12 ސެޕްޓެމްބަރ 2018 - 06:58

އެކްޓަރު އަޔޫޝްމަން ކުރާނާގެ ދެ ފިލްމެއް އަންނަ މަހު ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އަންނަ މަހު ރިލީޒް ކުރާ އޭނާގެ ދެ ފިލްމްގެ ތެރެއިން ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 5 އަށް ތާވަލުކޮށްފައިވާ ސްރީރާމް ރަގަވަންގެ މިސްޓްރީ ތުރިލާ "އަންދާދުން" އެވެ. މި ފިލްމްގައި އަޔޫޝްމަންއާ އެކު ފެނިގެން ދާނީ ތައްބޫ އާއި ރާދިކާ އަޕްޓޭ އެވެ.
ތުރިލާތައް އުފައްދަން ކުޅަދާނަ ރަގަވަންގެ "އަންދާދުން" އަކީ ސިއްރު މަރެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތް ދައްކުވައި ދޭނެ ފިލްމެކެވެ. އަޔޫޝްމަން ފިލްމްގައި ކުޅެފައި ވަނީ "ލޯ އަނދިރި" މީހެއްގެ ރޯލެވެ. ފިލްމްގެ ޓްރެއިލާ ވެސް މިހާރު ބެލުންތެރިންނަށް ދައްކާލައިފައިވާ އިރު، ރަގަވަންގެ ކުރީގެ ފިލްމްތަކާ އެއްގޮތަށް "އަންދާދުން" އަކީ ބެލުންތެރިން ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ފިލްމަކަށް ވާނެ އެވެ.
އޭނާ ޑައިރެކްޓްކޮށް އެންމެ ފަހުން ނެރުނު ފިލްމަކީ ވަރުން ދަވަން ވަރަށް ތަފާތު ރޯލަކުން ފެނިގެން ދިޔަ 2015 ގެ "ބަދްލާޕޫރް" އެވެ.
އަންނަ މަހު ދެން ރިލީޒް ކުރަން ހަމަޖެހިފައިވާ އަޔޫޝްމަންގެ އަނެއް ފިލްމަކީ "ބަދާއީ ހޯ" އެވެ. އަމިތު ރަވިންދްރަނާތު ޝަރްމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ކޮމެޑީ ޑްރާމާއެކެވެ. އަންނަ މަހުގެ 19 އަށް ތާވަލުކޮށްފައިވާ ފިލްމްގެ ލީޑުން ފެނިގެން ދާނީ "ޑަންގަލް" އިން ވިދާލި ބަތަލާ ސާނިޔާ މަލްއުތުރާ އެވެ.
"ބަދާއީ ހޯ" ވެގެން ދާނީ އޭނާގެ ތިން ވަނަ ފިލްމަށެވެ. ސާނިޔާގެ ދެވަނަ ފިލްމް "ޕަޓާޙާ" މި މަހުގެ 28 ގައި ސިނަމާތަކަށް އަންނާނެ އެވެ. އެ ފިލްމަކީ ވިޝާލް ބަރަދްވާޖްގެ ޑައިރެކްޝަނެކެވެ.
އެއް މަހެއްގެ ތެރޭގައި އަޔޫޝްމަންގެ ދެ ފިލްމެއް ސިނަމާތަކަށް އަންނަ އިރު، އެ ދެ ފިލްމަކީ ޖޯންރާގެ ގޮތުން ވަރަށް ތަފާތު ދެ ފިލްމެވެ، އެހެންވެ ބޮކްސް އޮފީހުގައި ދެ ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
ވަކިން ހާއްސަކޮށް "އަންދާދުން" އަށް ކުރެވޭ އުންމީދުތައް ބޮޑެވެ. ފިލްމްގެ ދެ ބަތަލާއިން ކަމަށްވާ ތައްބޫ އާއި ރާދިކާއަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އަބަދު ވެސް ވަރަށް ވަރުގަދަ، މޮޅެތި ރޯލްތައް ކުޅެން މަޝްހޫރު ދެ ބަތަލާއިންނެވެ.
އަޔޫޝްމަން، 33، ގެ ތިން ފިލްމެއް މިދިޔަ އަހަރު ސިނަމާ އަށް އަ އެވެ.
އެއީ ޕަރިނީތީ ޗޯޕްޅާއާ އެކު ކުޅުނު "މޭރީ ޕިޔާރީ ބިންދޫ" އާއި ކިރިތީ ސެނަންއާ އެކު ކުޅުނު "ބެރިލީ ކީ ބަރްފީ" ގެ އިތުރުން ބޫމީ ޕެޑްނޭކަރްއާ އެކު ކުޅުނު "ޝުބް މަންގަލް ސާވްދާން" އެވެ.
މި ތިން ފިލްމްގެ ތެރެއިން ފަހުން ބުނި ދެ ފިލްމަކީ ވަރަށް ކާމިޔާބު ދެ ފިލްމެވެ.