12 ސެޕްޓެމްބަރ 2018 - 10:58

މޮންރޮވިއާ (ސެޕްޓެމްބަރު 12) – ލައިބީރިއާގެ ރައީސް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިޔާ އުމުރުން 51 އަހަރުގައި ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގައި ލައިބީރިއާ ގައުމީ ޓީމަށް ކުޅުއްވައިފި އެވެ.
އަމިއްލަ ގައުމުގައި ކުޅެ ނައިޖީރިއާ އަތުން 2-1 އިން ލައިބީރިއާ ބަލިވި މި މެޗަކީ ވިޔާ ކެރިއަރުގައި ބޭނުންކުރި 14 ނަމްބަރު ޖާޒީ ރިޓަޔާކުރުމުގެ ގޮތުން ރޭވި މެޗެކެވެ. ލައިބީރިއާ ގައުމީ ޓީމަށް 1987 އިން 2003 އަށް 60 މެޗު ކުޅެދީ 22 ގޯލް ޖައްސަވާފައިވާ ވިޔާ މި މެޗުގެ 79 މިނެޓު ފުރިހަމަކުރެއްވި އެވެ.
މި މެޗަށް ނައިޖީރިއާ އިން ވެސް ނެރުނީ ނިސްބަތުން ވަރުގަދަ ޓީމެކެވެ. އޭގެ ތެރޭގައި ލެސްޓާ ސިޓީގެ ވިލްފްރެޑް އެންޑިޑީ އާއި ކެލެޗީ އިހެނާކޯ އަދި ސްޓޯކް ސިޓީގެ ޕީޓާ އެޓެބޯ ހިމެނެ އެވެ.
ފްރާންސްގެ މޮނާކޯން 1988 ވަނަ އަހަރު ޔޫރަޕުގެ ކެރިއަރު ފެށްޓެވި ވިޔާ ވަނީ ޕީއެސްޖީ، އޭސީ މިލާން، ޗެލްސީ އަދި މެންޗެސްޓާ ސިޓީ އަށް ކުޅުއްވައިފަ އެވެ. ފީފާ އިން 1995 ވަނަ އަހަރު ހޮވި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑް ހާސިލްކުރެއްވި އިރު އެ ޝަރަފް ހޯދެއްވި އެފްރިކާގެ ފުރަތަމަ އަދި ހަމައެކަނި ކުޅުންތެރިޔާ އަށް ވެސް ވެވަޑައިގަތެވެ.
ޕީއެސްޖީ އަށް ފަހު 1995 އިން 2000 މިލާނަށް ކުޅުއްވި އިރު ރޮބާޓޯ ބާޖިއޯ ފަދަ ކުޅުންތެރިންނާ އެކު އެ ޓީމުގެ ފޯވާޑް ލައިނުގައި މޮޅު ކުޅުމެއް ދެއްކެވި އެވެ. އެ ޓީމާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ދެ ފަހަރު ހާސިލްކުރެއްވި އެވެ.