12 ސެޕްޓެމްބަރ 2018 - 06:56

އާދިއްތަ ދުވަހާ ގުޅޭ
"ޔާ ރައިޓް!" ޝާޒްލީ ބުންޏެވެ. "މަށަށް ފިލަން މުޅި ތަނުގަ ދުވާއިރު ވެސް.."
"މީހަކަށް ފިލާކަށް މަ ނޫޅެން." ޢަލީ ޖަވާބު ވީހާ ވެސް ކުރުކޮށްލިއެވެ.
"ދެން ކިހިނެއްވެގެންތަ ތި އުޅެނީ؟" ހައިރާންވެފައި ޝާޒްލީ އެހިއެވެ. "ހެޔޮނުވާނެ އަހަންނަށް ކިޔައިދީބަލަ! ކޮބައިތަ މަގޭ ފޯލްޓަކީ؟"
ޢަލީ ކުއްލިއަކަށް ޝާޒްލީއާ ދިމާއަށް ބަލައިލިއެވެ. ހިތަށްއެރިއެވެ. ޒޫނާ ކުރި ހުރިހާ ކަމެއް އަލިފުން ޔާއަށް ޝާޒްލީއާ ދިމާއަށް ގޮވައިލަންވީއެވެ. ހިތުގައި ހިފޭއްޓިފައިވާ ޝަކުވާތަކާއި، ސުވާލުތަކާއި، ނަފުރަތުގެ ތޫނު ތީރުތަކުން ޝާޒްލީ ޒަޚަމުކޮށްލަންވީއެވެ. މަންމަ ވަކިވެގެންދިޔަ ގޮތާއި، ބައްޕަ ޖަހައިގަތް ގޮތް ފަލަ ސުރުޚީއަކުން ފަވައިލަންވީއެވެ. ދެން ހިތަށްއެރިއެވެ. ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަކު ވެސް އެނބުރި އަންނާނެ ހެއްޔެވެ؟ ޝާޒްލީ ގަބޫލުކުރާނެ ހެއްޔެވެ؟
"ގޮސް ޒޫނާ ގާތުގަ އަހާބަލަ!" ޢަލީ މަޑުމަޑުން ބުންޏެވެ. "ދޮންދޮން މަންމަގެ ކަޅުކަޅު ހިތާ ސުވާލުކޮށްބަލަ! މީހުންގެ ފިރިން ޖަހައިގެންފަ، އެ ވަރުން ނުވެގެން ފިރިމީހާ މަރާލާފަ، ނުވާ ތާކަށް އެ މީހާގެ އަނބިމީހާ ވެސް މަރާލީ އެ ފަކީރުގެ ކޮން ފޯލްޓެއް އޮވެގެންތޯ؟"
"އޭނ؟" ޒޫނާއަށް ބުނެވުނެވެ.
"ނޭނގޭކަމަށް ހަދާނެކަމެއް ނެތް. އެ ޒޫނާ ފުރަތަމަ އިން މީހާގެ ވާހަކަ މި ދައްކަނީ. ޒޫނާ ގާތުގަ އަހާބަލަ އިހުސާން ދަންނަންތޯ؟ ސާޖިދަކީ ކާކުތޯ!"
އަނެއްކާ ވެސް އެ ދިމާއަށް ބަޔަކު އަންނާތީ ދެ މީހުންގެ ވާހަކަ މެދުކެނޑުނެވެ. އެ މީހުން ދިޔުމުން ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"ތީ ކާކު ދައްކައިގެން އުޅޭ ވާހަކައެއް؟" ޝާޒްލީ އެހިއެވެ. "ދައްތަ އެ ކަހަލަ ކަމެއް ކޮށްފާނެހެން އައްޔައަށް ހީވޭތަ؟"
"އެ ފިރިހެންމީހާއަކީ އަހަރެންގެ ބައްޕަ. އަންހެންމީހާއަކީ އަހަރެންގެ މަންމަ،" ޢަލީ ރުޅި ކޮންޓުރޯލުކުރަމުން ކެތްތެރިކަމާ އެކީގައި ބުންޏެވެ. "މިހާރު ޝަޒޫއަށް ހީވޭތަ އަހަރެން މި ދައްކަނީ ތެދު ވާހަކައެއްހެން؟"
ބުނާނެ އެއްޗެއް ނޭނގި ހުއްޓުންއަރައިފައި ޝާޒްލީ ހުއްޓައި، ލުތްކެއްޖެހުމަށް ފަހު ޝާޒްލީ އަތުން ޢަލީ ވަށިގަނޑު ދަމައިގަތެވެ.
