މުސްލިމުން ޕޮކެމޮން ކުޅުމާ ދުރުވާން ޖެހޭ ކަމަށް މެލޭޝިއާގެ ދީނީ ލީޑަރަކު ވިދާޅުވެއްޖެ
މުސްލިމުން ޕޮކެމޮން ކުޅުމާ ދުރުވާން ޖެހޭ ކަމަށް މެލޭޝިއާގެ ދީނީ ލީޑަރަކު ވިދާޅުވެއްޖެ

ކުއާލަ ލަމްޕޫރު (އޮގަސްޓް 7) - ޕޮކެމޮން ގޯ ގޭމް ކުޅުމާ މުސްލިމުން ދުރުހެލިވާން ޖެހޭ ކަމަށް މެލޭޝިއާގެ ދީނީ ލީޑަރަކު ވިދާޅުވެއްޖެ އެވެ.

ދީނީ ލީޑަރު ޒުލްކިފްލީ މުހައްމަދު އަލް ބަކްރީ ވިދާޅުވީ ކުއާލަ ލަމްޕޫރުގެ އިސްލާމިކް ލީގަލް ކޮންޒަލްޓޭޓިވް ކޮމިޓީން ވެސް ވަނީ ޕޮކެމޮން ގޭމް ކުޅުމާ މެދު ދީނީ އިލްމުވެރިންގެ ޚިޔާލުތައް ބަލައިގެންފައިވާ ކަމަށެވެ. ޕޮކެމޮން ގޯ ގޭމް ކުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އެއީ "ޖުވާ ކުޅުމަށް މަގުފަހިކޮށްދޭ ކަމެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕޮކެމޮން ގޯ އާއި ޕޮކެމޮންގެ އެހެން ގޭމްތައް ކުޅުމުން ދުރުހެލިވާން ޖެހޭ. އެއީ ރައްކާތެރި ކަމެއް ނޫން،" ގައުމީ ނޫސް އެޖެންސީ ބަރުނަމާ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ޕޮކެމޮން ގޭމް ރަސްމީކޮށް މެލޭޝިއާގައި އަދި ލޯންޗުކޮށްފައެއް ނުވެ އެވެ. ޕޮކެމޮން ރިލީޒްކުރި ގައުމުތަކުގައި އެ ގޭމް ވަނީ ވަރަށް ބޮޑަށް މަގްބޫލްވެފަ އެވެ.

ޕޮކެމޮން ގޯ ގޭމް ކުޅުން އީރާނުގައި ވަނީ މަނާކޮށްފަ އެވެ. އަދި އެ ގައުމަކީ މި ގޭމް ކުޅުން މަނާކުރި ފުރަތަމަ ގައުމު ވެސް މެ އެވެ. އިންޑޮނީޝިއާގައި ފުލުހުންނާއި ސިފައިން ޑިއުޓީގައި ތިބޭއިރު ޕޮކެމޮން ކުޅުން ވަނީ މަނާކޮށްފަ އެވެ. އަދި މެދުއިރުމަތީގެ އެހެން ބައެއް ގައުމުތަކުގައި މިހާރު ވަނީ ޕޮކެމޮން ކުޅުމުގައި ހަރުކަށި އޫސުލުތައް ކަނޑައަޅައި، ސަލާމަތީ ގޮތުން ރައްކާތެރި ނޫން ހިސާބުތަކުގައި ޕޮކެމޮން ގޯ ކުޅުން މަނާކޮށްފަ އެވެ.