12 ސެޕްޓެމްބަރ 2018 - 00:09

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެމަނިކުފާނު ހޯދާ ފައިސާއަކީ ހަލާތު ފައިސާއެއް ކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ހުޅުމާލޭގައި ވިދާޅުވެއްޖެ އެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތައް ދައްކާލުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން އިސްލާމް ދީން ދެމެހެއްޓުމަށާއި ސަގާފަތާއި ގައުމިއްޔަތުގެ ސިފަތަކަށް އާރޯކަން ގެނައުމަށާއި އެކި ދާއިރާތަކަށް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ރައީސްގެ މި ވާހަކަފުޅަށް ފަހު، މިސާލު ނެންގެވީ ސަރުކާރުން އެޅި މިސްކިތްތަކުންނެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ސަރުކާރުގައި މިސްކިތް އެޅުމަށް ހަރަދު ކުރި ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއަކީ އެ ސަރުކާރާ ބަލާފައި ބޮޑު އަދަދެކެވެ. އެކަމަކު، ވޭތުވެދިޔަ ހަތަރު އަހަރު މިސްކިތްތައް ބިނާކުރަން 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް ވިދާޅުވި އެވެ.
"ދެން ވެސް ވިދާޅުވާނީތޯ އަޅުގަނޑު ކައިރީގައި މިސްކިތް އަޅާފައި ހުރީ މާ އަގުބޮޑުކޮށްނޭ؟ ދެން ވެސް ވިދާޅުވާނީތޯ އަޅުގަނޑު ކައިރީގައި މިސްކިތްތައް އަޅާފައި ހުރީ ލޯން ނަގައިގެންނޭ. މިސްކިތަށް ނަމާދަށް އަރާ މީހާ ނުބަލާ ރައީސް ޔާމީން ކޮން ގޮތަކަށް ހޯދި ފައިސާއެއްތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އެނގޭނެ އެމީހުންނަށް ރައީސް ޔާމީން ހޯދާނީ ހަލާލު ގޮތުން ހޯދާ ފައިސާކަން،"
ރައީސް މިގޮތަށް ވިދާޅުވިއިރު، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް، އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ. އެކަމަކު، ރައީސް ޔާމީން މީގެ ކުރިން އެތައް ފަހަރަކު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން އެ ހިޔާނާތުގެ ކަންކަން އެނގިވަޑައިގަތީ ފަހުން ކަމަށާއި އެހެންކަމުން "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވެސް، މިދިޔަ އަހަރު އެމަނިކުފާނު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކާއެކު ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިސްކިތްތަކާއި އިމާރާތްތައް ވެސް އަޅަނީ ފައިސާ ހޯދައިގެން ކަމަށެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ "މި ތަންތަން ސަޅީ" ކޮންކްރީޓުން އަޅާތީ ކަމަށެވެ.
"ކޮންކްރީޓުވީމަ އެތަން ތަނުގައި ހުންނަނީ. އައިޖީއެމްއެޗް، ދަރުމަވަންތައަށް ބަދަލުވެގެން ދާއިރު އެ ވެސް ކޮންކްރީޓު. އަޅުގަނޑަށް ހީވަނީ އެބޭފުޅުންނަށް އެންމެ މަތީ ބުރި ބެލޭނީ ފޯކްލިފްޓަކަށް އަރުވައިގެންހެން. ހަމަ ގައިމުވެސް ކަރު އުފުލާ ބަލައިގެން ނުފެންނާނެ،" ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީ ކުރުމަށް ބޮޑު ހަރަދުތަކެއް ކުރާތީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ދިވެހިން މިއަދު ދުރަށް ދާން ޖެހެނީ އެދުރުގެތަކާއި ވޮށިފިލައާ އެވެ. އޭގެ ބަދަލުގައި ދައްކަންވީ ޒުވާނުންނަށް އުންމީދު ލިބޭ ކަހަލަ ވާހަކަ ކަމަށާއި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ހުޅުމާލެ އިން ފުރިހަމަވަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މިއިން ކޮންމެ އެޕާޓްމަންޓެއްގެ ކުލި ދެއްކޭ ބަޔަކަށް ޒުވާނުން ހެދުމެވެ. އަދި އެ ޒުވާނާއަކީ އެޕާޓްމަންޓުގައި އުޅެމުން އެތަނުގެ މިލްކުވެރި މީހެއްގެ ގޮތުގައި ސަރުކާރުން ހަދައިދޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.