11 ސެޕްޓެމްބަރ 2018 - 10:47

ވޮޝިންޓަން (ސެޕްޓެމްބަރު 11) - އެމެރިކާ މީހުންގެ މައްސަލަ ބަލާ ނަމަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވޮޝިންޓަނުން ދީފި އެވެ.

ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
އެމެރިކާ އިން މި އިންޒާރު ދީފައި ވަނީ އަފްޣާނިސްތާނުގައި ތިބި ގައިދީންތަކަކަށް އަނިޔާކުރި އެމެރިކާ ސިފައިންގެ މައްސަލަތަކެއް ބަލަން އައިސީސީން ތައްޔާރުވަމުން ދަނިކޮށެވެ. އެމެރިކާ އަކީ 2002 ވަނަ އަހަރު އުފެއްދި ކޯޓުގައި ބައިވެރިނުވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އައިސީސީން ބަލަނީ ގައުމީ ކޯޓުތަކުން ނުބަލައި ދޫކޮށްލައި ޖިނާއީ ބޮޑެތި މައްސަލަތަކެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ޖިނާއީ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިމެނެ އެވެ.
ވޮޝިންޓަނުގައި ވާހަކަ ދައްކަވަމުން ބޯލްޓަން ވިދާޅުވީ އެމެރިކާ ފަހަތުން އައިސީސީ އިން ދުވާ ނަމަ އެމެރިކާ އިން މަޑުން ނޯންނާނެ ކަމަށެވެ.
އައިސީސީއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތައް ކަމަށް ބޯލްޓަން ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުން އެމެރިކާ އަށް ވަނުން މަނާކުރުމާއި އެމެރިކާގައި ހުރި އެ މީހުންގެ މުދާ ހިފެހެއްޓުން ހިމެނޭ ކަމަށެވެ.
"އެމެރިކާގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭން އެ މީހުންނާ މެދު ވެސް ދައުވާ ކުރާނަން. އެމެރިކާ މީހުންނާ ދެކޮޅަށް އައިސީސީން ހިންގާ ތަހުގީގަށް އެހީތެރިވާ ގައުމުތަކަށް ވެސް މި ފިޔަވަޅު އަޅާނަން،" ބޯލްޓަން ވިދާޅުވި އެވެ.
އައިސީސީއާ ދެކޮޅަށް އެމެރިކާ އިން ފިޔަވަޅު އަޅަނީ ބޯލްޓަން ވިދާޅުވި ގޮތުގައި އެމެރިކާގެ ގައުމީ ސަލާމަތަށް އެ ކޯޓުގެ ސަބަބުން ނުރައްކާވުމުން ކަމަށެވެ.
ގާޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އައިސީސީ އަށް ގެންދިއުމުން ވެސް ބޯލްޓަން ވަނީ ފާޑުވިދާޅުވެފަ އެވެ.