މުދަލު ޒަކާތް ދައްކާ ނަމަ އިގުތިސާދު މުއްސަނދިވާނެ: މުނައްވަރު
މުދަލު ޒަކާތް ދައްކާ ނަމަ އިގުތިސާދު މުއްސަނދިވާނެ: މުނައްވަރު

މުދަލު ޒަކާތް ވާޖިބުވާ އެންމެން ފުރިހަމަ ގޮތުގައި މުދަލު ޒަކާތް ދައްކާ ނަމަ، ރާއްޖޭގެ އިގުތިސާދު ވަރަށް މުއްސަނދިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.

ޒަކާތު ފަންޑުގެ އެހީގައި މަތީ ތައުލީމު ހާސިލްކުރަން ދޭ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ކޮންމެ މީހަކީ ވެސް މުދަލު ޒަކާތް ވާޖިބުވާ މީހެއްތޯ ބަލަން ޖެހޭ ކަމަށެވެ. އެކަން ބެލުމަށް ފަހު ޒަކާތް ވާޖިބުވާ އެންމެން ޒަކާތް ދައްކަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުނައްވަރު ވިދާޅުވީ ޒަކާތް ވާޖިބުވާ މީހުން ޒަކާތް ދައްކާ ނަމަ މަތީ ތައުލީމު ހާސިލްކުރަން އެތައް ހާސް ސްކޮލަޝިޕްގެ ފުރުސަތުތައް ދަރިވަރުންނަށް ފަހިކޮށްދެވޭނެ ކަމަށެވެ.

"ކަރަކަރައިގައި ތިބެގެން ވާހަކަ ދައްކާކަށް ނުޖެހޭ. އަޅުގަނޑުމެންގެ މާލިއްޔަތަށް ދައްކަންޖެހޭ ބައި ދައްކަންޖެހޭ. އެ ބޭފުޅުންގެ ހައްގަކީ، ކިޔަވާ ކޮންމެ ކުއްޖަކަށް ލިބިގެންދާ ފައިދާއެއް. އެހެންވީމަ އެ ފައިސާ ނުދައްކާ، އެ ފައިސާ އަށް ހިޔާނަތްތެރިވެފައި ދެން އެންމެ ފުރަތަމަ އިސްލާހު ކުރަންޖެހިފައި ތިބި ބޭފުޅުންނަކީ އެ ބޭފުޅުން،" މުނައްވަރު ވިދާޅުވި އެވެ.

އިގުތިސާދު ކުރިއަރައިގެން އަންނަ ނަމަ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވާނެ ކަމަށާއި އެކަން އިސްލާމީ ގައުމުތަކުން ވެސް ފެނިފައިވާ ކަމަށް، އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒުވާނުންނަކީ ޒަކާތް ދައްކަން ބޭނުންވާ މީހުން ކަމަށެވެ. އެހެންވެ މުދަލު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދާއި ދައްކާނެ ގޮތް ކިޔައިދެވޭ ނަމަ ވަރަށް ފަސޭހަވެގެންދާނެ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަށް ބޭރުގެ ގައުމުތަކުގައި ބޭނުންކުރާ ޒަކާތު ކަލްކިއުލޭޓަރު ފަދަ ވަސީލަތެއް ތައާރަފުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

ރަނގަޅު އިގުތިސާދެއް ނެތީސް ޒަކާތުގެ ފައިސާ އިތުރެއް ނުވާނެ އެހެންކަމުން އިގުތިސާދީ ހަމަޖެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒަކާތުގެ ފައިސާ ވެސް މި އަންނަނީ ވިޔަފާރިވެރިން ވިޔަފާރިކޮށްގެން ލިބޭ ނަފާގެ ސަބަބުން. އެހެންވީމަ އިގުތިސާދީ ހަމަޖެހުން ވަރަށް މުހިއްމު. އިގުތިސާދު ކުރިއެރުން ވަރަށް މުހިއްމު. އިގުތިސާދުގައި ހުރި އަސާސްތައް ހިފެހެއްޓިފައި ހުރުން ވަރަށް މުހިއްމު. މި ހުރިހާ ކަމެއް ހަމަވެގެން ނޫނީ މި ބޭނުންވާ އިގުތިސާދީ ކުރިއެރުމެއް ނުލިބޭނެ،" މުނައްވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު ވައުދަކީ ޒުވާނުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ލޯނާއި ސްކޮލަޝިޕާއެކު ޖުމްލަ 10،000 އަށް ވުރެ މަތީ ތައުލީމްގެ ފުރުސަތު ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

ގިނަ މީހުންނަށް އަދި ވެސް މުދަލު ޒަކާތާ ބެހޭ މައުލޫމާތު އެކަށީގެންވާ ވަރަށް ނޭނގޭ ކަމަށާއި އެހެންވެ އެކަމުގެ މައުލޫމާތު ފޯރު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.