10 ސެޕްޓެމްބަރ 2018 - 19:48

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ފޭރިގަތް މައްސަލާގައި އިތުރު ފިރިހެނަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ. އޭރު އޭނާގެ އަތުން ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ވެސް "މިހާރު"އަށް ވަނީ އެނގިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެންސިސްގެ ބޮޑު ފޭރުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރުމަށް އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި އެންސިސްގެ ފައިސާތައް މަގުމަތިން ފޭރުނީ، ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން އަށް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އެންސިސްގެ ދެ މުވައްޒަފުން ވެސް ހިމެނެ އެވެ. ނަމަވެސް ފުލުހުންގެ ބަންދުގައި މިހާރު ތިބީ އޭގެ ތެރެއިން ކިހާ މީހުންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.