދި މި ވާހަކަތައް އެންމެ ގަދަވި ދުވަސްކޮޅު އަޝްވިނީ އާއި ކަންގަނާ އެކުގައި ކެއުމަކަށް ގޮސް، ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އަޝްވިނީ ހިއްސާކޮށްފައިވެ އާންމުވި އެވެ.
"ބެރިލީ ކީ ބަރްފީ" ފަދަ ފިލްމްތައް ގެނެސް އަޝްވިނީ ބުނި ގޮތުގައި ފިލްމެއް މޮޅުވެފައި ބެލުންތެރިންނަށް ކަމުދަނީ އޭގައި މަސައްކަތް ކުރާ އެންމެން ގުޅިގެން ކުރާ ބުރަ މަސައްކަތުންނެވެ. އެހެންވެ ވަކި މީހެއްގެ ނުފޫޒު ފިލްމަކަށް ފޯރާ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އިންސާފެއް ނޫން ކަމަށް ބުންޏެވެ.
އަޝްވިނީ ޑައިރެކްޓްކޮށް، ކަންގަނާ އާއި ޕަންޖާބީ އެކްޓަރު ޖެއްސީ ގިލް ލީޑް ރޯލް ކުޅޭ "ޕަންގާ" އަކީ އާއިލީ ވާހަކައަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.
އަންނަ އަހަރު ގެނެސްދޭ މި ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.