11 ސެޕްޓެމްބަރ 2018 - 16:26

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ހޯއްދެވުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އަރިސް ބޭފުޅުން ރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަން މިއަދު ފައްޓަވައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު މައުމޫން ހައްޔަރުކޮށްފައިވާއިރު، ފުލުހުންގެ ތަހުގީގަކަށް ފޯނު ނުދިނުމުން އެމަނިކުފާނުގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ކުރި އެވެ. އެ ކުށް ސާބިތުވެ މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މައުމޫންގެ ފަރާތުން މަސައްކަތް ކުރަމުން އަންނަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިސް އޮފިޝަލް އަބްދުލް އަލީމް ވިދާޅުވީ، އިބޫ އަށް ތާއިދު ހޯދުމަށް ކުރާ ދަތުރުގައި ކުރީގެ މިނިސްޓަރުންނާއި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އޭގެތެރޭގައި މައުމޫންގެ ކެބިނެޓުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އަނީސާ އަހުމަދާއި ހޯމް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު އައްބާސް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ. އެ ބޭފުޅުންގެ އިތުރުން މައުމޫންގެ ސަރުކާރުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޑރ. އަބްދުއް ސައްތާރު ޔޫސުފާއި މި ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރެއްވި އާތިފާ ޝުކޫރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަބްދުއްސާތާރާއި އަނީސާ ވަޑައިގަންނަވާނީ ބ. އަތޮޮޅުގެ ހުރިހާ ރަށަކަށެވެ. އެއާއެކު، ސިޔާސީ ހަރަކާތްތަކުގައި މައުމޫން ފެކްޝަން ތަމްސީލުކުރައްވަމުން އަންނަ، ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނާދިރާ ވަނީ ރ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ފައްޓަވައިފަ އެވެ. އެ ބޭފުޅުންގެ އިތުރުން މައުމޫނަށް ތާއީދުކުރައްވާ ޒުވާނުން ވެސް ބައިވެރިވާނެ އެވެ.
އާތިފާ ވަޑައިގަންނަވާނީ ނ. އަތޮޅުގެ ރަށްތަކަށެވެ. އެ އަތޮޅުގެ ރަށްރަށަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި އެ ރަށުގެ މީހުންގެ ހާލަތު ބައްލަވާނެ އެވެ.
އަންނަ ބުރާސްފަތި ދުވަހު ށ. ފުނަދޫ ދާއިރާ އާއި މިލަންދޫ ދާއިރާ ހިމެނޭ ރަށްތަކަށް ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ އަބްދުލްކަމާލެމެވެ. އަންނަ ހުކުރު ދުވަހު އައްބާސް ވަޑައިގަންނަވާނީ ގދ. އަތޮޅުގެ ރަށްތަކަށެވެ.
މައުމޫނަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބަޔަކު އދ. އަދި އއ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާނެ އެވެ.
އަލީމް ވިދާޅުވި ގޮތުގައި ގޭގެއަށް ދާއިރު މައުމޫނާ މެދު ސަރުކާރުން ކަންތައް ކުރަމުންދާ ގޮތާ މެދު އެ ރަށްރަށުގެ މީހުން ދެރަވެ ރޮއެ ހަދާ ކަމަށެވެ.
"ރަށްރަށުގައި މައުމޫނަށް އަދި ވެސް ބޮޑު ތާއީދެއް އެބަ އޮތް. ޑޯ ޓު ޑޯ ކެމްޕެއިންގައި ވެސް، ބައެއް ގެތަކަށް ވަޑައިގެން މައުމޫންގެ ހާލަތު ކިޔައިދިނީމަ ރޯން ފަށަނީ،" އަލީމް ވިދާޅުވި އެވެ.