ހެންސަލް މެހެތާގެ ފިލްމަކަށް އަނެއްކާ ވެސް ރާޖްކުމާރް ރާއޯ
ހެންސަލް މެހެތާގެ ފިލްމަކަށް އަނެއްކާ ވެސް ރާޖްކުމާރް ރާއޯ

ޑައިރެކްޓަރު ހެންސަލް މެހެތާގެ ފިލްމު "ޝާހިދު" ކުޅެގެން ނެޝަނަލް އެވޯޑް ހޯދި ހުނަރުވެރި އެކްޓަރު ރާޖްކުމާރް ރާއޯ އަނެއްކާ ވެސް ހެލްސަލްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފަހަރު އޭނާ ސޮއިކުރި ފިލްމަކީ ހެންސަލް ޑައިރެކްޓް ކުރާ ސޯޝަލް ކޮމެޑީ "ތުއްރަމް ހާން" އެވެ. މި ފިލްމްގައި ރާޖްއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ބަތަލާ ނުޝްރަތު ބަޗޫރާ އެވެ.

ރާޖް އާއި ނުޝްރަތު ވަނީ ލަވް ސެކްސް އޯރް ދޯކާ (2010) ގައި ވެސް ކުރިން އެކުގައި މަސައްކަތްކޮށްފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި "ތުއްރަމް ހާން" ގެ ޕްރޮޑިއުސަރުންނަކީ އަޖޭ ދޭވްގަން ލަވް ރަންޖަން އަދި އަންކޫރް ގަރްގް އެވެ.

ފިލްމާ ބެހޭ ގޮތުން ހެންސަލް ބުނީ އަނެއްކާ ވެސް ރާޖްއާ އެކު މަސައްކަތްކޮށްލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިއީ އޭނާ ފުރަތަމަ ފަހަރަށް ކޮމެޑީ ޖޯންރާގެ ފިލްމެއް ގެނެސްދޭ ފުރަތަމަ ފަހަރު ކަމަށްވާތީ، ތަޖުރިބާ ވަރަށް ތަފާތު ވާނެ ކަމަށް ބުންޏެވެ. ހެންސަލް ރާޖް އެކުގައި މަސައްކަތް ކުރި ފިލްމްތަކުގެ ތެރޭގައި "ސިޓީ ލައިޓްސް" "އަލީގަޅް" އަދި "އޮމެރްތާ" ހިމެނެ އެވެ.

ރާޖް ބުނި ގޮތުގައި "ތުއްރަމް ހާން" އަށް ސޮއި ކުރީ ސީދާ ހެންސަލް އަށް ކުރާ އިތުބާރުގެ މައްޗަށެވެ. އެހެންވެ ފިލްމްގެ ވާހަކަ އާއި ފެންވަރާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް ބުންޏެވެ.

ބޮކްސް އޮފީހުގައި މިހާރު ޖާދޫ ދައްކަމުން އަންނަ ހޮރޯ ކޮމެޑީ "ސްޓްރީ" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި "ލަވް ސޯނިއާ"، "5 ވެޑިންސް"، "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ"، "މެންޓަލް ހޭ ކިޔާ" އަދި "މޭޑް އިން ޗައިނާ" ފާހަގަކޮށްލެވެ އެވެ.