11 ސެޕްޓެމްބަރ 2018 - 12:30

ޕިއޮންޔަން (ސެޕްޓެމްބަރު 11) - އިތުރު ސަމިޓެއް ބޭއްވުމަށް އެދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ސިޓީއެއް ފޮނުވައިފި އެވެ.
އެމެރިކާ އިން ބުނެފައި ވަނީ ކިމްއާ އެކު އާ ސަމިޓަކަށް ތައްޔާރުވަމުންދާ ކަމަށެވެ. ވައިޓް ހައުސްގެ ތަރުޖަމާން ސާރާ ސެންޑާސް ވިދާޅުވީ ކިމްގެ ފަރާތުން ލިބުނު އުއްމީދީ ސިޓީން ދޭހަކޮށްދެނީ ޖޫން މަހު ޓްރަމްޕާ އެކު ބޭއްވި ސަމިޓުގައި އެއްބަސްވި ކަންކަމަށް ނޯތު ކޮރެއާ އިން އިހްތިރާމް ކުރާ މިންވަރު ކަމަށެވެ.
"ކިމްގެ ސިޓީގެ މައިގަނޑު ބޭނުމަކީ ޓްރަމްޕާ އެކު އިތުރު ސަމިޓަކަށް މަގު ފަހިކުރުން. އެކަމަށް އެމެރިކާ އިން ދަނީ ތައްޔާރުވަމުން،" ސެންޑާސް ވިދާޅުވި އެވެ.
އިތުރު ސަމިޓަކަށް ކިމް އިސްނެންގެވުމުން ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިން ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. ޓްރަމްޕާއި ކިމްގެ ފުރަތަމަ ސަމިޓް ބޭއްވުމުގައި ވެސް މޫން ވަނީ އިސް ރޯލެއް އަދާކުރައްވައިފަ އެވެ.