11 ސެޕްޓެމްބަރ 2018 - 10:20

ގދ. ތިނަދޫގައި މި ސަރުކާރުން ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ގދ. ތިނަދު އަށް މިއަދު ވަޑައިގެންފި އެވެ.
ގައުމީ ކުލަތަކާއި ޕީޕިއެމަށް ނިސްބަތްވާ ފިޔާތޮށިކުލައިން ޒީނަތްތެރިކޮށްފައިވާ ތިނަދު އަށް އެމަނިކުފާނު މިއަދު ހެނދުނު ވަޑައިގަތްއިރު، މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.
ރިޔާސީ އިންތިޚާބަށް ދެ ހަފުތާ އަށް ވެފައި ވަނިކޮށް ތިނަދު އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ރަށުގައި ތަރައްގީކޮށްފައިވާ އިސްލާމީ މަރުކަޒާއި މިއުޒިއަމް ޕާކު ހުޅުއްވައި ދެއްވާނެ އެވެ.
އޭގެއިތުރުން، ތިނަދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމާއި ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އެ ރަށުގައި އިމާރާތް ކޮށްފައިވާ 120 ހައުސިންގ ޔުނިޓްތައް ވެސް ރައްޔިތުންނާ ހަވާލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ގާތްގަނޑަކަށް 7،000 މީހުންގެ އާބާދީއެއް ހިމެނޭ ތިނަދު އަކީ މި ސަރުކާރުން ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގި އެއް ރަށެވެ. ރައީސްގެ ދަތުރުފުޅުގައި، ވަޒީރުންނާއި ތިނަދު އަށް އުފަން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.