11 ސެޕްޓެމްބަރ 2018 - 09:13

މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރެވެނީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ އިރްފާން ހާން، ރަނގަޅުވެގެން އެނބުރި އިންޑިއާ އަށް އަންނާނެ އިރަކަށް ކަމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ބުނެފި އެވެ.

އިރްފާން ކުއްލި ގޮތަކަށް ބޮޑު ބައްޔެއްގެ ޝިކާރައަކަށްވިކަން މިދިޔަ އެޕްރީލް މަހު އިއުލާންކުރީ، ވިޝާލް ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރު ވަމުން އަންނަނިކޮށެވެ. އެ ފިލްމްގެ ބަތަލާއަކީ ދީޕިކާ ޕަދްކޯނެވެ.
މުމްބާއީ މިރާ އަށް ވިޝާލް ބުނީ މުމްބާއީގެ އަންހެން ގޭންގްސްޓާ ސަޕްނާ ދީދީގެ ވާހަކަ ކިޔައިދޭ ފިލްމު ހަދަން ބޭނުން ވަނީ އިރްފާނާ އެކުގައި ކަމަށެވެ. އަދި އިރްފާން މުހިއްމު ރޯލެއް ކުޅުނު 2015 ގެ ފިލްމް "ތަވްލާރް" ގެ ދެވަނަ ބައެއް ވެސް ހަދަން ނިންމާފައިވާ ކަމަށް ބުންޏެވެ.
އެ ފިލްމަކީ މި އަހަރު ރިލީޒް ކުރި "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ޑައިރެކްޝަނެކެވެ.
"އިރްފާން ބަލިން ރަނގަޅުވެގެން ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް އުންމީދު ކުރަން. އެ އިންތިޒާރީގައި މުޅި ބޮލީވުޑް ވެސް އޮތީ،" މި މަހުގެ 25 ގައި ރިލީޒް ކުރާ "ޕަޓާޙާ" ގެ ޑައިރެކްޓަރު ބުންޏެވެ. "ހިންދީ ސިނަމާ އަށް އިރްފާނަކީ އަބަދު ވެސް ވަރަށް މުހިއްމު މީހަކަށް ވާނެ."
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފަރުވާ އަށް ފަހު، އެނބުރި އައިސް އިފްރާން މަސައްކަތް ފަށާނެ ފުރަތަމަ ފިލްމަކީ މެޑޮކް ފިލްމްސް އިން މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ހިންދީ މީޑިއަމް" ގެ ދެވަނަ ބައެވެ. އަދި ޑައިރެކްޓަރު ސުޖިތު ސިރްކާސް ހަދަން ނިންމާފައިވާ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި އުދަމް ސިންގްގެ ބައޮގްރަފިކަލް ޑްރާމާ ވެސް އިރްފާނަށް ހުށަހަޅާފައިވެ އެވެ. ސުޖިތު އެކަން ކަށަވަރު ވެސް ކޮށް ދީފައިވެ އެވެ.
ވިޝާލް ބުނީ އިރްފާން އެނބުރި އައިސް ފަށާ ފުރަތަމަ ފިލްމް ވަކި ފިލްމަކަށްވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި އޭނާ ޕްރޮޑިއުސް ކުރާ ފިލްމް އިރްފާނަށް ވަގުތު ދެވެންދެން މަޑުކޮށްފައި ބޭއްވި ދާނެ ކަމަށް ބުންޏެވެ.
ފަރުވާ އަށް ގައުމުން ބޭރަށް ދިޔަ ފަހުން އިރްފާންގެ ތިން ފިލްމެއް މިހާތަނަށް ރިލީޒްވެފައިވެ އެވެ. އެއީ "ބްލެކްމެއިލް" އާއި "ކާރްވާން" އާއި ހޮލީވުޑް ފިލްމް "ޕަަޒަލް" އެވެ.
ފަރުވާ އަށް ނަގާނެ މުއްދަތެއް ބުނަން ނޭނގޭތީ އިރްފާން ދާދި ފަހުން ވަނީ އެމެޒޯން އަށް އޭނާ ކުޅެން ފަށާފައި އޮތް ވެބް ސީރީޒް "ގޯމިންޓް" އިން ވަކިވެފަ އެވެ.
އިރްފާނަކީ ވިޝާލްއާ އެކު ކާމިޔާބު ފިލްމްތަކެއްގެ މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭގެ ތެރޭގައި "ހައިދަރް"، "ތަލްވާރް"، "ސާތު ހޫ މާފް" އަދި "މަގުބޫލް" ފަދަ ފިލްމްތައް ހިމެނެ އެވެ.