"މިހާރު އަހަރެން ޝަޒޫއާ މެރީކޮށްފިއްޔާ، އަހަރެންގެ ސެލްފް ވެސް އަހަންނަށް މަލާމާތްކޮށްފަ ހޭނެ." ޢަލީ ވަރަށް ލަސްލަހުން، މަޑުމަޑުން ބުންޏެވެ.
ޝާޒްލީ ގާވެފައި ހުރީއެވެ. ޢަލީ ފަސްއެނބުރި ބަލައިވެސް ނުލައި ދިޔައީއެވެ. އެ ހިސާބުން ޝާޒްލީގެ ބާޒާރުކުރުމުގެ މޫޑު ގެއްލުނީއެވެ. ބަލާއަންނަން ސުހެއިލަށް ގުޅައިފައި ޝާޒްލީ ހުރީ މަގު ފެންނަ ހިސާބަށް ނުކުމެއެވެ. ސުހެއިލު އައުމާއެކު ސައިކަލު ފަހަތަށް އެރިއެވެ. ސައިކަލު ދުއްވައިލިއެވެ. ޝާޒްލީ ވާހަކަނުދައްކައި އެތައް އިރަކު އިނެވެ.
"ކިހިނެއްވީ؟" ސުހެއިލު އެހިއެވެ.
"ނަތިން!" ޝާޒްލީ ޖަވާބުގައި ބުންޏެވެ. "ހިނގާބަލަ ރައިޑަކަށް."
ދަތުރުގެ ވަކި ހިސާބަކަށް ގޮސްފައި ޝާޒްލީއަކަށް ނީނދެވުނެވެ. ވީ ގޮތް ކިޔައިދޭން ފެށިއެވެ.
"އޭނަ އެ ބުނީ ތެދެއްބާ؟" ކިޔައިދީ ނިމުމުން ސުހެއިލު އެހިއެވެ.
"އެހެންވެގެންނޭ އެ ވާހަކަ މި ދެއްކީ،" ޝާޒްލީ ބުންޏެވެ. "ދައްތަޔާތަ ޑިސްކަސްކުރަންވީ؟ ނޫނީ ޑެޑީޔާ؟ އަހަންނަކަށް ނުކެރޭނެ ޑެޑީޔާ ޑިސްކަސްކުރާކަށް. މިހާރު ބިރުގަނޭ. ކުރީ ދުވަހު ވީ ކަންތަކާ ޑެޑް އެޕޮލޮޖައިޒް ވެސް ކުރި. މަ ވެސް ބުނިން ދެން އޯކޭއޭ. އެކަމަކު އޯކޭއެއް އަސްލު ނުވާނެ ދޯ! ހާދަ ބާރަކަށޭ ޖެހީ."
ގޭދޮށަށް ސައިކަލު މަޑުކުރިއެވެ. ސުހެއިލު ވިސްނައިލިއެވެ.
"މަންމަ ހުރި ނަމަ ނުކެރޭނެ ޑެޑްއަކަށް ޖަހާކަށް. ސީރިޔަސްކޮށް މި ބުނީ،" ހިތްހަމަނުޖެހިފައި ސުހެއިލު ބުންޏެވެ. "ޖޫޑީ މަރާލާފަ، އަހަރުމެންނާ ޑެޑީޔާ ޖައްސާފަ. ދެން ކޮން ކަމެއްބާ ބާކީ އޮތީ؟ އެބަޖެހޭ ކަމެއްކުރަން. އަހަންނަށް ކެރޭނެ."
ގެއަށް ވަންއިރު ޖިނާއެއް ނެތެވެ. ޖެނީއެއް ވެސް ނެތެވެ. ގަޑިން ދިހަޔެއްޖަހަނީއެވެ. ޒޫނާ ޓީވީ ނިއްވައިލައިފައި ތެދުވިއެވެ. ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ.
"ކޮބާ ޑެޑް؟" ސުހެއިލު އެހިއެވެ.
"ޖެނީއާ އެއްކޮށް ބޭރަށް ދިޔައީ." ޖަވާބުދީފައި ޒޫނާ ކޮޓަރިއަށް ވަނެވެ.
