ސައުދީ އަންހެނަކާ އެކު ނާސްތާ ކުރި މިސްރު ފިރިހެނަކު ހައްޔަރުކޮށްފި
ސައުދީ އަންހެނަކާ އެކު ނާސްތާ ކުރި މިސްރު ފިރިހެނަކު ހައްޔަރުކޮށްފި

ރިޔާޒް (ސެޕްޓެމްބަރު 11) - ސައުދީ އަރަބިއާގެ އަންހެނަކާ އެކު ނާސްތާ ކުރި މިސްރުގެ ފިރިހެނަކު ސައުދީގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފި އެވެ.

ސައުދީ ހޮޓަލެއްގައި މަސައްކަތް ކުރާ މިސްރުގެ އެ މީހާ ވަނީ ސައުދީ އަންހެން މީހާއާ އެކު ނާސްތާ ކުރަމުން ދިޔަ މަންޒަރު ވީޑިއޯކޮށް ޓްވިޓާގައި އާއްމުކޮށްފަ އެވެ. ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނީ މޫނު ބުރުގާ އަޅައިގެން އިން އެ އަންހެން މީހާގެ އަތުން މިސްރު މީހާ އަށް ކާން ދޭ މަންޒަރު ފެނުމުންނެވެ.

ލޭބާ މިނިސްޓްރީން ބުނެފައި ވަނީ އެ ވީޑިއޯއާ ގުޅިގެން ޖިއްދާ އިން ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ސައުދީގެ މީޑިއާތަކުން ބުނެފައި ވަނީ އެއީ މިސްރު މީހެއް ކަމަށެވެ.

ލޭބާ މިނިސްޓްރީން ބުނީ މަސައްކަތުގެ މާހައުލުގައި ދެ ޖިންސް ވަކިން އުޅުމަށް ކަމާ ބެހޭ ފަރާތްތަކުން ހަދާފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާފައި ނުވާތީ ހޮޓަލުގެ ވެރިފަރާތް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި މި ވަނީ ސައުދީގައި އަންހެނުންނަށް ލުއިތަކެއް ދިނުމުގެ މަސައްކަތް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފައްޓަވާފައި ވަނިކޮށެވެ. އޭގެ ތެރޭގައި އަންހެނުންނަށް ކާރު ދުއްވުމާއި ސިނަމާތައް ހުއްދަ ކުރުމާއި އަންހެނުންނަށް ކުޅިބަލަން ސްޓޭޑިއަމްތަކަށް ދިއުން ހިމެނެ އެވެ.