12 ސެޕްޓެމްބަރ 2018 - 06:58

ކެރިއަރުގެ ވަރަށް ކުރީކޮޅު ބަތަލާ ޝްރަދާ ކަޕޫރް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ އެކު ތިން ފިލްމެއްގެ އެއްބަސްވުމެއް ހެދި އެވެ. އެކަމަކު އޭނާ ކުޅުނީ އޭގެ ތެރެއިން އެންމެ ފިލްމެކެވެ. އެއީ 2011 ގެ "ލަވް ކާ ދި އެންޑް" އެވެ.
އެ ފިލްމްގެ ނާކާމިޔާބީއާ ގުޅިގެން ޝްރަދާ ވަނީ ވައިއާރްއެފްއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފަ އެވެ. އޭގެ ފަހުން އޭނާ އަށް އެ ސްޓޫޑިއޯގެ ފިލްމެއް ކުޅޭކަށް ނުލިބެ އެވެ. އެކަމަކު ބޮލީވުޑްގައި މިހާރު ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އެއް ބަތަލާ ހުރީ އަލުން ވައިއާރްއެފްގެ ފިލްމަކުން ފުރުސަތެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.
ދެހާސް ތޭރައިގައި ރިލީޒް ކުރި "އާޝިގީ 2" އިން ފިޔަ ޖަހަން ފެށި ބަތަލާ ބުނި ގޮތުގައި އަދިތިޔާ ޗޯޕްޅާގެ ވައިއާރްއެފުން އޭނާ އަށް ފުރުސަތު ލިބުނީ ކުޅުނު ފުރަތަމަ ފިލްމް ތީން ޕައްތީ (2010) ފްލޮވުމުން އޭނާ އަށް އެއްވެސް ފުރުސަތެއް އެއްވެސް ދިމާއަކުން ނުލިބި ވަނިކޮށެވެ.
"އެހެންވެ އެކަމަށް އަހަރެން ޝުކުރު އަދާ ކުރަން. އަހަންނަށް ވަރަށް ބޮޑަށް އިތުބާރުކޮށްފައި އާދީ އަހަންނަށް ލަވް ދި އެންޑް ދިނީ. އެކަމަކު އެ ފިލްމް ވެސް ފްލޮޕްވީ އިތުރު ވިސްނުމަކަށް ދާން ޖެހުނީ،" މިހާރު ސިނަމާތަކުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ސްޓްރީ" ގެ ބަތަލާ ބުންޏެވެ.
ޝްރަދާ، 31، ބުނި ގޮތުގައި ތިން ފިލްމްގެ އެއްބަސްވުމާ އެއްގޮތަށް އޭނާ އަމަލު ނުކުރުމުން އާދީއާ އޮތް ގުޅުމަށް ހީނަރުކަން ވެސް އަ އެވެ.
"އެކަމަކު އަހަރެން މިހާރު ގަބޫލު ކުރަނީ އަހަންނާ ދޭތެރޭގައި އާދީގެ ހިތުގައި އެއްވެސް ހިތްބަރު ކަމެއް ނޯންނާބެ ކަމަށް. އަދި ވައިއާރްއެފްގެ ފިލްމަކުން އަލުން ފުރުސަތެއް ލިބޭނެ ކަމުގެ އުންމީދު މި ހުންނަނީ،" ޝަކްތީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ. "އަހަރެން މި ހުންނަނީ އެ ސްޓޫޑިއޯއާ އެކު އަލުން މަސައްކަތްކޮށްލަން ވަރަށް ބޭނުންވެފައި."
"އޭކް ވިލަން" އާއި "ބާގީ އަދި "ހާފް ގާލްފްރެންޑް" ފަދަ ފިލްމްތައް ކުޅުނު ޝްރަދާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ފިލްމަކީ މި މަހުގެ 28 ގައި ރިލީޒް ކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.
އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އާ ފިލްމާއި އިންޑިއާގެ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާ އާއި "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސްއާ އެކު ކުޅޭ "ސާހޯ" ހިމެނެ އެވެ.