12 ސެޕްޓެމްބަރ 2018 - 06:56

ދެވަނަ ދަރިއަކު ހޯދަން މިހާރު ޕްލޭން ކުރަމުން އަންނަ ކަމަށް، މިދިޔަ ހަފުތާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.
އެކްޓަރު ސައިފް އަލީ ހާނާ 2012 ވަނަ އަހަރު ކައިވެނި ކުރި ބަތަލާ އަށް އަލަތު ދަރި ލިބުނީ 2016 ގަ އެވެ.
ޒީ ނެޓްވޯކްގެ ޓޯކް ޝޯއެއްގައި ކަރީނާ ބުނީ ތައިމޫރަށް ދެ އަހަރުވުމުން އޭނާ އާއި ސައިފް ދެވަނަ ކުއްޖަކު ހޯދަން ޕްލޭން ކުރަމުން އަންނަ ކަމަށެވެ. ކާމިޔާބު ބަތަލާ ބުނި ގޮތުގައި އެއީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ.
ތައިމޫރަށް ބަލިވެ އިނދެ، ވިހެއުމާ ހަމައަށް ކަރީނާގެ ހަށިގަނޑަށް އައި ބަދަލު ކުރީގެ ލޫޅާފަތި ކަމަށް ބަދަލުކުރަން، ދަރިފުޅު ވިހެއުމާ އެކު މަސައްކަތް ފެށި އެވެ. މި އަހަރުގެ ޖޫން މަހު ރިލީޒް ކުރި "ވީރޭ ދީ ވެޑިން" އަކީ އެ ބަދަލުތައް ހަށިގަނޑަށް ގެނެސްގެން ކަރީނާ ކުޅުނު ފިލްމެކެވެ.
ނަމަވެސް ދަރިފުޅު ވިހާފައި މަސް ދުވަސް ވެސް ނުވަނީސް ކަރީނާ އަލުން ޖިމަށް ގޮސް، ހަށިގަނޑު ކުރީގެ ބައްޓަމަށް ގެންނަން މަސައްކަތް ކުރުމުން ވަރަށް ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔާފައިވެ އެވެ. އެގޮތުން ދަރި އެއްލާލަފައި، ރީތިވާން މަސައްކަތް ކުރުން ނޫން ކަމެއް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ބުނެފައިވެ އެވެ.
ކަރީނާ ދާދި ފަހުން ބުނި ގޮތުގައި ދަރިއަކު ވިހެފާއި ވެސް ކުރިއެކޭ އެއްގޮތަށް އޭނާ އަލުން މަސައްކަތުގެ މައިދާނަށް ނުކުތުމަކީ އަންހެނުންނަށް ލިބޭނެ ހިތްވަރެކެވެ. އަދި ދަރިން ލިބުމަކީ ކެރިއަރަށް ނިމުން ގެންނަން ޖެހޭ ކަމެއް ނޫންކަން ސާބިތުކޮށް ދެވިއްޖެ ކަމަށް ބުނެފައިވެ އެވެ.
ކަރީނާ ދެވަނަ ކުއްޖެއް ހޯދަން ޕްލޭންކޮށްފައިވާ އިރު، ސައިފްގެ މިހާރު ވެސް ފުރާވަރަށް އަރާފައި ތިބި ދެ ކުދިން އެބަ ތިއްބެވެ. އެއީ ކުރީގެ ބަތަލާ އަމްރިތާ ސިންގްއާ ކައިވެނިކޮށްގެން ލިބުނު ސާރާ އަލީ ހާން، 24، އާއި އިބްރާހީމް އަލީ ހާން، 18، އެވެ.
ސާރާ މިހާރު އަންނަނީ ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވަމުންނެވެ. އޭނާގެ ފުރަތަމަ ފިލްމަކީ ރަންވީރް ސިންގްއާ އެކު ކުޅެ، އަންނަ ޑިސެމްބަރު 28 ގައި ރިލީޒް ކުރާ "ސިމްބާ" އެވެ.