12 ސެޕްޓެމްބަރ 2018 - 06:57

މިހާރު އަހަރެއްގެ ތެރޭގައި އެންމެ ގިނަ ފިލްމްތަކުގައި މަސައްކަތްކުރާ އެއް އެކްޓަރަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ރާޖްކުމާރް ރާއޯ އެވެ. އޭނާގެ "އޮމެރްތާ" އާއި "ފެނީ ހާން" އަދި "ސްޓްރީ" މިހާރު ސިނަމާތަކަށް އައިސްފާ އިރު، ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ލަވް ސޯނިއާ"، "5 ވެޑިންސް"، "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ" ލަގާ" އަދި "މެންޓަލް ހޭ" ކިޔާ ހިމެނެ" އެވެ.
ރާޖް މިހާރު ވަނީ ހެންސަލް މެހެތާ ޑައިރެކްޓް ކުރާ ސޯޝަލް ކޮމެޑީ "ތުއްރަމް ހާން" އަށް ވެސް ސޮއިކޮށްފަ އެވެ.
ރާޖް ސޮއިކޮށްފައިވާ ފިލްމްތަކުގެ ތެރެއިން "މޭޑް އިން ޗައިނާ" ގެ ޝޫޓިން މިހާރު ވަނީ ފަށައިފަ އެވެ. މި ފިލްމަކީ މިހާރު ސިނަމާގައި އޮތް "ސްޓްރީ" ގެ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
ނިކިލް މުސާލޭ ޑައިރެކްޓް ކުރާ "މޭޑް އިން ޗައިނާ" ގެ ކާސްޓުންގެ ތެރޭގައި މޯނީ ރޯއި އާއި ބޮމަން އިރާނީ ވެސް ހިމެނެ އެވެ. މި ފިލްމް ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ އިންޑިއާގެ މިނިވަން ދުވަހުގަ އެވެ. އެއީ އޮގަސްޓް، 15، 2019 ގަ އެވެ.
އެ ތާރީހަކީ އާލިއާ ބަޓާއު ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" ވެސް ރިލީޒް ކުރަން އޮތް ދުވަހެވެ.
މި މަހުގެ 21 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" އަށް ފަހު، އެ ފިލްމްގެ ޑައިރެކްޓަރު ސްރީ ނާރަޔަން ސިންގް ވަނީ އަނެއްކާ ވެސް ޝާހިދާ ކަޕޫރާ އެކު ފިލްމެއްގެ މަސައްކަތް ކުރަން ނިންމައިފަ އެވެ.
އެ ފިލްމާ ބެހޭ ގޮތުން ނާރަޔަން ބުނީ އެއީ 1940 ގެ އަހަރުތަކުގެ ވާހަކައެއް ކިޔައިދޭ ޕީރިއަޑް ޑްރާމާއެއް ކަމަށެވެ.
މީގެ ވާހަކަ ބިނާ ކުރަނީ އިންޑިއާގައި މަޝްހޫރުވެގެން ދިޔަ "ވައިޓް ރިވޮލިއުޝަން" ގެ ބައްޕަގެ ލަގަބު ދީފައިވާ ޑރ. ވަރްގީސް ކްރިއެންއަށެވެ. ނާރަޔަން ބުނީ އޭނާގެ ވާހަކަ ބޮޑު ސްކްރީނަށް ގެނެސް ދޭނީ ވަރްގީސްގެ 2005 ގެ ބައޮގްރަފީ "އައި ޓޫ ހޭޑް އަ ޑްރީމް" އިން އިރުޝާދު ލިބިގެން ކަމަށެވެ. މި ފިލްމް ގެނެސް ދޭން ނިންމާފައި ވަނީ އެކްތާ ކަޕޫރްގެ ބަލާޖީއާ ގުޅިގެންނެވެ.
"ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އަށް ފަހު ނާޔަރަން ގެނެސްދޭ "ބައްތީ ގުލް މީޓަރު ޗާލޫ" އަކީ އިންޑިއާގައި ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ ކާސްޓުންނަކީ ޝާހިދާއި ޝްރަދާ ކަޕޫރްގެ އިތުރުން ޔަމީ ގޯތަމް އެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމް ކުރަން ތައްޔާރުވަމުން އަންނަ ޝިލްޕާ ޝެޓީގެ ޑޭ ޓިން ޝޯ "ހިއާ މީ ލަވް މީ" ގެ ލޯގޯ ދައްކާލައިފި އެވެ.
ޒުވާނުން އަންހެނުންނަށް ކަމުދާ ކަހަލަ ލޯބިވެރިޔަކު ހޯދައިދޭ ގޮތަށް ފަރުމާކޮށްފައިވާ "ހިއާ މީ، ލަވް މީ" އަކީ ފްރެމެންޓަލް މީޑިއާގެ އިޒްރޭލްގެ ގޮފި އެބޮޓް ހަމެއިރީ އާއި ފްރެމެންޓަލް މީޑިއާ އިންޑިއާ ގޮފި ގުޅިގެން ގެނެސްދޭ ޝޯއެކެވެ. މި ޝޯ އިން ފުރުސަތު ދޭނީ އުމުރުން 21-32 އަހަރާ ދެމެދުގެ އަންހެނުންނަށެވެ.
"ހިއާ މީ، ލަވް މީ" އާ ބެހޭ ގޮތުން ޝިލްޕާ ބުނީ ޝޯ ހޯސްޓް ކުރަން އެއްބަސްވި މައިގަނޑު ސަބަބަކީ އޭގެ ކޮންސެޓް އޭނާ އަށް ވަރަށް ކަމުދިއުމެވެ. މި ޝޯ ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.