12 ސެޕްޓެމްބަރ 2018 - 09:30

ވޮޝިންޓަން (ސެޕްޓެމްބަރު 12) – އުއްމީދީ ފޯވާޑް ރިޝާލިސަންގެ ދެ ގޯލާ އެކު ބްރެޒިލުން އެކުވެރިކަމުގެ މެޗެއްގައި ރޭ އެލް ސެލްވަޑޯ އަތުން 5-0 އިން މޮޅުވެއްޖެ އެވެ.
ބްރެޒިލުން މި މެޗަށް ނުކުތީ ހޮނިހިރު ދުވަހު އެމެރިކާ އަތުން 2-0 އިން މޮޅުވި މެޗަށް ނެރުނު ޓީމަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެކަމަކު މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވަނީ ކުޅެފަ އެވެ. ނެޓޯ ގޯލް ބެލެހެއްޓިއިރު ޑިފެންސަށް ކުޅުނީ މާކީނިއޯސް އާއި ޑެޑޭ އެވެ. އެ މެޗުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ރިޝާލިސަން އާއި ބާސެލޯނާގެ އަރްތޫރް ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ.
މި މެޗުގައި ތަރިއަކަށްވީ ޕްރިމިއާ ލީގުގެ އެވަޓަން އިން މި ސީޒަނުގައި ވެޓްފޯޑުން 52 މިލިއަން ޑޮލަރަށް ގަތް އުމުރުން 21 އަހަރުގެ ރިޝާލިސަން އެވެ. ދެ ގޯލް ޖެހުމުގެ އިތުރުން ޕެނަލްޓީއެއް ވެސް ހޯދައިދީ އޭނާ ވަނީ ކޯޗު ޓީޓޭ ކުރި އިތުބާރުގެ ބަދަލު ދީފަ އެވެ.
އޭނާ ހޯދައިދިން ޕެނަލްޓީން ކެޕްޓަން ނޭމާ ލީޑު ނެގީ ހަތަރު ވަނަ މިނެޓުގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ރިޝާލިސަން ލީޑު ފުޅާކޮށްދިން އިރު ތިން ވަނަ ގޯލް ޖެހީ ފިލިއްޕެ ކުޓީނިއޯ އެވެ. ދެ ވަނަ ހާފުގައި ރިޝާލިސަން ދެ ވަނަ ގޯލް ޖެހިއިރު ފަހު ގޯލް 90 ވަނަ މިނެޓުގައި ޖެހީ މާކީނިއޯސް އެވެ.
ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ބެލްޖިއަމް އަތުން ބަލިވެ ކެޓި ބްރެޒިލުން މިހާރު ފޯކަސްކޮށްފައިވަނީ އަންނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ ކޮޕާ އެމެރިކާ ކާމިޔާބުކުރުމަށެވެ.
އެ މުބާރާތަށް ހަމަ އެހާ ބޮޑަށް ފޯކަސްކޮށްފައިވާ އާޖެންޓީނާ ވަނީ އެކުވެރިކަމުގެ މެޗެއްގައި ރޭ ރަށުން ބޭރުގައި ކޮލަމްބިއާއާ 0-0 އިން އެއްވަރުވެފަ އެވެ. ވަގުތީ ކޯޗު ލިއޮނަލް ސްކަލޯނީ ކޯޗުކޮށްދިން މި މެޗުގައި ވެސް އާޖެންޓީނާ އިން ބޭނުންކުރީ ޒުވާން ޓީމެކެވެ. ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުލިބުނު މައުރޯ އިކާޑީ ފުރަތަމަ އެގާރައިގައި ކުޅުނުއިރު ޕައޮލޯ ޑިބަލާ އެރުވީ ދެ ވަނަ ހާފުގަ އެވެ. ލިއޮނަލް މެސީ އާއި ގޮންޒާލޯ ހިގައިން އަދި ސާޖިއޯ އަގުއޭރޯ އަދި އެންހެލް ޑި މަރިއާ ފަދަ ތަރިން ސްކޮޑުގައި ނުހިމެނެ އެވެ.