11 ސެޕްޓެމްބަރ 2018 - 14:12

ނިއު ދިއްލީ (ސެޕްޓެމްބަރު 11) - ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވަމުންދާތީ އިންޑިއާގެ އެކި ހިސާބުތަކުގައި އިއްޔެ މުޒާހަރާ ކުރަން ފަށައިފި އެވެ.
މުޒާހަރާތައް ކޮށްފައިވަނީ އިދިކޮޅު ޕާޓީގެ ބާރު އޮންނަ ސްޓޭޓުތަކުގަ އެވެ. މުޒާހަރާއާ ގުޅިގެން ވަނީ ވިޔަފާރިތަކާއި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް އިއްޔެ ބަންދުކޮށްފަ އެވެ. މުޒާހަރާތައް ބާއްވާފައި ވަނީ ކެރަލާ، ވެސްޓް ބެންގާލް، މުމްބާއީ އަދި ބެންގަލޯރު ފަދަ ސިޓީތަކުގަ އެވެ. މީގެ އިތުރުން ބިހާރު މަދިޔަ ޕްރަދޭޝް ފަދަ ސްޓޭޓުތަކުގައި ބޭއްވި މުޒާހަރާތައް ވަނީ ހަމަނުޖެހުމަށް ބަދަލުވެފަ އެވެ.
ޖަސްޓިސް މިނިސްޓަރު ރަވީ ޝަންކަރު ޕްރަސާދު ވިދާޅުވީ ތެލުގެ އަގު ބޮޑުވުމުގައި ސަރުކާރުން ކުރާނެ ކަމެއް ނެތް ކަމަށާއި އެއީ ބޭރު ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ކަމަށެވެ.
އެކަމަކު އިދިކޮޅު ލީޑަރު ރާހުލް ގާނދީ ވިދާޅުވީ ތެލުގެ އަގު ބޮޑުވެ އިންޑިއާ ފައިސާގެ އަގު ވެއްޓެމުން ދަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
ރުޕީސްގެ އަގު މި މަސްތެރޭ ވަނީ ދެ ޕަސެންޓް ދަށްވެފަ އެވެ. ރުޕީސްގެ އަގު ދާދި ފަހުން ވަނީ 72 އަށް ވެއްޓިފަ އެވެ. މި އަހަރު ފެށުނު ފަހުން ވަނީ 12 ޕަސެންޓް ދަށްވެފަ އެވެ. އަހަރު ފެށުނު އިރު އަގު ހުރީ ޑޮލަރަކަށް 63.67 ރުޕީސްގަ އެވެ.
އިންޑިއާ އަށް ބޭނުންވާ ތެލުގެ ތިން ބައިކުޅަ ދެ ބަޔަކީ އިމްޕޯޓް ކުރާ ތެލެވެ.