11 ސެޕްޓެމްބަރ 2018 - 09:08

އުމުރުން 30 އަހަރުން މަތީގެ މީހުން، ހިތުގެ އުމުރު ބެލުމަށް ޕަބްލިކް ހެލްތު އިންގްލެންޑުން މިހާރު އަންނަނީ އިލްތިމާސްކުރަމުންނެވެ. އެ އިދާރާއިން ބުނަނީ ހިތުގެ އުމުރު އެނގުން މުހިންމުވަނީ ހާޓް އެޓޭކާއި ސްޓްރޯކުގެ ނުރައްކާ އޮތް މިންވަރު ވަޒަންކޮށް، އެ ކަންކަމުން ރައްކާތެރިވެ ހުރުމަށް ބާރެއްގެ ގޮތުން ކަމަށެވެ.
ޕަބްލިކް ހެލްތު އިންގްލެންޑުން އަންދާޒާކުރާ ގޮތުގައި އުމުރުން 75 އަހަރުން ދަށުގެ މީހުންގެ ހިތުގެ ސިއްހަތު ރަނގަޅު ކުރެވިއްޖެ ނަމަ، ހާޓް އެޓޭކް ޖެހުމުގެ ނުރައްކާ 80 ޕަސެންޓަށް ކުޑަކުރެވިދާނެ އެވެ. އެ އިދާރާއިން ބުނީ ދިރިއުޅުމުގެ އާދަތައް ގެންގުޅޭ ގޮތުން ކޮންމެ ހަތަރު މީހަކުން އެކަކީ ނުރައްކަލަށް ހުށަހެޅިފައިވާ މީހެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ލިބިގަތުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް އާދަޔަކަށް ހަދަންޖެހޭނެ ކަމަށް ޕަބްލިކް ހެލްތު އިންގްލެންޑުން ބުންޏެވެ.
ހިތުގެ އުމުރު ބެލުމަކީ ހިތުގެ ހާލަތު ވަޒަންކޮށްލައި، ދިރިއުޅުމުގެ އާދަތަކަށް ބަދަލު ގެންނަންޖެހޭކަން އަންގައިދޭނެ ކަމެކެވެ. މިއީ ސީދާ ކަނޑައެޅިގެން، ހިތުގެ އުމުރު ބަރާބަރަށް ބުނެދޭ ކަށަވަރު ޓެސްޓެއް ނޫނެވެ. އެކަމަކު މިއީ ސަމާލުވާންޖެހޭ ނަމަ އެކަން އަންގައިދޭނެ ޓެސްޓެކެވެ. ތިރީގައި އޮންލައިންކޮށް ޓެސްޓް ހަދަން ވަންނާނެ ލިންކެވެ.
https://www.nhs.uk/oneyou/be-healthier/check-your-health/heart-age-test
ބައި މިލިއަނެއްހާ މީހުން މި ޓެސްޓް ހެދިއިރު 78 ޕަސެންޓް މީހުންނަށް ދެއްކީ އެ މީހުންގެ އުމުރަށް ވުރެ އެ މީހުންގެ ހިތުގެ އުމުރު މަތިކަމެވެ. މާނަ އަކީ، ނުވާ ދުވަހަށް ހިތުގެ ހާލަތު ދަށްވެފައި ވުމެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންޖެހޭ
- ހަރަކާތްތެރިވެ އުޅުން އިތުރުކުރަންޖެހޭ
- އެކަށީގެންވާ ބަރުދަނެއް ބޭނުންވޭ
- ފައިބަ ހިމޭނެ ކާނާ އިތުރުކުރަންޖެހޭ
- ސެޗުރޭޓެޑް ފެޓް މަދުކުރަންޖެހޭ
- ތަރުކާރީ އާއި މޭވާ ކެއުން އިތުރުކުރަންޖެހޭ
- ލޮނު މަދުކުރަންޖެހޭ
- މަސް ކާންޖެހޭ
- މަސްތުވާތަކެއްޗާ ދުރުވާންޖެހޭ