10 ސެޕްޓެމްބަރ 2018 - 17:23

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން ސޮއި ކުރަމުން އަންނަ ލިސްޓުގެ ކޮޕީ ނުލިބިގެން އިދިކޮޅު ޕާޓީތަކުން ކަންބޮޑުވެއްޖެ އެވެ.
މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން މަންދޫބުން އަންނަނީ ސޮއި ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގައި ތިބެގެން، ސޮއި ކުރުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 25 މީހަކަށް ވަނީ ދީފަ އެވެ.
ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރާ ލިސްޓުގެ ކޮޕީއެއް ދޭން އިދިކޮޅު އެމްޑީޕީން ވަނީ އެދިފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ކޮޕީ ލިބިފައި ނުވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަމުން، އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ، އިންތިޚާބަށް އެ ކޮމިޝަނުން ދެ ލިސްޓެއް ގެންގުޅެދާނެ ކަމަށެވެ. މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމުގެ އިތުބާރެއް ނެތުމާއެކު، ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރާ ލިސްޓު ޕާޓީތަކަށް ލިބިފައި އޮތުން މުހިއްމު ކަމަށް އިދިކޮޅު އެމްޑީޕީން ބުންޏެވެ.
"އިލެކްޝަންސް ކޮމިޝަނުން ދެ ލިސްޓެއް ގެންގުޅެފާނެތީ އަޅުގަނޑުމެން ކަންބޮޑުވޭ. އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ ކެންޑިޑޭޓުންގެ މަންދޫބުން ސޮއިކުރާ ލިސްޓުގެ ކޮޕީއެއް ޕާޓީތަކަށް ލިބިފައި އޮތުން މުހިއްމޭ. ރަށްރަށަށް ފޮނުވަނީ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓުތޯ އަޅާކިޔަން އެނގޭނީ އޭރުންނޭ،" އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާން، މާރިޔާ އަހްމަދު ދީދީ ވިދާޅުވި އެވެ.
"އިލެކްޝަންސުން ގެޒެޓް ކޮށްފައި ވަނީ 45 ދުވަހުގެ ކުރިން އާންމުކޮށްފައި އޮތް ލިސްޓެއް. އޭގެ ފަހުން ރީ-ރަޖިސްޓްރީކޮށް ލިސްޓަށް ވަނީ ބަދަލުތަކެއް އައިސްފައި. އެހެންވީމަ އެއީ، ފުރިހަމަ ވޯޓާސް ލިސްޓެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީނަކީ ވެސް އިންތިޚާބުގެ ކެންޑިޑޭޓަކަށްވާއިރު، ވޯޓާސް ލިސްޓުގެ ކޮޕީ ނުލިބުން ޕީޕީއެމަށް މައްސަލައަކަށް ނުވާތީ ކަންބޮޑުވެވަޑައިގަންނަވަ އެވެ. ވޯޓުލާ މަރުކަޒުތަކަށް ފޮނުވަނީ، ކެންޑިޑޭޓުގެ މަންދޫބު ސޮއިކުރި ލިސްޓުތޯ ޕީޕީއެމަށް އަޅާކިޔައި މައްސަލައެއް ނެތް ކަން ވެސް ޔަގީންވާނީ، ލިސްޓު ލިބިގެން ނޫންތޯ މާރިޔާ ސުވާލު އުފެއްދެވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އެންމެ ފަހުގެ ވޯޓާސް ލިސްޓު ކެންޑިޑޭޓުންނަށް ފޮނުވާފައިވާނެ ކަމަށާއި ލިސްޓާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށެވެ. މަންދޫބުން ސޮއިކުރަމުން އަންނަނީ، ކެންޑިޑޭޓުންނަށް ފޮނުވި ލިސްޓުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަފާތު ލިސްޓެއް ނުގެންގުޅެން، ފައިނަލް ވޯޓާސް ލިސްޓު އޮންނާނީ ކެންޑިޑޭޓުންނަށް ފޮނުވާފައި. މަންދޫބުން ސޮއި ކުރައްވަމުން ވެސް އެ ގެންދަވަނީ އެ ލިސްޓާ އަޅާކިއުއްވުމަށް ފަހު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަންދޫބުން ސޮއިކުރާ ލިސްޓު ކެންޑިޑޭޓުންނާ ހަވާލުކުރުމަކީ އެއްވެސް އިންތިޚާބެއްގައި ކުރާ ކަމެއް ނޫނެވެ. ސޮއިކުރާ ލިސްޓު ފޮނުވާނީ ވޯޓުލާ މަރުކަޒުތަކަށް ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.