11 ސެޕްޓެމްބަރ 2018 - 17:36

ލަންޑަން (ސެޕްޓެމްބަރު 11) - ކޮރަޕްޝަނުގެ ކުށުގައި ޖަލުގައި ބަންދުކޮށްފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ އަނބިކަނބަލުން ކުލްސުމް ނަވާޒް ލަންޑަނުގައި މިއަދު އަވަހާރަވެއްޖެ އެވެ.
ލަންޑަނުގެ ހާލީ ސްޓްރީޓް ކްލިނިކުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 68 އަހަރުގައި ކުލްސުލް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ދުވަސްކޮޅެއް ފަހުންނެވެ. ޖިއޯ ޓީވީން ބުނީ އެކަމަނާގެ ހާލު މިއަދު ގޯސްވުމުން ވަނީ ލައިފްސަޕޯޓް މެޝިނަށް ލައިފައި ކަމަށެވެ.
ކަޝްމީރުގެ އާއިލާއަކަށް 1950 އަހަރު އުފަންވެވަޑައިގެންނެވި ކުލްސުމް ވަނީ ލާހޯރުގެ ފޯމަން ކްރިސްޓިއަން ކޮލެޖުން ގްރެޖުއޭޓް ވެވަޑައިގެންފަ އެވެ. އަދި ޕަންޖާބު ޔުނިވާސިޓީން 1970 ވަނަ އަހަރު ވަނީ މާސްޓާސް ޑިގްރީ ނަންގަވައިފަ އެވެ. ނަވާޒް ޝަރީފްއާ ކައިވެނި ބައްލަވައިގެންނެވީ 1971 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ވަނީ ހަތަރު ބޭފުޅުން ލިބިވަޑައިގެންފަ އެވެ. އެއީ ހަސަން، ހުސައިން، މަރިޔަމް އަދި އަސްމާ އެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ނަވާޒް ޝަރީފް މަގާމުން ދުރުކުރުމާ ގުޅިގެން ކުލްސުމް ވަނީ ބައި-އިލެކްޝަންގައި ލާހޯރުގެ އެސެމްބްލީގެ އެންއޭ-120 ގޮނޑިއަށް ކުރިމަތިލައްވައިފަ އެވެ. ނަމަވެސް ކެމްޕޭނުގެ ކުރިން ވަނީ ފަރުވާ އަށް ލަންޑަނަށް ވަޑައިގެންފަ އެވެ. އެކަމަނާގެ ކެމްޕޭން ކުރިއަށް ގެންދެވީ ދަރިކަނބަލުން މަރިޔަމް އެވެ. ނޭޝަނަލް އެސެމްބްލީގެ ގޮނޑިއަށް ކުލްސުމް ހޮވިވަޑައިގެންނެވި ނަމަވެސް، ސިއްހީ ހާލަތު ހުރި ގޮތުން، ހުވާ ކުރައްވަން ގައުމަށް ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ.
ނަވާޒް ޝަރީފް އާއި ދަރިކަނބަލުން މަރިޔަމް ހައްޔަރުކޮށްގެން މިދިޔަ ޖުލައި މަހު ޖަލަށް ގެންދިޔައީ ލަންޑަނުގައި ތިއްބެވުމަށް ފަހު ޕާކިސްތާނަށް ވަޑައިގެންނެވުމާ އެކު އެވެ. ނަވާޒް ޝަރީފުގެ މައްޗަށް ހުކުމް އިއްވީ ޣައިރު ހާޒިރުގަ އެވެ.