ކްރޮއޭޝިއާ ކޮޅަށް ސްޕެއިނުން ހަ ގޯލް ޖަހައިފި
ކްރޮއޭޝިއާ ކޮޅަށް ސްޕެއިނުން ހަ ގޯލް ޖަހައިފި

މެޑްރިޑް (ސެޕްޓެމްބަރު 12) – ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ކަޓައިގެން ދިޔަ ސްޕެއިން އަލުން ބިނާކުރުމަށް އާ ކޯޗު ލުއިސް އެންރިކޭ ފެށި މަސައްކަތުގެ ތެރެއިން ރޭ ވޯލްޑް ކަޕުގެ ދެ ވަނަ ހޯދި ކްރޮއޭޝިއާ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މި މެޗުގައި ކްރޮއޭޝިއާގެ ފުރަތަމަ އެގާރައިގައި ކުޅުނީ ވޯލްޑް ކަޕް ފައިނަލުން ފްރާންސް އަތުން 4-1 އިން ބަލިވި މެޗުގައި ކުޅުނު ހަތަރު ކުޅުންތެރިންނެވެ. އެކަމަކު އެއީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކެޕްޓަން ލޫކާ މޮޑްރިޗާއި އިވާން ރަކިޓިޗާއި އިވާން ޕެރިސިޗް އަދި ޑޮމަގޯ ވީޑާ އެވެ.

ކްރޮއޭޝިއާ އިން މެޗު ވަރަށް ރަނގަޅަށް ފެށި ނަމަވެސް 24 ވަނަ މިނެޓުގައި ސައުލް ނިގުއޭޒް ޖެހި ލަނޑާ އެކު ސްޕެއިނަށް ލީޑު ލިބި މެޗުގެ ކޮންޓްރޯލް ނެގި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާކޯ އަސެންސިއޯ ދެ ވަނަ ގޯލް ޖެހިއިރު ތިން ވަނަ ލަނޑަކީ ކްރޮއޭޝިއާގެ ލޮވްރޭ ކަލިނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ހާފުގައި ސްޕެއިނުގެ އަނެއް ތިން ގޯލް ޖެހީ ރޮޑްރިގޯ އާއި ކެޕްޓަން ސާޖިއޯ ރާމޯސް އަދި އިސްކޯ އެވެ.

ފުރަތަމަ މެޗުން އިންގްލެންޑް އަތުން 2-1 އިން މޮޅުވި ސްޕެއިން މިހާރު އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގަ އެވެ. އެއް މެޗު ކުޅެފައިވާ އިންގްލެންޑާއި ކްރޮއޭޝިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ. ދެ ބުރު ކުޅެ އެއް ވަނަ އަށް ހޮވޭ ޓީމެއް އަންނަ އަހަރު އޮންނަ ފައިނަލް ބުރަށް ހޮވޭނެ އެވެ. އަދި ފުލަށް ދާ ޓީމެއް، ލީގުގެ ދެ ވަނަ ލެވެލަށް ރެލިގޭޓްވާނެ އެވެ.

މި ގްރޫޕުގައި ހިމެނޭ އިންގްލެންޑް ވަނީ ރޭ އެކުވެރިކަމުގެ މެޗެއްގައި ސްވިޒަލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ. ލެސްޓާގައި ކުޅުނު މި މެޗުގައި އިންގްލެންޑުގެ ހަމައެކަނި ގޯލް ޖަހައިދިނީ 54 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑެވެ.