10 ސެޕްޓެމްބަރ 2018 - 14:17

އިސްލާމްއާބާދު (ސެޕްޓެމްބަރު 10) - މަލްޓި-ބިލިއަން ޑޮލަރުގެ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑާ (ސީޕީއީސީ) ކުރިއަށް ގެންދާ ޕާކިސްތާނާއި ޗައިނާ އިން އެއްބަސްވެއްޖެ އެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ޕާކިސްތާނަށް ކުރައްވާ ތިން ދުވަހުގެ ދަތުރުގައި ބޮޑު ވަޒީރު އިމްރާން ޚާންއާ ބައްދަލު ކުރައްވައި ވިދާޅުވީ ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.
ވަންގް ވަނީ ޕާކިސްތާނުގެ އާ ސަރުކާރާ ގުޅިގެން ޗައިނާގެ ލީޑަޝިޕުން މަސައްކަތް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިމްރާން ޚާން ޗައިނާ އަށް ރަސްމީ ދަތުރެއް ކުރެއްވުމުގެ ދައުވަތު ވަންގް ވަނީ ދެއްވައިފަ އެވެ.
އިމްރާން ޚާން ވިދާޅުވީ ޗައިނާއާ އެކު ޕާކިސްތާނުން ބާއްވާ ރަހުމަތްތެރިކަމުގެ ގުޅުމަކީ ޚާރިޖީ ސިޔާސަތުގެ މުހިންމު ބިންގަލެއް ކަމަށެވެ.
ސީޕީއީސީ ކުރިއަށް ގެންދާނެ ކަމަށް ޕާކިސްތާނުން ބުނެފައި މި ވަނީ ޗައިނާގެ ޒިންޖިއާންގައި މުސްލިމުންނާ މެދު ބެއިޖިން އިން ކަންތައް ކުރާ ގޮތާ މެދު ޕާކިސްތާނުގެ ޕީޓީއައި ސަރުކާރުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި އިމްރާން ޚާން ކުރިން ވަނީ ސީޕީއީސީ މަޝްރޫގައި އަޑިނޭނގޭ ކަންކަން ހިމެނޭ ކަމަށް ވިދާޅުވެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފަށް ފާޑު ވިދާޅުވެފަ އެވެ.