ފޫހި ނަޒަރަކުން ސުހެއިލާ ދިމާއަށް ޝާޒްލީ ބަލައިލިއެވެ. އެ ވަގުތު ޖެނީއާއި ޖިނާ ހެމުންހެމުން ވަނެވެ. އެ މަންޒަރު ފެނުމުން ސުހެއިލުގެ ހިތްހަމަނުޖެހުން އިތުރުވިއެވެ. ޝާޒްލީ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. އެ ތަނުގައި ވަރުގަދަ ޑުރާމާއެއް ކުޅެވޭއިރު އެ ތަން ބަލަން ހުންނަން ބޭނުން ނުވާތީއެވެ. ޖެނީއާއި ޖިނާ ދިޔައީ ޒޫނާގެ ކޮޓަރިޔާ ދިމާއަށެވެ. ސުހެއިލު އެ ތަނުގައި ނެތް ކަހަލައެވެ. ނުވަތަ ސުހެއިލު ފެނުނަސް ފެނުނުކަމަށް ހަދާކަށް ޖެނީއާއި ޖިނާ ވެސް ބޭނުމެއްނުވިއެވެ.
"ބައްޕަޔާ ވާހަކައެއްދައްކާލަން ބޭނުން." ސުހެއިލު ބުންޏެވެ.
ޖިނާއާއި ޖެނީ ވެސް ހުއްޓުނެވެ. އަނެއްކާ ދެ މީހުން އެކުގައި ކުރިޔަށް ހިނގައިގަތެވެ.
"މިހާރު!" ސުހެއިލު އެދުނެވެ.
ޖިނާ ބަލައިލީ ޖެނީއަށެވެ. އަދި ލޮލުގެ އިޝާރާތުން ޖެނީ ދާށޭ ބުނެފައި ޖިނާ ހިނގައިގަތީ ސުހެއިލާ ދިމާއަށެވެ. ޖެނީ ގޮސް ކޮޓަރިއަށް ވަނެވެ.
"ކިހިނެއްވީ؟" ޖިނާ އެހިއެވެ.
"ކިހިނެއްވީ ދަރިފުޅާއޭ ނާހާނަންތަ؟" ސުހެއިލު ވެސް ކުރީ ސުވާލެކެވެ. "ބައްޕަ ކުރިން ވާހަކަދައްކަނީ އެހެން."
ޖިނާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ދަރިން ނޫން އިންސާނަކަށް ދަރިފުޅު ކިޔާކަށް ޖިނާ ބޭނުމެއް ނޫނެވެ.
"ބުނަން ތި އުޅޭ އެއްޗެއް ބުނެބަލަ!" ޖިނާ އެދުނެވެ.
"މިހާރު ދަރިފުޅު ކިޔަން ވެސް ޑެޑީއަށް އުނދަގޫ!" ހިތްހަމަނުޖެހުނުކަން މޫނުމަތިން ފާޅުކުރަމުން ސުހެއިލު ބުންޏެވެ. "މީހަކު ބަދަލުވާނީ ތިހާކަންހާ ވަރަށް. ޑެޑްއަށް ކަނޑައެޅިގެން އެނގޭނެ ބުޅާ މަރާލީ ޖެނީކަން. ހަމަ އެނގިހުރެ އަޅާވެސް ނުލާ ތި ހުންނަނީ. އެނގޭތަ މެރީ ތި ކުރެވުނީ ކާކާކަން؟"
ވެގެންއުޅޭ ގޮތް ޖިނާއަށް އެނގެއެވެ. އަނގަބޮޑު މީހަކަށް އެނގެންނުވާހާ ގިނަ ސިއްރުތައް އެނގުނީއެވެ.
"ތި ކަހަލަ ވާހަކަދައްކަނިކޮށް ޖެނީއަށް އަޑުއިވިއްޖެއްޔާ އޭނަ ވަރަށް ދެރަވާނެ." ޖިނާ ކަންބޮޑުވީ މުޅިން އެހެން ކަމަކާއެވެ.
"ޖެނީ ޖެނީ ޖެނީ!" ސުހެއިލު ތަންކޮޅެއް ބާރަށް ބުންޏެވެ.
