ސަރަހައްދުގައި ރާއްޖޭގެ މަގާމް ދިފާއުކުރަންޖެހިފައި!
ސަރަހައްދުގައި ރާއްޖޭގެ މަގާމް ދިފާއުކުރަންޖެހިފައި!

ސާފް ސަރަހައްދުގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޓީމަކީ އިންޑިއާ އެވެ. މި މުބާރާތުގައި އެ ގައުމުން ހޯދާފައިވާ ކާމިޔާބީ އާއި ވަރުގަދަ ލީގު ސިސްޓަމަށް ބަލާއިރު އެކަން ސާބިތުވެ އެވެ. އިންޑިއާ އެހާ ބޮޑު ލީޑެއްގައި އޮތްއިރު، ދެން އޮތް އެންމެ ވަރުގަދަ ޓީމަކީ ރާއްޖެ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެކަމަކު ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅައިގެ ނަތީޖާތަކަށް ބަލާއިރު މި މަގާމް ދިފާއުކުރަން ވަރަށް ބުރަ މަސައްކަތެއް ވަނީ ކުރަން ޖެހިފަ އެވެ.

ސަރަހައްދުގައި ރާއްޖޭގެ މަގާމް ދިފާއުކުރަންޖެހިފައި!
ސަރަހައްދުގައި ރާއްޖޭގެ މަގާމް ދިފާއުކުރަންޖެހިފައި!

ރާއްޖެ އެންމެ ފަހުން ސަރަހައްދުގެ މުބާރާތެއްގެ ފައިނަލުގައި ވާދަކުރީ 2009 ވަނަ އަހަރު އެވެ. އެ ފަހަރު ބަންގްލަދޭޝްގައި އޮތް ސާފްއިން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ވަނީ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ކުޅުނު ތިން ސެމީ ފައިނަލުގައި ވެސް ރާއްޖެ ވަނީ އިންޑިއާ އަތުން ބަލިވެ މުބާރާތުން ކަޓައިފަ އެވެ.

ސަރަހައްދުގެ މުބާރާތްތަކުގައި 2016 ވަނަ އަހަރު ވެސް ރާއްޖެ ވަނީ ދެ މަސް ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކަޓައިފަ އެވެ. އެއީ ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ބަންގުބަންދު ގޯލްޑް ކަޕާއި އިންޑިއާގެ ގުވަހާޓާގައި އޮތް ސައުތު އޭޝިއަން ގޭމްސް އިންނެވެ. އެ ދެ މުބާރާތުގެ ސެމީ ފައިނަލުން ވެސް ރާއްޖެ ކެޓީ ނޭޕާލްއާ ވާދަކޮށެވެ.

މިއީ ފަހަކަށް އައިސް ރާއްޖޭގެ ފުޓްބޯޅަ އަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުރިމަތިލާން ޖެހިފައިވާ ނަތީޖާތަކެވެ. އެހެން އޮއްވައި މި ފަހަރުގެ ސާފްގައި ރާއްޖެ އަށް ސެމީ ފައިނަލުގެ ޖާގަ ލިބިފައިވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ލަނޑެއް ނުޖެހި މޮޅެއް ނުލިބި އޮއްވައި ގުރުލައިގެންނެވެ. ސްރީ ލަންކާ އާއި އިންޑިއާއާ އެއް ގްރޫޕެއްގައި އޮވެ ރާއްޖެ އަށް ސެމީގެ ޖާގައެއް ލިބެން އޮތް މަގަކީ ގުރުއަތުލުން ކަމަށްވެއްޖެނަމަ ގިނަ ދިވެހި ސަޕޯޓަރުންނަށް އެކަން ބަލައިގަންނަން އުނދަގޫވާނެ އެވެ. އެއީ ލަންކާ އަކީ ފަހަކަށް އައިސް ރާއްޖޭން ފަސޭހައިން ބަލިކުރާ ގައުމަކަށްވާތީ އެވެ.

މި ފަހަރުގެ ސާފްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމަކީ ނޭޕާލް އެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ފަހު ވަގުތު ހިތްދަތި ގޮތަކަށް ޕާކިސްތާން އަތުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ބޫޓާނާއި މުބާރާތް ބާއްވާ ބަންގްލަދޭޝް ބަލިކުރުމަށް ފަހު އެ ޓީމު ވަނީ ސެމީން ފުރުސަތު ހޯދައިފަ އެވެ.

