10 ސެޕްޓެމްބަރ 2018 - 15:14

ބެއިޖިން (ސެޕްޓެމްބަރު 10) - އަލިބާބާ ގްރޫޕުގެ ޗެއާމަންގެ މަގާމުން ޖެކް މާ ރިޓަރާ ކުރައްވާނީ މީގެ ބަރާބަރު އެއް އަހަރު ފަހުން ސެޕްޓެމްބަރު 10، 2019 ގައި ކަމަށް އަލިބާބާ ގްރޫޕް ހޯލްޑިން ލިމިޓެޑުން ބުނެފި އެވެ.
ޖެކް މާ ކުރިން ވިދާޅުވެފައި ވަނީ އީ-ކޮމާސް ކުންފުނިން އޭނާ ރިޓަޔާ ކުރައްވާނީ އޭނާގެ 54 ވަނަ އުފަން ދުވަސް ކަމަށްވާ މިއަދު ކަމަށެވެ. ނަމަވެސް އަލިބާބާ ގްރޫޕުގެ ބޯޑު މެންބަރުކަމުގެ މި ދައުރު ފުރިހަމަ ކުރައްވާ ރިޓަޔާ ކުރައްވަނީ އެއް އަހަރު ފަހުން ކަމަށް އެ ކުންފުނިން ސްޓާފުންނަށް ފޮނުވި ސިޓީއެއްގައި ވަނީ ބުނެފަ އެވެ.
ޖެކް މާގެ ބަދަލުގައި އަލިބާބާއާ ހަވާލުވާނީ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެނިއަލް ޒަންގް ކަމަށް ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
ޖެކް މާ ވިދާޅުވެފައި ވަނީ މައިކްރޯސޮފްޓުގެ ޗެއާމަން ބިލް ގޭޓްސް މިސާލަކަށް ނަންގަވައިގެން އުޅުއްވަން ބޭނުންވާ ކަމަށެވެ. ރިޓަޔާ ކުރެއްވުމަށް ފަހު ޖެކް މާ ނިންމަވާފައި ވަނީ ތައުލީމަށް ހިލޭ ސާބަހަށް ޚިދުމަތް ކުރެއްވުމަށެވެ.
ޗައިނާގެ ހެންގްޒޫ ސިޓީގެ ޔުނިވާސިޓީގައި އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖެކް މާ، އަލިބާބާގެ ވިޔަފާރި، ރަހުމަތްތެރިންތަކަކާ އެކު ފެއްޓެވީ އޭނާގެ އަމިއްލަ ފްލެޓުގައި ވަރަށް އާދައިގެ ގޮތަކަށެވެ. އެކަމަކު 1999 ވަނަ އަހަރު ޖެކް މާ އުފެއްދެވި އަލިބާބާ އަކީ މިހާރު ދުނިޔޭގައި އެންމެ ބޮޑު އެއް އިންޓަނެޓް ކުންފުންޏެވެ. އެ ކުންފުނީގެ މާކެޓް އަގު 420 ބިލިއަން ޑޮލަރަށް އަރަ އެވެ. ޖެކް މާގެ އަމިއްލަ މިލްކިއްޔާތުގައި 40 ބިލިއަން ޑޮލަރު އެބަހުއްޓެވެ. އޭނާ އަކީ ޗައިނާގައި ތިން ވަނަ އަށް އެންމެ މުއްސަނދި މީހާ ކަމަށް ފޯބްސް އިން ބުނެފައިވެ އެވެ.