11 ސެޕްޓެމްބަރ 2018 - 14:59

ފުލުހުން ބަދުނާމުކޮށް، ފުލުހުންނާއި ސަރުކާރާ މެދު ރައްޔިތުންގެ ވިސްނުން ބަދަލު ކުރުމަށް، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވާހަކަ ދައްކަވާ ކަމަށް ފުލުހުން ބުނުމުން އިބޫގެ ފަރާތުން އެކަން މިއަދު ދޮގުކޮށްފި އެވެ.
ކަނޑުމަތީ ހާލުގައި ޖެހުނު ބަޔަކު ފުލުހުންނަށް ގުޅުމުން އެއީ ކޮން ޕާޓީ އަކަށް ތާއީދު ކުރާ ބައެއްތޯ ފުލުހުން ސުވާލު ކުރިކަމަށް، މަސްވެރިއަކާ ހަވާލާދީ އިބޫ ވިދާޅުވުމުން ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންނާ ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް އިބޫ ދެއްކެވި ކަމަށާއި ހަގީގަތާ ހިލާފު ވާހަކަ ދެއްކުމަކީ ކުށަކަށް ވުމުން، ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އިބޫގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފްރަތު އުފެއްދުމަށް އިބޫ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.
އިބޫ ބައެއް ކަންކަން ފާހަގަ ކުރައްވަނީ އެ ގޮތަށް ހާމަ ނުކުރައްވަނީސް ފުލުހުން އޭގެ ޖަވާބު ރައްޔިތުންނަށް ނުދެއްވާތީ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަދި ފުލުހުން ކަންކުރަންވީ ގޮތަކީ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަހަލަ އެއްވެސް ގަސްތެއް. އެކަހަލަ ކަމެއް އަޅުގަނޑުމެންގެ ކެންޑިޑޭޓް ފަރާތުން ނޯންނާނެ،" މާރިޔާ ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ އަކީ ކޮރަޕްޓް ވެފައިވާ ތަނެއް ކަމަށް ވިދާޅުވެ އެ މުއައްސަސާގެ އަގު ވައްޓާލެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް މާރިޔާ ވިދާޅުވި އެވެ. އެ މައްސަލަ ތަހުގީގު ކުރަންތޯ މާރިޔާ ސުވާލު އުފެއްދެވި އެވެ. އެއީ ރައީސް ޔާމީން ހެއްދެވި އިތުރުފުޅެއްތޯ ނުވަތަ އޮޅުވާލަން ދެއްކެވި ވާހަކައެއްތޯ ޔަގީން ކުރަން ބޭނުންވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"ފުލުހުންގެ އަގު ވެއްޓޭނެ އެންމެ ބޮޑުކަމަކީ ގައުމެއްގެ ވެރިއަކަށް ހުންނަ މީހެއް ނުކުމެ އެ މުއައްސަސާ ވަނީ ކޮރަޕްޓްވެފައި ކަމަށް ބުނުމުން. އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ ފުލުހުން އެކަމާ ގުޅިގެން ކުރެއްވި ތަހުގީގެއް،"
މާރިޔާ ވިދާޅުވީ ފުލުހުން ދައްކާ ވާހަކަތަކުގެ ސަބަބުން މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމާ މެދު އާންމުންގެ މެދުގައި ޝައްކު އުފެދިފައިވާ ކަމަށެވެ.
މި ވަގުތު ފުލުހުން މަސައްކަތް ކުރަން ޖެހޭނީ މިނިވަން އިންތިހާބެއް ބޭއްވުމަށް ކަމަށް މާރިޔާ ވިދާޅުވި އެވެ. ފުލުހުންގެ ފަރާތުން މި ވަގުތު އަޑު އަހަން ބޭނުންވާ ވާހަކަތަކަކީ އިންތިހާބުގެ ކަންކަން ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ވާހަކަތައް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަހު (ފެބްރުއަރީ 8، 2012) ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި ފަދަ ނުރައްކާތެރި ބޮޑެތި ހަމަނުޖެހުންތަކެއް، މި ރިޔާސީ އިންތިޚާބާ ގުޅުވައިގެން ހިންގަން އުޅޭ ކަމަށް ޝިފާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
މާރިޔާ ވިދާޅުވީ އިންތިހާބު ނާކާމިޔާބު ވާނީ ކޮން ބަޔަކަށް ކަމެއް ނޭނގޭ އިރު ފުލުހުން އެ ގޮތަށް ބުނުމުން ސުވާލު އުފެދޭ ކަމަށެވެ.
"މިނިވަން އިންސާފުވެރި އިންތިހާބެއް ހިނގައިގެން ދާއިރު ކޮންމެ ކޮޅަކަށް ވެސް އޭގެ ނަތީޖާ އަތުވެދާނެ. އެހެންވީމަ ނަތީޖާ ނުކުންނަ ގޮތަކުން ކަންކުރާނީ ވަކި ބައެއް ކަމަކަށް ނޫން ވިސްނާނިއްޔެއް. ނަތީޖާ ބަލައިގަނޭތޯ ނުވަތަ ނޫންތޯ ވެސް. މިއީ ދެ ފަރާތަށް ވެސް ހަމަހަމަ ކޮށް އޮތް ކަމެއް،"
ފުލުހުންނާ މެދު އިތުބާރު ގެއްލެނީ ފުލުހުންގެ އަމަލުތައް ހުރި ގޮތުން ކަމަށް މާރިޔާ ވިދާޅުވި އެވެ. އެގޮތުން ގއ. ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ތުހުމަތުގައި އެމްޑީޕީ އަށް ސަޕޯޓް ކުރާ 18 މީހަކު އެކަނި ފުލުހުން ހައްޔަރުކޮށްފައިވުން މާރިޔާ ފާހަގަ ކުރެއްވި އެވެ.