ޝްވޭތާ ބައްޗަންގެ އަލަތު ފޮތް އަންނަ މަހު ނެރެން ނިންމައިފި
ޝްވޭތާ ބައްޗަންގެ އަލަތު ފޮތް އަންނަ މަހު ނެރެން ނިންމައިފި

މީގެ ދުވަސްކޮޅެއް ކުރިން އެމްއެކްސްއެސްގެ ނަމުގައި އަމިއްލަ ކްލޯތިން ލައިނެއް ލޯންޗް ކުރި ބޮލީވުޑްގެ ރަސްގެފާނު އަމީތާބް ބައްޗަންގެ އަންހެން ދަރިފުޅު ޝްވޭތާ ބައްޗަން ނަންދާގެ ފުރަތަމަ ފޮތް އަންނަ މަހު ނެރެން ނިންމައިފި އެވެ.

މުމްބާއީގެ ޓަވަރެއްގެ އެކިއެކި އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ބައެއްގެ ވާހަކަ މަޖާ އަދި ޝައުގުވެރި ގޮތަކަށް ކިޔައި ދީފައިވާ މި ވާހަކަ އަށް ދީފައިވާ ނަމަކީ "ޕެރެޑައިޒް ޓަވާޒް" އެވެ.

އަންނަ މަހުގެ 10 ގައި ނެރޭ ފޮތާ ބެހޭ ގޮތުން، މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރް ބުނެފައި ވަނީ "ވަރަށް ބަލައިގެން ލިޔެފައި އޮތް ކިޔާލަން ޝައުގުވެރި ފޮތެއް" ކަމަށެވެ.

"ޕެރެޑައިޒް ޓަވާޒް" އާ ބެހޭ ގޮތުން ޝްވޭތާ ބުނީ އޭނާއަކީ އަބަދު ވެސް ކިޔުންތެރިކަމާއި ލިޔުންތެރިކަމަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް ކަމަށެވެ. އެގޮތުން ބޮޑުވަމުން އައީ ކާފަ އަދި މަޝްހޫރު ޅެންވެރިޔާ/ލިޔުންތެރިޔާ ހަރީވަންޝް ރާއީ ބައްޗަންގެ އަބަދީ ގުލްޒާރުގެ ތެރޭގައި ކަމަށް ބުންޏެވެ.

"ވަރަށް ކުޑައިރުއްސުރެ ވެސް އަހަންނަކީ ފޮތްތައް ކިޔުމަށާއި ލިޔުންތެރިކަމަށް ވަރަށް ޝައުގުވެރިވާ މީހެއް،" ފުރާވަރަށް އަރާފައި ތިބި ދެ ކުދިން ވެސް މިހާރު ތިބި ޝްވޭތާ، 44، ބުންޏެވެ. "ވަރަށް ކުޑައިރުން ފެށިގެން އަހަންނަކީ ޑައިރީ ވެސް ލިޔަމުން އައި މީހެއް."

އޭނާ ބުނި ގޮތުގައި ވާހަކަ ފޮތެއް އާންމުންނާ ހަމައަށް ގެނެސް ދެވިދާނެ ކަމުގެ ޔަގީންކަމާއި އިތުބާރު އުފެދުނީ މުމްބާއީގެ ނޫހަކަށް ލިޔެދެމުން އައި ކޮލަމްތަކަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބުގެ ސަބަބުންނެވެ.

"ޕެރެޑައިޒް ޓަވާޒްއަކީ އޭގެ ނަތީޖާ. އަހަރެން ވަރަށް އުންމީދު ކުރަން މި ވާހަކަ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް،" އެކްޓަރު އަބީޝެކް ބައްޗަންގެ ދައްތަ ބުންޏެވެ.

"ޕެރެޑައިޒް ޓަވާޒް" ނެރެނީ ޕަބްލިޝިން ހައުސް ހާޕާކޮލިންސް އިންޑިއާއާ ގުޅިގެންނެވެ.

އެތަނުގެ އެސިސްޓަންޓް އެޑިޓަރު ޝްރެޔާ ޕުންޖް ބުނި ގޮތުގައި ޝްވޭތާގެ ފުރަތަމަ ފޮތް ނެރުމުގެ ފުރުސަތު ލިބުމަކީ ޝަރަފެކެވެ. އޭނާ ވަނީ ޝްވޭތާގެ ލިޔުންތެރި ކަމަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

ބޮލީވުޑްގައި ލިޔުންތެރިންގެ ގޮތުގައި މަޝްހޫރު ފަންނާނުންގެ ތެރޭގައި އަކްޝޭ ކުމާރްގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ކުރީގެ ބަތަލާ ޝިލްޕާ ޝެޓީގެ އިތުރުން ސައިފް އަލީ ހާންގެ ކޮއްކޮ ސޯހާ އަލީ ހާން ހިމެނެ އެވެ.