12 ސެޕްޓެމްބަރ 2018 - 06:54

ޑްރޯނަކީ ހަމައެކަނި މުނިފޫހިފިލުވާލުމަށް ބޭނުންކުރާ އެއްޗެއް ނޫންކަން ދާދިފަހުން މެކްސިކޯގެ ސިޓީއެއްގައި ސާބިތުކޮށްދީފިއެވެ. އެންސެނާޑާ ސިޓީއަކީ މެކްސިކޯގެ އެހެން ހިސާބުތަކެކޭ އެއްގޮތަށް ޖަރީމާތައް ގިނަ ސަހަރެކެވެ. އެހެނަސް އެ ސިޓީގެ ފުލުހުން ގެންގުޅެން ފެށި އެންމެ ޑްރޯނެއްގެ ސަބަބުން އެ ސިޓީގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް 30 ޕަސެންޓް ދަށަށް ގޮސް، އާންމުކޮށް ކުށްކުރާ މިންވަރު ވެސް 10 ޕަސެންޓް ދަށަށް ދިޔަ ކަމަށް ބުނެފައިވެ އެވެ.
އެމެރިކާގެ ބޯޑަރުގެ ދެކުނަށް އޮންނަ އެންސެނާޑާގެ ފުލުހުން ބޭނުންކުރަމުން އަންނަ ޑްރޯނަކީ ޑީޖޭއައިގެ އިންސްޕަޔަރ1 މަރުކާގެ ކޮޑްކޮޕްޓައެވެ. މީގެ ޑްރޯން އެ ސަހަރުގެ ފުލުހުން ބޭނުންކުރާތާ ހަތަރު މަސްދުވަސްވެއްޖެއެވެ. މިހާތަނަށް 500އެއްހާ ކުށްވެރިން ވަނީ މީގެ އެހީގައި ހައްޔަރުކޮށްފަ އެވެ. އެންސެނާޑާގެ ފުލުހުންނަށް އާންމުންގެ ފަރާތުން ޝަކުވާއެއް އަތުވެއްޖެނަމަ އެ ސަރަހައްދަކަށް ފުރަތަމަ ފޮނުވާލަނީ މި ޑްރޯނެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ފަންސަވީހަކަށް ބުރު އަޅަންޖެހެއެވެ. ވައިގެ ތެރެއަށް ޑްރޯން ފޮނުވާލުމަށްފަހު ހުއްދަ އޮންނަ ކޮންމެ އޮފިސަރަކަށް ވެސް، މި ޑްރޯނުން ނަގާ މަންޒަރުތައް، އެ އޮފިސަރަކު ހުރި ތާކުން ވަގުތުން ބަލައިލެވެއެވެ.
އެންސެނާޑާގައި ބޭނުންކުރާ ކޮޑްކޮޕްޓަރުގެ ސޮފްޓްވެއާ އުފައްދާފައިވަނީ އެމެރިކާގެ ކެލިފޯނިޔާގެ ކުންފުންޏެއްކަމަށްވާ ކޭޕް އިންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި ކުށްވެރި އަމަލެއް ހިނގައިގެން ރިޕޯޓުކުރުމުން އެ ސަރަހައްދަށް ދާ ފުލުހުންގެ ކާރުތަކަށްވުރެ އަވަހަށް މި ޑްރޯނަށް އެހިސާބަކަށް ދެވެއެވެ. އަދި ފުލުހުން ދާންވާއިރަށް، ކްރައިމް ސީންގައި ހިނގާފައިވާ ކަންކަމާއި ޝައްކުކުރެވޭ ހަރަކާތްތައް ހުންނާނީ ޑްރޯންގައި ރައްކާކުރެވި، ފުލުހުން ވެސް އެ ވީޑިއޯތައް ދިރާސާކޮށްފައެވެ. އެހެންވެ، ކުށްވެރިން ހޯދަން ފަސޭހަވެއެވެ. ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ އެންސެނާޑާއަށް މީގެ 12 ކޮޑްކޮޕްޓަރުން ފުދޭނެކަމަށްވެއެވެ.
އެންސެނާޑާގެ ތަޖުރިބާއިން ބުރަވެވެނީ ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާތަކަށް ވުރެ މީގެ ޑްރޯންތަކަށް ނެގޭ މަންޒަރުތައް ގިނަވެފައި ނަތީޖާ ފުރިހަމަކަމަށެވެ. އަދި މިއީ ހެލިކޮޕްޓަރަށް ވުރެ އަގުހެޔޮ ވަސީލަތެއްވެސްމެއެވެ.