އާތިފްގެ ހިތްވަރު އެބަހުރި، 100 މޭލުގެ ރޭސް ފުރިހަމަކޮށްފި!
އާތިފްގެ ހިތްވަރު އެބަހުރި، 100 މޭލުގެ ރޭސް ފުރިހަމަކޮށްފި!

ނަވާވީސް ގަޑިއިރާއި 46 މިނެޓުގެ ތެރޭގައި 102.9 މޭލު ކަޑައްތުކޮށް، މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް އޭނާގެ ހިތްވަރާއި ބުންވަރު އަނެއްކާ ވެސް ސާބިތުކޮށްދީ މުޅި ދިވެހިރާއްޖެ ފަހުރުވެރިކޮށްދީފި އެވެ.

އާތިފްގެ ހިތްވަރު އެބަހުރި، 100 މޭލުގެ ރޭސް ފުރިހަމަކޮށްފި!
އާތިފްގެ ހިތްވަރު އެބަހުރި، 100 މޭލުގެ ރޭސް ފުރިހަމަކޮށްފި!

އިނގިރޭސި ވިލާތުގެ ނޯތު ޑައުން ވޭސްގައި އިއްޔެ ފެށި ރޭސް ނިންމަން ދީފައިވާ 30 ގަޑިއިރު ހަމަވުމުގެ 14 މިނެޓު ކުރިން އާތިފް ރޭސް ނިންމި އިރު، މިއީ ދިވެއްސަކު މިހާތަނަށް ފުރިހަމަ ކުރި އެންމެ އުނދަގޫ އެއް ދުވުމުގެ ރޭހެވެ.

"މިއީ އާދަޔާހިލާފު ކާމިޔާބެއް. އާދަޔާހިލާފު ހިތްވަރު އޭނާ އެ ސާބިތުކޮށްދިނީ. މިއީ މުޅި ދުނިޔޭގެ ފެންވަރުގެ ކާމިޔާބެއް. މިއީ މުޅި ދިވެހިރާއްޖެ ފަހުރުވެރިވާން ޖެހޭ ކާމިޔާބެއް،" އާތިފްގެ ކޯޗު އަދި ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލް އުފަލާ އެކު ބުންޏެވެ.

އުނދަގޫ މަގުތަކާއި ޖަންގަލިތަކާއި ފެންގަނޑުތަކާއި ފަރުބަދަތައް ރޭގަނޑުގެ އަދިރީގައި އަދި ދުވާލުގެ ގަދަ ހޫނުގައި، ހުރަސްކޮށް އާތިފް އެ ފުރިހަމަކުރި 100 މޭލު ނުވަތަ 160 ކިލޯމީޓަރުގެ ރާސްތާއަކީ މާލެ ވަށައި ނަމަ ގާތްގަނޑަކަށް 25 ބުރެވެ. އާއްމުކޮށް، މީހުން ދުވާ އެންމެ ދިގު ރާސްތާ ދުވުން ނުވަތަ މެރެތަން ރޭހެއްގައި ދުވަން ޖެހެނީ މާލެ ވަށައި އަށް ބުރެވެ.

"އޭނާ ދުވި ރާސްތާގައި ހިމެނޭ އުސް ހިސާބުތަކާއި ފެންގަނޑުތަކާއި ޖަންގަލިތަކާއި ހަނަފަސް ހިސާބުތައް. ދިވެހިރާއްޖެ ފަދަ ބިންތިރި ގައުމެއްގެ ދުވުންތެރިޔަކު، ހައި އެލްޓިޓިއުޑުގައި ވެސް އެހާ ފުރިހަމަކަމާ އެކު ދުވެ ރޭސް ނިންމުމަކީ ވަރަށް ބޮޑު ކަމެއް ހަގީގަތުގައި. މުޅި ރޭހަށް ބަލާއިރު ވެސް އޭނާގެ ދުވެލި ހުރީ ވަރަށް ރަނގަޅު ސްޕީޑެއްގައި،" ނަސީރު ބުންޏެވެ.

އޭނާ ބުނީ އާތިފް ރޭހުގައި ދުވީ އަނިޔާއަކުން މުޅިން ރިކަވާނުވެ ހުރެ ކަމަށާއި އޭގެން ވެސް ދައްކައިދެނީ އޭނާގެ ހިތްވަރު ކަމަށެވެ.

ފުލުހުންގެ ވަޒީފާގެ އިސް މަގާމެއްގައި ހުރި އާތިފް މަޝްހޫރުވެގެން ދިޔައީ މި އަހަރުގެ ޖެނުއަރީ މާލެ ވަށައި 24 ގަޑިއިރު ދުވުމުންނެވެ. އިނގިރޭސި ވިލާތުގައި ކުރިއަށް ދިޔަ މި އަލްޓްރާ ދުވުމަށް އޭނާ ހޮވުނީ ވެސް މާލެ ވަށައި ދުވެ އޭނާ ދެއްކި ހިތްވަރުންނެވެ.

އެކަނިމާއެކަނި ރޭސް ފުރިހަމަކުރި ނަމަވެސް އޭނާއާ އެކު މި ދަތުރުގައި އޭނާގެ ކޮއްކޮ އަދި ދުވުންތެރިޔާ ހުސެއިން ސުޖާއު އާއި ޑރ. އަބްދުލްމާލިކް ބައިވެރިވި އެވެ. އޭނާގެ މި ދަތުރަށް އެލައިޑް އިންޝުއަރެންސް އަދި ރެޑްބުލް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި އުނދަގޫ ޗެލެންޖަށް ފަހު އާތިފް ދެން ކުރިމަތިލާން ތައްޔާރުވަނީ ވެސް އެހާމެ ވަރުގަދަ ޗެލެންޖަކާ އެވެ. އެއީ ފަލި ޖަހައިގެން ރާއްޖެ ވަށައި ބުރެއް ޖެހުމަށެވެ. އަންނަ އަހަރުގެ ފެބުރުއަރީ މަހު ފަށަން ގަސްދުކުރާ އެ ޗެލެންޖަށް ނުކުންނަން ބޭނުންވާ ފަލި ޖެހުމުގެ ތަމްރީންތަކަށް ރޯވިން ބޯޓު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.