10 ސެޕްޓެމްބަރ 2018 - 12:32

ރިޔާސީ އިންތިހާބުގައި ތ. ކަނޑޫދުއަށް ކަނޑައަޅާފައިވާ އޮފިޝަލެއްގެ ގެޔަށް، އެ ރަަށަށް ފޮނުވި ވޯޓު ފޮށި ވެއްދި ކަމަށް ބުނާ މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަލަން ފަށައިފި އެވެ.
އީސީން ބުނީ އެފަދަ މައްސަލައެއް އެތަނަށް ހުށަހެޅުމުން، އެކަން ހިނގައި ދިޔަ ގޮތް މިހާރު ބަލަމުން އަންނަ ކަމަށެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު ވިދާޅުވީ އެ ރަށުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އީސީން ކަނޑައަޅާފައިވާ މީހާގެ ގެއަށް، މިދިޔަ މަހުގެ 30 ގައި ވެއްދި ވޯޓު ފޮށި، އޭނާ ކައުންސިލްގެ އިދާރާއަށް ގެންދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެހާ ގިނަ ދުވަހު ފޮށި ގޭގައި ބެހެއްޓީ ހަނދާން ނެތިގެން ކަމަށް އޭނާ ބުނި ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.
"ތިރީސް ވަނަ ދުވަހު އައި ދޯނިން ވޯޓު ފޮށި ބޭލި ގޮތަށް އޭނާ ގެންދިޔައީ ގެއަށް. އޭގެ ފަހުން އެ ވީނުވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެކަމަކު އެ ވާހަކަ މީޑިއާގައި ދައްކަން ފެށުމުން އޭނާ ރޭގެ ވަގުތެއްގައި ވޯޓު ފޮށި ކައުންސިލާ ހަވާލުކުރީ،" ނާސިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން، އެ ވޯޓު ފޮށި ހުންނަން ޖެހޭނީ ކައުންސިލްގައި."
އޭނާ ވިދާޅުވީ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ އެ މީހާގެ ގޭގައި، ވޯޓު ފޮށި ބެހެއްޓުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެއީ ވޯޓަށް ނުފޫޒު ފޯރުވައި، އޭގެ މައްޗަށް ބާރުފޯރުވިދާނެ ކަން އަންގައިދޭ ކަމެއް ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.
އެ މައްސަލަ ބަލަން އީސީއަށް ހުށަހެޅީ، ކަނޑޫދޫ ކައުންސިލުންނެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންނަށް ޕީޕީއެމްގެ އެކްޓިވިސްޓުން ނަގާފައިވާތީ އެކަމާ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި އޮފިޝަލުންނަށް ވުމަށް އަމިއްލައަށް ކުރިމަތިނުލާ މީހުންނަށް ވެސް އެ ފުރުސަތު ދީފައިވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ޝަކުވާ ކޮށްފަ އެވެ.