ނޭޕާލުން މިހާރު ހޯދަމުން އަންނަ ކާމިޔާބީ އަކީ މީގެ ފަސް އަހަރު ކުރިން އެ ޓީމުން ފެށި މަސައްކަތުގެ ނަތީޖާ އެކެވެ. އެ ޓީމުން ވަނީ މިދިޔަ އަހަރުތަކުގައި 19 އަހަރުން ދަށުގެ ދެ ސާފް ޗެމްޕިއަންޝިޕާއި 2016 ވަނަ އަހަރުގެ ބަންގުބަންދު ގޯލްޑް ކަޕާއި ސައުތު އޭޝިއަން ގޭމްސް ފުޓްބޯޅަ އިވެންޓް ކާމިޔާބު ކޮށްފަ އެވެ. ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރަޖަން ބުނީ މިހާރު އޮތް ޓީމަކީ އެ ކާމިޔާބީތައް ހޯދި ޓީމުތަކުގެ ތެރެއިން އުފެދިގެން އައި ޓީމެއް ކަމަށާއި އެ ޓީމަށް ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭ އަދި ގިނަ ކާމިޔާބީތަކެއް ހޯދޭނެ ކަމަށެވެ.

ތިން އަހަރު ވަންދެން ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއް ނެތި ޕާކިސްތާން މިދިޔަ ދުވަސްތަކުގައި އޮތީ އަޑިގަޑެއްގެ ތެރޭގަ އެވެ. ޕާކިސްތާން ސަރުކާރުގެ ނުފޫޒު ފުޓްބޯޅައިގައި އޮތުމުން އެ ގައުމަށް އޮތީ ކުރިއެރުމެއް ނުލިބި އެވެ. އެކަމަކު މިދިޔަ ޖުލައި މަހު ބްރެޒިލްގެ ކޯޗު ބްރެޒިލްގެ ހޯސޭ ނޮގޭރާ އެ ޓީމާ ހަވާލުވީ ބޮޑު ޕްލޭނަކާ އެކު އެވެ. އޭނާ މަސައްކަތް ފެށީ 56 ކުޅުންތެރިންނާ އެކު އެވެ. އޭނާ ފުރަތަމަ މަސައްކަތަކީ މިދިޔަ މަހުގެ އޭޝިއަން ގޭމްސް އެވެ. މިހާރު އެ ޓީމުން އެ އަންނަނީ ސާފްގައި ރަނގަޅު ވާދައެއްކުރަމުންނެވެ.

ނޮގޭރާގެ ނަޒަރުގައި ޕާކިސްތާން ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަށް ޖެއްސިދާނެ އެވެ. އެކަމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ އެ ގައުމަށް ކުޅެވޭ ގޮތަށް ތިބި ގިނަ އަދަދެއްގެ ކުޅުންތެރިން ޔޫރަޕްގެ ގައުމުތަކުގައި ކުޅޭތީ އެވެ. ޕާކިސްތާނުން މި ފަހަރުގެ މުބާރާތުގައި ކަނޑައެޅި އެއް ޓާގެޓް މިހާރު ހާސިލްވީ އެވެ. އެއީ ސެމީގެ ޖާގައެކެވެ. އެ ގައުމުގެ ފުޓްބޯޅަ އަލުން ކޮޅަށް ޖަހަން މަސައްކަތް ފަށާފައިވާއިރު، އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ ދެން އޮތް ސާފް މުބާރާތް ކާމިޔާބު ކުރުމަށެވެ.

ސަރަހައްދުގެ ގިނަ ގައުމުތަކުގައި މަސައްކަތް ކޮށްފައިވާ ނިޒާމް ޕަކީރު އަލީ ލަންކާ ޓީމާ ހަވާލުވީ އެ ގައުމުގެ ފުޓްބޯޅަ ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ. މި ފަހަރުގެ މުބާރާތުން ލަންކާ ކަޓައިގެން ދާން ޖެހުނީ ހިތްދަތި ގޮތަކަށެވެ. ހުރިހާ ގޮތަކުން ރާއްޖެއާ އެއްވަރުވެ، ގުރުން ނާކާމިޔާބުވެގެންނެވެ.

ލަންކާގެ އޮތީ ދުރު ރާސްތާ ޕްލޭނެކެވެ. އެ ޓީމުން ވިސްނަނީ މީގެ 10 އަހަރު ކުރިއަށެވެ. އޭރަށް ލަންކާގައި ވަރުގަދަ ލީގެއް ބާއްވައި ކާމިޔާބީތައް ތަކުރާރުކުރެވޭފަދަ ޓީމުތަކެއް އެކުލަވާލުމެވެ. ކުރިން ލަންކާ އަކީ ސަރަހައްދުގެ ފުޓްބޯޅައިގެ ބާރަކަށްވެފައި އޮތްއޮތުން އަލުން ގެންނާށެވެ. މިއީ ވާނެ ކަމެއް ކަމުގައި ޕަކީރު އަލީ ވެސް ގަބޫލުކުރެ އެވެ.

