އަނބިކަނބަލުންގެ ޖަނާޒާ އަށް ނަވާޒް ޝަރީފް ޖަލުން ނެރެފި
އަނބިކަނބަލުންގެ ޖަނާޒާ އަށް ނަވާޒް ޝަރީފް ޖަލުން ނެރެފި

ލާހޯރު (ސެޕްޓެމްބަރު 12) - ލަންޑަނުގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ އަވަހާރަވި ކުލްސުމް ނަވާޒުގެ ޖަނާޒާ އަށް ފިރިކަލުން އަދި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މިއަދު ޖަލުން ނެރެފި އެވެ.

ބާރަ ގަޑިއިރުގެ ޕެރޯލުގެ ދަށުން ނަވާޒް ޝަރީފާ އެކު ދަރިކަނބަލުން މަރިޔަމް އާއި މަރިޔަމްގެ ފިރިކަލުން މުހައްމަަދު ސަފްދާރު ވެސް ވަނީ ޖަލުން ނެރެފަ އެވެ. ކުލްސުމްގެ ޖަނާޒާ ބާއްވާނީ ލާހޯރުގަ އެވެ.

ރާވަލްޕިންޑީގެ އަޑިއަލާ ޖަލުން ލާހޯރަށް ނަވާޒް ޝަރީފް ގެންގޮސްފައި ވަނީ ޚާއްސަ މަތިންދާ ބޯޓެއްގަ އެވެ.

އަނބިކަނބަލުންގެ ޖަނާޒާ އަށް ނަވާޒް ޝަރީފް ދޫކޮށްދިނުމަށް އެދި ޕަންޖާބު ސަރުކާރަށް ހުށަހެޅީ އެމަނިކުފާނުގެ ކޮއްކޮ ޝަހުބާޒް ޝަރީފެވެ. އޭނާ ވަނީ ނަވާޒް ޝަރީފް ފަސް ދުވަހަށް ދޫކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ހުއްދަ ދީފައި ވަނީ ފަސްގަޑިއިރަށެވެ.

ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގުގެ ތަރުޖަމާނަކު ވިދާޅުވީ ކުލްސުމްގެ ހަށިގަނޑު ލާހޯރަށް ގެންނާނީ ހުކުރު ދުވަހު ކަމަށާއި ޖަނާޒާ ބާއްވާނީ ވެސް އެ ދުވަހު ކަމަށެވެ. އަދި ހުކުރު ދުވަހާ ހަމައަށް ނަވާޒް ޝަރީފްގެ ޕެރޯލް އިތުރުކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަންޖާބް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ކުލްސުމްގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމެންދެން ނަވާޒް ޝަރީފުގެ ޕެރޯލް އިތުރުކޮށްދޭނެ ކަމަށެވެ.