ޝާޒްލީއަށް އެ އަޑު އިވުނެވެ. ނުވާން ބޭނުންވި ކަންތައް ވެސް އެންމެ ފަހުން ވީއެވެ. ސުހެއިލަކީ ބައްޕަޔާ އެ ގޮތަށް ވާހަކަދައްކާ ދަރިއެއް ނޫނެވެ. ޢަލީ ދެއްކި ވާހަކަ ސުހެއިލު ގާތުގައި ނުބުނެ ޝާޒްލީއަށް މަޑުން ހުރެވުނު ނަމަ ޔަގީނުން ވެސް އާ މައްސަލައެއް ނުފެށުނީހެވެ. ޝާޒްލީ ދޮރުގައި ކަންފަތްޖަހައިގެން އަޑުއަހަން ހުއްޓެވެ.
"ތި ޖެނީއަކު މި ގެއަށް އައި ފަހުން އަހަރުމެން އެންމެން ބޭކާރުވެއްޖެ!" ސުހެއިލު ބުނި އަޑު އިވުނެވެ. "މިހާރު ހީވާ ކަހަލަ ބައްޕަގެ ހަމައެކަނި ދަރިޔަކީ ޖެނީއޭ."
ސުހެއިލު އެހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެ ނިކަން ބާރަށް ދޮރުޖެހިއެވެ. ޖިނާގެ ލޮލަށް ވެރިވީ އަލި ރަތްކުލައެކެވެ.
"އާނ! ޖެނީއަކީ އަހަރެންގެ ދަރިއެއް! ކަލޭމެން އެންމެންނަކީ ހަމަ ބޭކާރު ބައެއް." ޖިނާ މަޑުމަޑުން ބުނެލިއެވެ.
ގޭތެރޭގެ އުފާވެރިކަން ގެއްލުނެވެ. އެއް ކޮޓަރީގައި ނިދިޔަސް ޖެނީއާއި ޝާޒްލީގެ މެދުގައި އޮތް ގާތްކަމަށް ބުރޫއަރައިފިއެވެ. އެހެން ވިޔަނުދޭން ޝާޒްލީ މަސައްކަތްކުރިޔަސް ޝާޒްލީއަކަށް ހިތްހެވެއް ނުކުރެވުނެވެ. ޖެނީ ބުނާ އެއްޗަކަށް ޖަވާބުދޭން ނޫނީ ޝާޒްލީ ދައްކާނެ ވާހަކައެއް ނޯވެއެވެ. ދަރިންނާއި ޖިނާއާ ދެމެދުގައި އޮތް ގުޅުން ވެސް ހީނަރުވިއެވެ. އެއީ ޢާއިލާއެއް ނޫނެވެ. އެއް ފުރާޅު ދަށުގައި އުޅޭ މީހުންތަކަކަށް ވެއްޖެއެވެ. ޖިނާއަށް އެ ގޮތް ވަރިހަމައެވެ. އެކަމަކު ޖެނީގެ މޫނުމަތިން ފެންނަ ނުތަނަވަސްކަމާ މެދު ޖިނާ ކަންބޮޑުވިއެވެ.
ދުވަހެއްގެ ހަވީރު އިރުއޮއްސެމުންއައި ވަގުތެވެ. ހެދިގޮނޑުދޮށުގައި ހެލިފެލިވި އިންސާނުން މަދުވާން ފަށައިފާ ވަގުތެކެވެ. އެ ތަނުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ޖިނާ އިންއިރު ގާތުގައި ޖެނީ އިނެވެ. އެ ދެބަފައިންނަށް ފެންނަނީ އެ ތަން ފުރެމުންއަންނަތަނެވެ. ޖިންނީންގެ އެކި އުމުރުގެ، އެކި ސިފަސިފައިގެ މަޚްލޫޤުންނެވެ. އެކަމަކު، ޖެނީގެ ކަޅި ސީދާވެފައި ހުރީ އެ ތަނުގައި ފޮޓޯނަގަން ހުރި އަންހެނަކަށެވެ.
"ދަރިފުޅާ ރީތިކޮށް ހުރޭ!" ކެމެރާ ތައްޔާރުކޮށްގެންހުރި މަންމަ ބުންޏެވެ. "މި ކޮޅު ބަލާ!"
ޖެނީގެ ސިކުނޑީގައި އެނބުރޭ އޮއިވަރު ޖިނާއަށް އެނގެއެވެ. ހިތާމައަކީ ޖެނީގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދޭން ޖިނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމެވެ.
"ކީއްވެގެންތަ މަންމަ މިހާރު ދަރިފުޅު ނުކިޔަނީ؟" މާޔޫސްކަމުގެ ރާގެއްގައި ޖެނީ ސުވާލުކުރިއެވެ.