މި ސަރަހައްދުގެ ފުޓްބޯޅައިގައި ފަހަކަށް އައިސް އެންމެ ރަނގަޅު ކާމިޔާބެއް ހޯދި ގައުމަކީ ބަންގްލަދޭޝް އެވެ. ގަތަރު ބަލިކޮށް ބަންގްލަދޭޝް އޭޝިއަން ގޭމްސްގެ ދެ ވަނަ ބުރުގައި ކުޅުން ވެގެންދިޔައީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ. އެއީ ބަންގްލަދޭޝް އަށް ތާރީހީ ކާމިޔާބެކެވެ.

މި ފަހަރުގެ ސާފްގައި ދެ މެޗުން މޮޅުވި ނަމަވެސް ބަންގްލަދޭޝް އަށް ސެމީން ފުރުސަތު ނެތުމަކީ އެ ގައުމުގެ ފުޓްބޯޅަ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ޖޭމީ ޑޭ ގަބޫލެއް ނުކުރެ އެވެ. އަންނަ މަހު އޮތް ބަންގުބަންދު ގޯލްޑް ކަޕުގައި ރަނގަޅު ނަތީޖާއެއް ހޯދައިގެން ކުރިއަށް އޮތް މުބާރާްތްކުގައި ކާމިޔާބު ހޯދައި ސަރަހައްދުގައި ބަންގްލަދޭޝްގެ އަގުއުފުލައިދޭން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

ރާއްޖެ އަށް ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރަނީ 2008 ވަަނަ އަހަރުގެ ސާފް އެވެ. ރާއްޖޭގެ ޒުވާން ޓީމުން 2012 ވަނަ އަހަރު ލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތް ވެސް ކާމިޔާބުކުރި އެވެ. އެ ދެ ކާމިޔާބީއާ އެކު ވެސް ރާއްޖޭގެ ފުޓްބޯޅަ އިން ހެޔޮ ބަދަލުތަކެއް ފެނިގެންދިޔަ އެވެ. އެކަމަކު ފެނުނީ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ކުރިއެރުމެއް ނުލިބުނުތަނެވެ.

ރާއްޖޭން ވެސް ވަނީ ރަނގަޅު މަސައްކަތެއް ފަށައިފަ އެވެ. "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި ކުރިމަގަށް ޓީމެއް ބިނާކުރުމަށެވެ. އެކަމަކު އެ ފުރުސަތު ޒުވާން ކުޅުންތެރިންނަށް ލިބެން އޮތް އޭޝިއަން ގޭމްސް އަށް ޓީމެއް ނުފޮނުވަ އެވެ. އެ މަސައްކަތް ކޯޗު ޕީޓާ ސެގާޓް އެކުރަނީ ސާފް ސުޒުކީ ކަޕުގަ އެވެ. އެކަމަކު މިއީ ތަޖުރިބާކުރާ މުބާރާތެއް ނޫނެވެ. މިއީ ރާއްޖޭން ތަށްޓަށް ވާދަކުރާ މުބާރާތެވެ. އެހެންވީމާ ރާއްޖޭން ފެށި މަސައްކަތުގެ އަމާޒެއް އެބައޮތްތޯ ސުވާލު އުފެއްދިދާނެ އެވެ.

ސަރަހައްދުގެ އެހެން ގައުމުތަކުން އަމާޒުހިފާފައި އެ ހުރީ ފަސް ބެލުމެއް ނެތި ފުޓްބޯޅަ ކުރި އަރުވާށެވެ. އެކި މުބާރާތްތަކުން އެ ގައުމުތަކުން ހާސިލްކުރަން ބޭނުން ކާމިޔާބީތައް ހާސިލްކުރަމުން އަންނައިރު، ރާއްޖެ އަށް އޮތް ހިސާބުގައި އޮވެގެން ސަރަހައްދުގައި ރަނގަޅު މަގާމެއްގައި ނޯވެވޭނެ އެވެ. މަގާމު ދިފާއުކުރަން އަމާޒެއް އޮވެގެން މަސައްކަތްކޮށް ކާމިޔާބު ހޯދަން ޖެހެ އެވެ.