11 ސެޕްޓެމްބަރ 2018 - 13:14

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ދުވަހުގެ ފަހު ދުވަސް ނުވަތަ ފެބްރުއަރީ 8، 2012 ގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި ފަދަ ނުރައްކާތެރި ބޮޑެތި ހަމަނުޖެހުންތަކެއް، މި ރިޔާސީ އިންތިޚާބާ ގުޅުވައިގެން ހިންގަން އުޅޭ ކަމަށް ބުނެ ފުލުހުން ނެރެފައި ވަނީ ސިޔާސީ އަދި ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރިންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ނޫސްވެރިންނާ ބައްދަލުކުރައްވައި އިއްޔެ ދެއްވި ބަޔާނެއްގައި ވިދާޅުވީ، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅުވައިގެން ހަމަނުޖެހުން ހިންގަން އުޅޭ ފަރާތްތަކުން ރާވަމުން ދަނީ ފެބްރުއަރީ، 8 ގައި ހިނގައިދިޔަ ފަދަ ބޮޑެތި ކަންތައްތަކެއް ހިންގުމަށް ކަމަށެވެ.
ފުލުހުންގެ އެ ބަޔާނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން، އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑީއާ ޖެނެރަލް އިބްރާހިމް ދީދީ "މިހާރު" އަށް ވިދާޅުވީ އެފަދަ ބޮޑު ހަމަނުޖެހުމެއް ހިންގުމަކަށް ބަޔަކު ރާވަމުންދާ ނަމަ އެކަން ތަހުގީގު ނުކޮށް ރައްޔިތުންގެ މެދުގައި އެ ވާހަކަ ދެއްކުމުން ސުވާލު އުފެދޭ ކަމަށެވެ.
"އެވަރުގެ ކަމެއް ހިންގަން ރާވަމުންދާ ނަމަ އެ ވާހަކަ ރައްޔިތުންގެ ކައިރީގައި ފުރަތަމަ ވެސް ދައްކަނީ ކީއްވެތޯ. ކީއްވެތޯ ތަހުގީގު ނުކުރަނީ؟،" އިބްރާހިމް ދީދީ ސުވާލު ކުރެއްވި އެވެ.
"މި ގޮތަށް ކަންތައް ކުރީމާ ރައްޔިތުންގެ މެދުގައި އުފެދެނީ ބިރުވެރިކަމާއި ނުތަނަވަސްކަން."
ފުލުހުންގެ ބަޔާނުގައި އެއްވެސް ފަރާތެއްގެ ނަން ބުނެފައި ނެތް ނަމަވެސް އެ ބަޔާނުގައި ވަކި ފަރާތްތަކެއް ބަދުނާމުކޮށް ވަކި ފަރާތަކަކަށް އިނގިލި ދިއްކޮށްފައިވާ ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ. ނަމަވެސް އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބަކަށް ނުކުމެ އުޅޭ އިރު ރައީސުލްޖުމްހޫރިއްޔާ އާއި ދެން ތިއްބެވި އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުން ވާނީ އެއްވަރު. ސަލާމަތީ ހިދުމަތްތަކުން، ސިފައިންނާއި ފުލުހުން ބަލަން ޖެހޭނީ ރައްޔިތުންގެ ނިންމުމަށް،" ސިފައިންގެ ވަޒީފާގައި 33 އަހަރު އުޅުއްވާފައިވާ އިބްރާހިމް ދީދީ ވިދާޅުވި އެވެ.
މީގެ އިތުރުން އިބްރާހިމް ދީދީ ވިދާޅުވީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ފަދަ މޭރުމަކުން ފުލުހުން ވާހަކަ ދެއްކި ނަމަވެސް އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އިދިކޮޅަށް އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން މި ކުރަމުންދާ ޑޯ ޓު ޑޯ ކެމްޕެއިނާއި ރަށްތަކުގައި ކުރާ ކެމްޕެއިންތަކުން އަޅުގަނޑުމެންނަށް ޔަގީން 70 ޕަސެންޓު ވޯޓު އަޅުގަނޑުމެންނަށް ލިބޭނެކަން،" އޭނާ ވިދާޅުވި އެވެ.
އިސްކަންދަރު ކޮށީގައި އިއްޔެ ފުލުހުން އިއްވި ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުގައި ހަމަނުޖެހުން އުފައްދަން އުޅެނީ މިއީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބޭރުގެ ބައެއް ގައުމުތަކަށް ދެއްކުމަށް ކަމަށެވެ.
"ސެޕްޓެމްބަރު، 23 ގައި، ބާއްވާ އިންތިހާބަކީ އިންސާފުވެރި އިންތިހާބެއް ނޫން ކަމަށް ބޭރުގެ ބައެއް ފަރާތްތަކަށް ދެއްކުމުގެ ގޮތުން ނުރައްކާތެރި ބައެއް އަމަލުތައް ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ވަނީ ލިބިފައި،" ފުލުހުންގެ ތަރުޖަމާން ޝިފާން ވިދާޅުވެފައިވެ އެވެ.
"ފުލުހުން ހިންގާ ބައެއް ތަހުގީގުތަކަށް މިކަމުގެ މައުލޫމާތު ލިބިފައިވާކަން ވެސް ދަންނަވާލަން."