ކޮންޓްރެކްޓް އާކުރުމާ މެދު ނުވިސްނަން: ސައުތުގޭޓް
ކޮންޓްރެކްޓް އާކުރުމާ މެދު ނުވިސްނަން: ސައުތުގޭޓް

ލަންޑަން (ސެޕްޓެމްބަރު 11) – ކޮންޓްރެކްޓް އާކުރުމާ ގުޅޭ ގޮތުން ފަށައިގަތުމުގެ ވާހަކަތަކެއް ދެކެވިފައިވާ ކަމަށާއި އެކަމަކު މިވަގުތު ބޮޑަށް ފޯކަސްކުރަނީ ވަޒީފާ ރަނގަޅަށް އަދާކުރުމަށް އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓަކީ އިންގްލެންޑުގެ ކޯޗުކަމުން ސޭމް އެލަޑީސް ވަކިކުރުމަށް ފަހު ވަގުތީ ގޮތުން ގެނައި ކޯޗެކެވެ. އެކަމަކު ނަތީޖާތައް ރަނގަޅުވުމުން ދާއިމީކުރީ އެވެ. އަދި އޭނާ ވަނީ މި އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް އިންގްލެންޑް ގެންގޮސްދީ 1990 ވަނަ އަހަރުގެ ފަހުން މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާ ހޯދައިދީފަ އެވެ.

ސައުތުގޭޓް މިހާރު ކޮންޓްރެކްޓް ހަދާފައިވަނީ އަހަރަކު 1.8 މިލިއަން ޕައުންޑް ލިބޭ ގޮތަށް 2020 ވަނަ އަހަރާ ހަމަޔަށެވެ. އިނގިރޭސި އެފްއޭ ޗީފް އެގްޒެކެޓިވް މާޓިން ގްލެން ވިދާޅުވީ 2020 ވަނަ އަހަރުގެ ޔޫރޯގެ ފަހަށް ވެސް އޭނާގެ ކޮންޓްރެކްޓް އޮންނަން ބޭނުންވާ ކަމަށެވެ.

"މި ފަހަރުގެ ވޯލްޑް ކަޕް ވެގެންދިޔައީ އެންމެންނަށް ވެސް ތަފާތު ތަޖުރިބާއަކަށް. އަހަރެން ބޭނުމެއް ނޫން މެޗުތަކަށް ވުރެ ދުރަށް ވިސްނާކަށް. ސަބަބަކީ އެކަން ވެގެންދާނީ ސަމާލުކަމަށް އެޅޭ ހުރަހަކަށް. އަހަރެންގެ މިވަގުތުގެ ފޯކަސް ހުރީ މިރޭގެ މެޗަށް. އަދި މި ޓީމު ކުރެވޭ އެންމެ ވަރުގަދައެއް ކުރުމަށް،" ސައުތުގޭޓް ބުންޏެވެ.

އޭނާ ބުނީ ކޮންމެވެސް ވަރެއްގެ ވާހަކަތަކެއް ކޮންޓްރެކްޓާ މެދު ދެކެވިފައިވާނެ ކަމަށާއި އެކަމަކު ކުރިއަށް އޮތް 22 މަސް ދުވަހަށް ކޮންޓްރެކްޓެއް އޮތުމުން މިވަގުތަށް ވިސްނާނީ މިވަގުތު އަތުގައި އޮތް ވަޒީފާއަށް ކަމަށެވެ.

އެކުވެރިކަމުގެ މެޗެއްގައި އިންގްލެންޑުން މިރޭ ލެސްޓާގައި ސްވިޒަލެންޑާ ދެކޮޅަށް ނުކުންނާނެ އެވެ. ޔުއެފާ ނެޝަނަލް ލީގުގައި އިންގްލެންޑް ކުޅުނު ފުރަތަމަ މެޗުން ވަނީ 2-1 އިން ސްޕެއިން އަތުން ބަލިވެފަ އެވެ.