"ކެތްކުރޭ! އަދި އެ ދުވަސް އަންނާނެ." ޖިނާ ހިތްވަރުދިނެވެ.
"ތިއޭ މައްސަލައަކީ،" ޖެނީ ބުންޏެވެ. "ގިނަ ދުވަސްވާ ވަރަކަށް ގިނަ ކަންތަކާ ދިމާވާނެ. ގިނަ މައްސަލަތައް ޖެހޭނެ. އަހަރުމެން ދެން ދާންވީކަންނޭނގެ."
ޖިނާ ވިސްނައިލިއެވެ. މާ ގިނަ ހުރަސްތަކެއް ޖިނާއަކަށް ނުފެނެއެވެ. އެންމެ މީހަކު ފިޔަވައެވެ.
"އަނިޔާތަކަށް ވަރަށް ކެތްކޮށްގެން މިހާ ހިސާބަށް އާދެވިފަ މި ތިބީ،" ފަސްޖެހެން ދެކޮޅުހަދަމުން ޖިނާ ބުންޏެވެ. "ގިރާނުކުރެވޭ ވަރުގެ އުސް ފާރެއް ދިމާވެއްޖެއްޔާ ވައްޓާލީމަ ނިމުނީ. ބައްޕަ ހުއްޓާ ދަރިފުޅު ނުޖެހޭނެ ހާސްވާކަށް."
ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލުމުން ޝާޒްލީ ހައިރާންވިއެވެ. ކޮޓަރި ތަންޑުއެޅި ހަނދާންނުވާތީއެވެ. ޝާޒްލީ އިނީ ފޯނާ ކުޅޭށެވެ. ފޯނު އޮތީ ޗާޖަށްޖަހައިފައެވެ. ރައްޓެހިކުއްޖަކާ ޗެޓުކުރާތީ ފޯނު ދޫކޮށްލާކަށް ޝާޒްލީ ބޭނުމެއް ނުވިއެވެ. އެކަމަކު ޓަކިޖެހުން ނުހުއްޓިގެން އެންމެ ފަހުން ފޯނު އެނދުމަތީގައި ބާއްވާފައި ޝާޒްލީ ދިޔައެވެ.
"ދޮރު މިހިރީ ހުޅު.." ދޮރު ހުޅުވައިފައި އެ ހިސާބަށް ބުނެފައި ޝާޒްލީ ހުއްޓުންއެރިއެވެ.
ދޮރުމަތީގައި ހުރީ ޒޫނާއެވެ. އަޅައިނުލައި ހުރެގެން މައްސަލަ ޙައްލުނުވާނެހެން ޒޫނާއަށް ހީވެގެން ޒޫނާ އަމިއްލައަށް އިސްނަގައިގެން އައީއެވެ.
"ކިހިނެއްވީ؟" ޝާޒްލީ އެހިއެވެ.
"ވަންނަންތަ؟" ޒޫނާ އެހިއެވެ.
ޝާޒްލީ ދޮރު ހުޅުވައިލިއެވެ. ޒޫނާ ވަނުމުން ދޮރު ލެއްޕިއެވެ.
"ކީއްތިކޮށްލަނީ؟" ޒޫނާ ސުވާލުކުރިއެވެ.
"ކަމެއްނުކުރަން،" ޝާޒްލީ ބުންޏެވެ. "ކަމަކުތަ؟"
"ކަމަކު ނޫން،" ޒޫނާ ފުރަތަމަ ބުނީ އެހެންނެވެ. "އުހުނ! ކަމަކު މިއައީ. އިށީނދެބަލަ!"
ޝާޒްލީ ނޫން ގޮތަކަށް އިށީނދެލިއެވެ. ދައްކަން ބޭނުންނުވާ ވާހަކަ ދެއްކުމަށް ތައްޔާރުވިއެވެ.
"ކޮން ހިސާބަކުންތަ ފަށާނީ ވެސް،" އެނދުގައި އިށީންނަމުން ޒޫނާ ބުނެލިއެވެ. "އަސްލު އަހަރެން މިގެއަށް އައީމަ ޝާޒްލީމެންނަށް އުނދަގޫވޭތަ؟ ވަންޏާ ބުނައްޗޭ! އަހަންނާ އަހަރެންގެ ދަރިފުޅާ.."
ނުނިމޭ